ގެނބިގެން މަރުވި ފުލުސް މީހާގެ ހަށިގަނޑު، އޭނާގެ އުފަން ރަށް ކާށިދޫއަށް

ގއ. ވިލިނގިލީ ކައިރީ އޮތް ފަޅު ރަށަކަށް ދަތުރުގޮސް އުޅެނިކޮށް ގެނބިގެން މަރުވި ފުލުސް މީހާ --- ސަން ފޮޓޯ

ގއ. ވިލިނގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް ގޮސް އުޅެނިކޮށް، ގެނބިގެން މަރުވި ފުލުސް މީހާގެ ހަށިގަނޑު އޭނާގެ އުފަން ރަށް، ކ. ކާށީދޫ އަށް ގެންދިޔުމަށް ނިންމައިފި އެވެ.

ފުލުހުންގެ ކޮންސްޓަބަލް މުހައްމަދު ހަނީފުގެ ހަށިގަނޑު މިވަގުތު އޮތީ، ގއ. ވިލިނގިލީގަ އެވެ.

ހަނީފްގެ އަންހެނުން ގއ ވިލިނގިލީ ލަބީނާ ޒުހައިރު "ސަން"އަށް މިރޭ ބުނީ މިހާރު ހަނީފްގެ ހަށިގަނޑު އޭނާގެ އުފަން ރަށް ކ. ކާށިދޫއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަނީފްގެ ހަށިގަނޑު ފުރަތަމަ ގެންދާނީ ގއ. ކޫއްޑޫ އެއާޕޯޓުުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މޯލްޑިވިއަނުން ބުނީ ހަނީފްގެ ހަށިގަނޑު ގެންނަ ފުލައިޓް ކޫއްޑޫއިން ފުރާނީ މިރޭ 10:30 ގައި ކަމަށެވެ.

ހަނީފު މަރުވީ ގއ. ވިލިނގިލީ ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ، ގއ. ރައިވެއްރެހާއަށް ގޮސް، އޭނާގެ އަންހެނުންނާއެކު މޫދަށް އެރި އުޅެނިކޮށެވެ. ހަނީފު ގެނބުނީ އެ ސަރަހައްދު މޫދުގައި އޮއި ބާރުވެފައި ވަނިކޮށެވެ. ހަނީފަށް ފަތަން އެނގުނަށް އޭނާ ގެނބެން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ.

ބައެއް މީޑިއާތަކަށް އޭނާގެ އަންހެނުން ލާބިޔާ ކިޔައިދިން ގޮތުގައި ފިރިމީހާ އޮޔާ ދިޔަ ވަގުތު، "ގޮތެއް ވާ ކަމަށް" ބުނި ކަމަށެވެ. ހަނީފުގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ ގެނބުނުތާ ދެ ގަޑިއިރު ފަހުންނެވެ.

ގއ. އަތޮޅު ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފުލުސް މީހާ މަރުވެފައިވާ ކަމަށެވެ.

comment ކޮމެންޓް