ހަންގަނޑު ރީތި ކުރުމަށް ފިރިހެނުންނަށް ވެސް މަސައްކަތް ކުރެވޭނެ!

--/

ޒީނަތްތެރިވުމަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއްނޫނެވެ. ތަފާތު ބުރަ މަސައްކަތްތައްކޮށް މޫނާއި ހަންގަނޑު އުޖާލާކޮށް ރީތިކޮށް ބެހެއްޓުމަށް އަންހެނުން މަސައްކަތް ކުރާ ފަދައިން ފިރިހެނުންނަށް ވެސް މަސައްކަތް ކުރެވޭނެ އެވެ.

އާންމުކޮށް ފިރިހެނުންނަކީ ފެންފޮދަކުން މޫނު ދޮވެލައިގެން ފުއްދާލާ މީހުންނެވެ. މޫނު ދޮވުމަށް ހާޢްސަ ސައިބޯންޏާއި ސްކްރަބް ބޭނުން ކުރާމީހުން މިހާރު އިތުރުވަމުން އައި ނަމަވެސް މޫނުގެ ހަންގަނޑަށް ދޭން ޖެހޭ ސަމާލުކަން އެންމެ ފުރިހަމަ ގޮތުގައި ފިރިހެނުން ނުދޭކަން ފާހަގަ ކޮށްލެވެ އެވެ.

މޫނުގެ ހަންގަނޑު ސާފުކޮށް، ރީތިކޮށް ބެހެއްޓުމަށް ފިރިހެނުންނަށް ގޭގައި ވެސް ކޮށްލެވިދާނެ ކަންތައް އެބަހުއްޓެވެ.

ނޯމަލް ސްކިން: ނޯމަލް ސްކިން ހުންނަ މީހުން މޫނުގައި އުނގުޅުމަށް ޕޭސްޓް ތައްޔާރުކޮށްލުމަށް ބޭނުން ވާނީ އެއް މޭޒުމަތީ ސަމުސާ ހިކި ކިރާއި މޭޒު މަތީ ސަމުސަލެއްގެ ހިމަ ގޮދަން އަދި ދެ މޭޒުމަތީ ސަމުސާ ލުނބޯ ހުތެވެ. މި ހުރިހާ އެއްޗެއް ރީތިކޮށް އެއްކޮށްލާ، ޕޭސްޓް ތައްޔާތުކޮށް މޫނުގައި އުނގުޅާށެވެ. އުނގުޅާނީ ސާކިއުލާ މޯޝަން އަށް ވާގޮތަށެވެ. ދިހަ ވަރަކަށް މިނެޓު ބެހެއްޓުމަށް ފަހު ރީތިކޮށް ފެނުން ދޮވެލާށެވެ.

ޑްރައި ސްކިން: ޑްރައި ސްކިން ހުންނަ މީހުންގެ މޫނުގައި އުނގުޅުމަށް ޕޭސްޓް ތައްޔާރު ކުރަން ބޭނުން ވާނީ ސައި ސަމުސަލެއްގެ އަލްމަންޑް އޮއިލް، އެއް ސަައި ސަމުސާ ލުނބޯ ހުތް، އެއް ސައިސަމުސާ ކެރެޓް ޖޫސް އަދި 1 1/2 ސައިސަމުސާ ޕްލެއިން ޔޯގަޓާ އެއް މޭޒުމަތީ ސަމުސާ އީސްޓް ޕައުޑާ އެވެ. މި ހުރިހާއެއްޗެއް ރީތިކޮށް އެއްކޮށްލާ މޫނުގައި އުނގުޅާފައި ބަހައްޓާނީ 20 މިނެޓު ވަރު ވަންދެނެވެ. ދެން ފެނުން ދޮވެލާނީ އެވެ.

އޮއިލީ ސްކިން: މޫނު ތެޔޮ މީހުންގެ މޫނު އުޖާލާކޮށް، މޫނުގައި ހުންނަ ޑެޑް ސްކިންތައް ދުއްވާލުމަށް ޕޭސްޓް ތައްޔާރުކުރުމަށް ބޭނުން ވާނީ ދެ މޭޒުމަތީ ސަމުސާ އޯޓްމީލް އާއި އެއް ސައިސަމުސާ މާމުއި އެއް މޭޒުމަތީ ސަމުސާ ލުނބޯ ހުތް އަދި އެއް ސައިސަމުސާ ކެރެޓު ޖޫހެވެ. މި ހުރިހާ އެއްޗެއް އެއްކޮށް ޕޭސްޓް ތައްޔާރުކުުރުމަށް ފަހު މޫނުގައި އުނގުޅާށެވެ. މި ޕޭސްޓް އުނގުޅާފައި، ހިކެންދެން ބަހައްޓަންވާނެ އެވެ. ޕޭސްޓްކޮޅު ހިކުމުން ފެންފޮދެއް އުނގުޅާ އަލުން ތެތް ކޮށްލާނީ އެވެ. ދެވަނަ ފަހަރަށް ހިކުމުން މޫނު ދޮވެލާނީ އެވެ.

comment ކޮމެންޓް