ރެއާލް އާއި ޓޮޓެންހަމްގެ ކުރިމަތިލުން އެއްވަރު

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރެއާލްގެ ސެންޓިއާގޯ ބެރްނަބެއޫގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. މި މެޗު އެއްވަރުވުމާ ގުޅިގެން ގްރޫޕު އެޗްގައި މި ދެ ޓީމަށް ވެސް ކުޅުނު ތިން މެޗުން ވަނީ ހަތް ޕޮއިންޓު ލިބިފައެވެ. ދެ ޓީމު ވެސް ފައިދާ ގޯލުގެ ގޮތުން އެއްވަރު ވުމުން ޖެހި ގޯލުގެ އަދަދުން ގްރޫޕުގެ އެއްވަނަ ލިބެނީ ރެއާލް އަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފު ފެށިގެން ބޯޅަ ގިނަ ވަގުތު ގެންގުޅެ މޮޅަށް ކުޅުނީ ރެއާލް އިންނެވެ. ނަމަވެސް ލިބޭ ކައުންޓާ އެޓޭކުތަކުގައި ޓޮޓެންހަމް ވެސް ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައި ވަނީ ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އަރިމަތިން ހުރަސް ކުރި ބޯޅައަކުން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޓޮޓެންހަމް މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ ރެއާލްގެ ކޮޅަށް ރަނގަޅު ހަމަލާތަކެއް އުފައްދަން ފެށިއެވެ. ނަތީޖާ އަކަށްވީ ކަނާތު އަރިމަތިން ޓޮޓެންހަމްގެ ޑިފެންޑަރު ސާޖް އޯރިއާ ހުރަސް ކުރި ބޯޅަ ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ފައިގަ ޖެހި ގޯލަށް ވަދެ މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ލީޑު ނެގުމެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އާއި ޓޮޓެންހަމް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: އޭޕީ

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރެއާލްގެ ޓޯނީ ކްރޫސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލީ ރޮނާލްޑޯއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޓޮޓެންހަމްގެ ހެރީ ކޭންއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. ފެނާންޑޯ ލޮރެންޓޭ ދިން ބޯޅަ، ހުސްކޮށް ހުރި ކޭން ގޯލަށް އަމާޒު ކޮށްލިނަމަވެސް ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑާއި އަޕޮއެލް ބައްދަލު ކުރި މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

comment ކޮމެންޓް