"ސީޝާ" ބޮޑު ތިލަދުންމައްޗަށް!

ސަން އަށް ދެއްވި އިންޓަވިއުގައި ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ މުހައްމަދު އަފްރާހް

ސައިކަލަކީ ރާއްޖޭގައިވެސް މިހާރަކަށް އައިސް ގިނަބަޔަކަށް އެއާ ނުލައި ނޫޅެވޭފަދަ ވަސީލަތެކެވެ. ޚާއްސަކޮށް ބިން ބޮޑު ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް، މި އެއްގަމު އުޅަނދަކީ ވަރަށް މުހިއްމު ބައިވެރިއެކެވެ. އެހެންކަމުން ބޮޑު ހަރަދުކޮށްގެން ގަންނަ ސައިކަލް، ރީއްޗަށް ބެހެއްޓުމާއި، އެއަށް ދޭންޖެހޭ އެންމެހައިި ފަރުވާތައް ދީ ރަނގަޅަށް ބެލެހެއްޓުމަކީ މި އުޅަނދު ބޭނުންކުރާ ކޮންމެ މީހަކުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެވެ.

އާންމުގޮތެއްގައި ސައިކަލްފަދަ ތަކެތި، ވިއްކާ ފިހާރަތަކާއި އަދި އެފަދަތަކެތި މަރާމާތުކޮށް ބަލަހައްޓާ ރަނގަޅުފެންވަރުގެ ތަންތަން މިހުންނަނީ ވެރިރަށް މާލެ ފިޔަވައި ވަރަށް މަދު ރަށެއްގައެވެ. ނަމަވެސް މިފަހަރު ރާއްޖޭގެ އެންމެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލު އެތެރެކޮށް ވިއްކަމުންދާ އެންމެ ބޮޑު ކުންފުނި، "ޝީޝާ"ގެ ސާވިސް ސެންޓެރަކާއެކު އެ ކުންފުނީގެ އައުޓްލެޓެއް ހދ. ކުޅުދުއްފުށީގައި ހުޅުވުމަށް މިވަނީ ނިންމައިފައެވެ.

ޝީޝާގެ މާލޭގައި ހުޅުވާފައި ހުންނަ ޝޯ ރޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ޝީޝާގެ އައުޓްލެޓެއް މިމަހު 27 ގައި ހުޅުވަން ނިންމާފައިވާއިރު ކުޅުދުއްފުށީ ޝޯރޫމުން ވިއްކާ ސައިކަލުތައް، މާލެއާ އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށް ޝީޝާ އިން ބުނެއެވެ. ޝީޝާގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވުމާއެކު ސައިކަލުތަކަށް ބޭނުންވާ "އާފްޓަރ ސޭލްސް ސާވިސް" އާއި އިތުރު ހިދުމަތްތައް ވެސް އެތަނުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހޮންޑާ މަރުކާގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ ޝީޝާ އިން ކުޅުދުއްފުށީގައި ހުޅުވާ އައުޓްލެޓަކީ އެ ކުންފުނިން މާލެ ސަރަހައްދުން ބޭރުގައި ހުޅުވާ ދެވަނަ އައުޓްލެޓެވެ. ކުޅުދުއްފުށީ އައުޓްލެޓުން ސައިކަލު ވިއްކުމުގެ އިތުރުން ސާވިސްކުރުމާއި އަދި އިންސްޓޯލްމެންޓަށް ސައިކަލު ދޫކުރަން ހަމަޖެހިފައިވާކަމަށް ޝީޝާއިން ބުނެއެވެ.

ޝީޝާ ޝޯވރޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ޝީޝާއިން ކުޅުދުއްފުށީގައި އައުޓްލެޓެއް ހުޅުވާއިރު އެއާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން އަލަށް ހުޅުވާ އައުޓްލެޓުން ގަންނަ ސައިކަލުތަކަށް ހިލޭ ސާވިސް ދޭނެ ކަމަށް ޝީޝާ އިން ބުނެއެވެ.

"އަޅުގަނޑުމެންގެ އައުޓްލެޓް މިމަހު 27 ގައި ކުޅުދުއްފުށީގައި ހުޅުވާއިރު އެންމެ ފުރަތަމަ 27 ވަނަ ދުވަހު ހަވީރު ކުރިއަށް ދާނީ ކަސްޓަމަރުންނަށް މައުލޫމާތު ދިނުން. 28 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ސޭލްސް ކުރިއަށްދާނީ. މި އައުޓްލެޓް ހުޅުވާއިރު ކަސްޓަމަރުންނަށް އަޅުގަނޑުމެންދޭ އޮފާ އަކީ ސައިކަލު ގަތުމުން އިންނަ ސާވިސް ހިލޭ ދިނުން،" ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވިއެވެ.

ސަން އަށް ދެއްވި އިންޓަވިއުގައި ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ މުހައްމަދު އަފްރާހް

ޝީޝާއިން ބުނީ ކުޅުދުއްފުށީ އައުޓްލެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސައިކަލު ސާވިސް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޕީރިއޮޑިކް މެއިންޓެނެންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"މާލޭގައި އަޅުގަނޑުމެން ސާވިސް މި ފޯރުކޮށްދެނީ ހަމައެކަނި ޝީޝާ އިން ގަންނަ ސައިކަލުތަކަށް، އެކަމަކު ކުޅުދުއްފުށީގައި ހުޅުވާ އައުޓްލެޓުން ކެޕޭސިޓީ ހުރިވަރަކަށް ހޮންޑާ ބްރޭންޑްގެ ހުރިހާ ސައިކަލަކަށްވެސް ސާވިސް ފޯރުކޮށްދެވޭނެ،" ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވިއެވެ.

ސަން އަށް ދެއްވި އިންޓަވިއުގައި ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ މުހައްމަދު އަފްރާހް

ޝީޝާއިން ކުޅުދުއްފުށީގައި ހުޅުވާ އައުޓްލެޓާއެކު އެރަށަށް ވަޒީފާތަކެއްވެސް އިތުރުވެގެން ދާނެއެވެ. ޝީޝާގެ ވިސްނުމަކީ އަލަށް ހުޅުވާ އައުޓްލެޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޮޑު އިންސައްތައަކީ ދިވެހީންނަށް ހެދުމަށެވެ. ޚާއްސަކޮށް ކުޅުދުއްފުށީ މީހުންނަށް އިސްކަން ދިނުމަކީ ކުންފުނީގެ ވަރަށް ބޮޑު ވިސްނުމެކެވެ. ޝީޝާއިން ބުނީ، އައުޓްލެޓް ހުޅުވާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 70 އިންސައްތަ މުވައްޒަފުންނަކީ ދިވެހީންކަމަށް ވެގެންދާނޭ ކަމަށެވެ.

ސައިކަލު ވިއްކުމުގެ ވިޔަފާރީގައި 30 ވަނަ އަހަރު ގުނަމުންދާ ޝީޝާއިން ވަނީ ރާއްޖޭގެ ސައިކަލު މާކެޓް ޑޮމިނޭޓްކުރުމުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން ސައިކަލު ވިޔަފާރީގެ 90 އިންސައްތަ އަކީ ހޮންޑާ ސައިކަލު ކަމަށް އެ މާކެޓްގެ ތަފާސްހިސާބުތައް ދައްކައެވެ.

ޝީޝާ ޝޯރޫމްގައި ހުރި ސައިކަލުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޝީޝާ އިން ސައިކަލުގެ ވިޔަފާރި ކުރަން ފެށީ 1987 ވަނަ އަހަރުގައެވެ. އަދި އެކުންފުނީގެ ފުރަތަމަ ސާވިސް ސެންޓަރު ހުޅުވާފައިވަނީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރު އައްޑޫ ސިޓީގައި ޝީޝާގެ ޝޯ ރޫމާކާއެކު ސާވިސް ސެންޓަރެއް ވަނީ ހުޅުވައިފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އެކުންފުނިން ވަނީ ހުޅުމާލެގައި ވެސް އައުޓްލެޓެއް ހުޅުވައިފައެވެ. ހުޅުމާލެ އައުޓްލެޓުން ބޮޑަށް އިސްކަންދެނީ ސައިކަލުގެ ސާވިސްއަށް ކަމަށް ޝީޝާ އިން ބުނެއެވެ.

ބޮޑުތިލަދުންމައްޗާ ހަމައިން ޝީޝާގެ މި ޚިދުމަތް އަދި ނިމޭނީކީ ނޫނެވެ. އޮކްޓޯބަރު 27 ގައި ކުޅުދުއްފުށީގައި ޝީޝާގެ އައުޓްލެޓެއް ހުޅުވުމަށް ފަހު، އެކުންފުނިން ދެން އަމާޒު ހިފާނީ ހައްދުންމަތީގައި އައުޓްލެޓެއް ހުޅުވުމަށްކަމަށް ޝީޝާގެ ޗެއާމަން އަހުމަދު ހަސަން މަނިކު ވިދާޅުވިއެވެ.

ޝީޝާ ޝޯވރޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

ޝީޝާއަކީ ރާއްޖޭގައި ސައިކަލް ވިއްކާ އެންމެ ދުވަސްވީ، އަދި އެންމެ ފުޅާދާއިރާއެއްގައި މި ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. އެ ކުންފުނީގެ އަމާޒަކީ، ވީހާވެސް ރަނގަޅު ގޮތެއްގައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ސައިކަލާއި އަދި އެނޫންވެސް އެ ކުންފުނިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް