އިންޑިއާ އަންހެން ކުއްޖަކު ކައިވެނިކުރުމަށް ކިޑްނީ ވިއްކާލަން މަސައްކަތްކޮށްފި

އެކާވީސް އަހަރުގެ އަންހެން ކުއްޖަކު ކައިވެނިކުރުމަށް ފައިސާ ހޯދުމަށް ޓަކައި ކިޑްނީ ވިއްކާލަން މަސައްކަތް ކުރަނިކޮށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އަންހެނުންގެ ކޮމިޝަނުން އެކަން ހުއްޓުވައިފި އެވެ.

އެ އަންހެން ކުއްޖާ ކިޑްނީ ވިއްކާލަން އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާ އަންހެން ކުއްޖާއާ ކައިވެނިކުރާނީ ފައިސާ ދިނުމުން ކަމަށް ބުނުމުންނެވެ. އެ ގޮތުން އެ އަންހެންކުއްޖާ އަށް ވަނީ 180،000 ރުފީސް ދިނުމަށް އޭނާގެ ލޯބިވެރިޔާ މަޖުބޫރުކޮށްފަ އެވެ.

ކުރިން ކައިވެނިކޮށް ވަރިވެފައިވާ އެ އަންހެން ކުއްޖާ ހުރީ އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރުމަށް ކެތްމަދުވެފަ އެވެ. އެންމެ ފަހުން އެ އަންހެން ކުއްޖާ ދިޔައީ ދިއްލީގެ ލޭޑީ ހާޑިންގެ ހޮސްޕީޓަލަށް ކިޑްނީ ވިއްކާލުމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ގޯހެއް އުޅޭހެން ހީވެގެން އެ އަންހެން ކުއްޖާ ދިއްލީގެ އަންހެނުންގެ ކޮމިޝަނާ ހަވާލުކުރި އެވެ.

ފުލުހުންނަށް އެ މައްސަލަ ފަހުން ހުށަހަޅި ނަމަވެސް އެ އަންހެން ކުއްޖާ ވަނީ އޭނާގެ ލޯބިވެރިޔާއާ ދެކޮޅަށް ދައުވާކުރުމަށް އިންކާރުކޮށްފަ އެވެ. އެ އަންހެން ކުއްޖާ ފަހުން ވަނީ އޭނާގެ މައިންބަފައިންނާ ހަވާލުކޮށްފަ އެވެ.

އިންޑިއާގައި ކައިވެނިކުރާ އަންހެނުން އެ މީހުންގެ ފިރިންނަށް ޑައުރީ ދިނުމަށް މަޖުބޫރުކުރުވުމަކީ ވަރަށް އާންމުކޮށް ހިނގާކަމެކެވެ. އަދި ޑައުރީ ނުދައްކައިފި ނަމަ އަންހެނުންނަށް އަނިޔާކޮށް މަރައިހެދުމަކީ ވެސް އިންޑިއާގައި ވަރަށް އާންމު ކަމެކެވެ. (ޙަލީޖްޓައިމްސް)

comment ކޮމެންޓް