ތާލިބާނުން އަފްގާނިސްތާނުގައި ދިން ހަމަލާތަކެއްގައި 71 މަރު

ތާލިބާނުން އަފްގާނިސްތާނުގައި އިއްޔެ ދިން ހަމަލާތަކުގައި 71 މީހަކު މަރުވި -- ފޮޓޯ: ގެޓީ

ކާބުލް (އޮކްޓޯބަރު 18): ތާލިބާނުން އަފްގާނިސްތާނުގެ ދެ ޕްރޮވިންސަކަށް އިއްޔެ ދިން ހަމަލާތަކެއްގައި 71 މީހަކު މަރާލައިފި ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ޕަކްތިއާ ޕްރޮވިންސުގައި ހުންނަ ފުލުހުން ތަމްރީނު ކުރާ ސެންޓަރަކަށް އެއް ހަމަލާ ދިން އިރު ދެވަނަ ހަމަލާ ދިނީ ގަޒްނީ ޕްރޮވިންސަށެވެ. ޕަކްތިއާއިން މަރުވި މީހުންގެ އަދަދު 41ށް އަރާ އިރު ގަޒްނީއިން މަރުވި މީހުންގެ އަދަދު 30ށް އަރައެވެ.

ޕަކްތިއާގެ ގަވަރުނަރުގެ ނައިބު ހިދާޔަތުﷲ ހަމީދީ ވިދާޅުވި ގޮތުގައި ފުލުހުން ތަމްރީނު ކުރާ ސެންޓަރަކަށް ބޮމުގެ ހަމަލާދިނީ ފުލުހުންގެ ވެހިކަލެއް ވަގަށް ނަގައިގެންނެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެޕްރޮވިންސުގެ ޕޮލިސް ޗީފް ހިމެނޭ އިރު، އިތުރު 100 މީހަކަށް އަނިޔާވި ކަމަށް ހަމީދީ ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ތާލިބާނުން ވަނީ ޓުވިޓާ މެދުވެރިކޮށް އެހަމަލާގެ ޒިންމާ ނަގާފައެވެ. އަދި އެހަމަލާ އަމާޒު ކުރީ ފުލުހުންނަށް ކަމަށް އެޖަމާއަތުގެ ބަޔާނުގައިވެ އެވެ. ތާލިބާނުން އިއްޔެ އެހަމަލާ ދިން ވަގުތު ފުލުހުންގެ ސެންޓަރުގައި 450 މީހަކު ތިބި ކަމަށް އޮފިޝަލުން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް