ޕީޕީއެމް ރެލީއަކަށް ނުގޮސްގެން، ސަރުކާރު މުވައްޒަފަކަށް ފިޔަވަޅެއް ނާޅާނެ: އަދުރޭ

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުންގެ މެންބަރުން ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ ސުވާލު ކުރައްވާނެ ކަމަށް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ބާއްވާ ރެލީތަކަށް ސަރުކާރު މުވައްޒަފުން ހާޒިރު ނުވި ނަމަވެސް އެއްވެސް މުއައްޒަފަކާ ދެކޮޅަށް ފިޔަވަޅެއް ނާޅާނެ ކަމަށް އެ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާތަކަށް ސަރުކާރު މުވައްޒަފުން ދާން މަޖުބޫރުކޮށް ހާޒިރުނުވާ މުއްޒަފުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ހަރަކާތްތަކުގައި ސަރުކާރު މުއައްޒަފުން ބައިވެރިވަމުން ދަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހިތުން ރުހުމުން ބޭނުން ވެގެން ކަމަށެވެ.ޭ

"ޕީޕީއެމްގެ ރެލީއެއްގައި ބައިވެރި ނުވެގެން އެއްވެސް މުއައްޒަފަކާ ދެކޮޅަށް ފިޔަވަޅެއް ނާޅޭނެ. ޕީޕީއެމްގެ ޖަލްސާއަކަށް ހާޒިރު ނުވެގެންނެއް ސަރުކާރު މުއްޒަފަކަށް އަދި ކުންފުންޏެއްގެ މުއައްޒަފަކަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅޭނެ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުވުމަށް ހުރިހާ ބަޔަކަށް ވެސް ދައުވަތު ދޭނެ ކަމަށާއި އެއީ މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ.

ޕީޕީއެމްގެ ޖަލްސާއަކަށް ހާޒިރު ނުވެގެން ފިޔަވަޅު އަޅާފައިވާ ސަރުކާރު މުއައްޒަފެއް ހުރިނަމަ އެކަން އެ ޕާޓީއާ ހިއްސާކުރެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު މުއައްޒަފުންގެ އިތުރުން ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކަށް އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދެއްވާނެ ކަމަށެވެ.

"ކުންފުނިތަކުގައި ތިބި އަޅުގަނޑުމެންގެ މުއައްޒަފުންނަށް ދަންނަވާނަން ޖަލްސާއަށް ވަޑައިގަތުމަށް. ސަރުކާރު އޮފީސްތަކުގައި ތިބި އަޅުގަނޑުމެންގެ މެންބަރުންނަށް ވެސް ދަންނަވާނަން ވަޑައިގެންދެއްވާށޭ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންޕާޓީގެ ހަރަކާތްތަކުގައި ބައިވެރި ނުވެއްޖެނަމަ އެ ފަރާތްތަކާ ސުވާލު ކުރާނެ ކަމަށެވެ.

comment ކޮމެންޓް