ރައްޔިތުންގެ ކަންބޮޑުވުންތަކަށް މާދަމާ ރައީސް އުފާވެރިކަން ގެނެސްދޭނެ: އަދުރޭ

އަބްދުއްރަހީމް ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައީސް ދައްކަވާ ވާހަކަފުޅުން ރައްޔިތުންނަށް އުންމީދު ތަކެއް ލިބޭނެ ކަމަށް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޕީޕީއެމުން މާލޭގައި މާދަމާ ރޭ ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވާ ހިތާބުގައި ގައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި ކަންތައްތަކަށް އުފާވެރި މެސެޖްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު ޖަލްސާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޖަލްސާއަކީ ޕީޕީއެމްގެ ސަރުކާރަށް އަންނަ މަހު ހަތަރު އަހަރު ފުރޭތީ، އެކަމަށް ތައްޔާރުވުމަށް ބާއްވާ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

"މާދަމާ ރޭގެ ޖަލްސާއަކީ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް. ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމުން އުންމީދު ކުރަނީ މާދަމާ ރޭގެ ޖަލްސާގައި ރައީސްގެ ސްޕީޗުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އުފާވެރިކަން ގެނެސްދޭނެ މެސެޖްތަކެއް ރައީސް ދެއްވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު ޖަލްސާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އަބްދުއްރަހީމް އެހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން ދެކަބަލުން ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅިގެން ކުރާނެ ކަންތައްތަކާ ބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މާދަމާ ރޭގެ ޖަލްސާއަކީ ޕީޕީއެމްގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގައި އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޕީޕީއެމުން ވަކިކުރެއްވުމަށްފަހު މި ފަހުން ބާއްވަން ތައްޔާރުވަމުންދާ ބޮޑު ޖަލްސާއެކެވެ.

އެކަމަށް އިޝާރަތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ މާދަމާ ރޭގެ ޖަލްސާއިން ފެނިގެން ދާނީ ކުރިން ވެސް އެ ޕާޓީން މާލޭގައި ބާއްވާ ފަދަ ބޮޑެތި ރެލީތަކެއް އަދިވެސް ބޭއްވިދާނެ ކަން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަޅުގަނޑުމެނަށް ޖަލްސާއެއް ބޭއްވޭނީ ހަމައެކަނި ޖަގަހަ ތަކުގައޭ. އެއީ ހަގީގަތެއް ނޫންކަން މާލޭގައި މިފަހުން ސިޔާސީ ބޮޑެތި ރެލީތައް ބާއްވާފައި ހުންނާނީ މި ޕާޓީން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް