ވަކީލުންނާއި ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާ އުސޫލު ހަރުދަނާ ކުރަން ޖެހޭ!

ޕެޓިޝަން ހުށަހެޅުއްވުމަށް ފަހު ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުން ނުކުމެވަޑައިގަންނަވަނީ: ފަނޑިޔާރުންނާއި ވަކީލުންނާ މެދު ފިޔަވަޅު އަޅަންޖެހޭނީ ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަނޑިޔާރަކު ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅަންޖެހޭނެ އެވެ. މުވައްކިލުންގެ ބަސް އިއްވަން ތިބޭ ގާނޫނީ ވަކީލުން ތަބާވާން ޖެހޭ އުސޫލުތަކާ ހިލާފުވިޔަސް ވެސް ފިޔަވަޅު އަޅަންޖެހޭނެ އެވެ. ނަމަވެސް ރާއްޖޭގެ އަދުލުގެ ނިޒާމުގައި އެ ދެބައި މީހުންގެ މައްޗަށް ފިޔަވަޅު އެޅުމުގައި އިންސާފުން އަމަލު ނުކުރާ ކަމުގެ އަޑުތައް މި ވަނީ ގަދަވެފަ އެވެ. ރިޓަޔާޑް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ހާލަތު ވަޒަންކުރާ މުރާސިލުންގެ ވާހަކަތަކުން ތުހުމަތުގެ އެ ނަޒަރިއްޔާއަށް ކަޅިއެއް ހިންގާލާނަމެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުން

މީގެ ނުވަ އަހަރު ކުރިން، 2008 އަހަރު އަމަލު ކުރަން ފެށި އާ ގާނޫނު އަސާސީގެ މަގުސަދަކީ ޑިމޮކްރަސީގެ އަސާސްތައް ނެގެހެއްޓުމެވެ. ދެފުށް ފެންނަ، ފާރަވެރި ނިޒާމެއް ގާއިމު ކުރުމެވެ. ގާނޫނު އަސާސީން ބާރުލިބިގެން އުފައްދާފައިވާ ކޮމިޝަންތަކުގެ ބޭނުމަކީ އެއީ އެވެ.

ފަނޑިޔާރުންނާ މެދު ފާރަވެރިވެ، ސުލޫކީ މިންގަނޑާ ހިލާފުވާ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ޓަކައި ގާނޫނު އަސާސީން ބާރުލިބިގެން، 2010 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނެއްގެ ދަށުން އުފެއްދި ކޮމިޝަނަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ.

ފަނޑިޔާރުންނާ މެދު އަމާޒުވާ ފާޑުކިޔުންތައް އެންމެ ފުރަތަމަ ރައްދު ވަނީ ޖޭއެސްސީއަށެވެ. އެ ކޮމިޝަނުން ފިޔަވަޅު އެޅުމުގައި އަމަލު ކުރަމުންދަނީ އެންމެ އަދުލުވެރި އިންސާފުވެރިގޮތަށްތޯ މިއީ ސުވާލެކެވެ.

މަތީ މަރުހަލާގެ ކޯޓެއްގެ ފަނޑިޔާރަކާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް 2013 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހެޅި އެވެ. އެ މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެހެން ފަނޑިޔާރުންނާ މެދު އެ ކޯޓުން އަމަލުކޮށްފައި ވަނީ އެއާ މުޅިން ޚިލާފަށެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުލްބާރީ ޔޫސުފާއި އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ލަތީފާ ގުޅޭގޮތުން 2013 ވަނަ އަހަރު ހުށަހެޅި ސުލޫކީ މައްސަލައަކާ ގުޅިގެން ވަގުތުން އެ ދެ ބޭފުޅުން ސަސްޕެންޑުކުރި އެވެ. މުއްދަތެއް ނެތް ގޮތަށެވެ. ތަހުގީގު ކުރިއަށް ގެންދިޔައީ ސަސްޕެންޝަންގައި ބައިތިއްބައިގެންނެވެ. ގާޒީ ބާރީގެ މައްސަލަ ނިންމީ ޖެހިގެން އައި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މެޖިސްޓްރޭޓް ލަތީފްގެ މައްސަލަ ނިންމާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މައްސަލަ ތަހުގީގުކޮށް ނިންމަން ވަކި މުއްދަތެއް ނެތެވެ. މައްސަލަ ނިންމަން ގިނަ ދުވަސްތަކެއް ހޭދަވެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތަށް ބައެއް ފަނޑިޔާރުން ވަޑައިގަންނަވަނި ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއް ގާއިމްކުރަންޖެހެ އެވެ.

މިހާރު އޮތް އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމުގެ އުސޫލު ހަރުދަނާކުރާ ނަމަ ފަނޑިޔާރުންގެ މައްސަލަ ތަހުގީގު ކުރާ ކޮމެޓީގައި ކޮމިޝަންގެ އެއްވެސް މެމްބަރަކަށް ބައިވެރިނުވެވޭ ގޮތް ހަދަން ޖެހޭ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ. އެއާއެކު މައްސަލަތައް ތަހުގީގުކޮށް ނިންމާނެ މުއްދަތެއް ކަނޑައަޅާފައި އޮތުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މިނިވަން ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު ތަހުގީގު ކޮމެޓީއަށް އައްޔަންކޮށް އެ ކޮމެޓީގައި ޖޭއެސްސީގެ މެމްބަރުން ނުހިމެނޭ ގޮތަށް ހަމަޖައްސަންވީ. އަނެއްކާ އެއް ކޮމެޓީއެއްގައި އަބަދު އެއްބަޔަކަށް ނުތިބެވޭ ގޮތް ހަދަންވީ. ކޮންމެ މައްސަލައެއް ތަހުގީގު ކުރަން ވަކި ކޮމެޓީއެއް ކަނޑައަޅަންވީ. އެހެންނޫނިއްޔާ މި ގޯސް ހަދަނީ،" ސުއޫދު ވިދާޅުވި އެވެ.

ނަމަވެސް ގާނޫނީ ވަކީލު މުހައްމަދު ޝާހު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީ މިހާރު އެކުލަވާލެވިފައިވާ ގޮތުން މިނިވަންކަމާ އެކު ތަހުގީގުތައް ކުރިއަށް ގެންދެވިދާނެ އެވެ. އޭނާ ވިދާޅުވަނީ އެ ކޮމިޝަންގައި ފަނޑިޔާރުން ތިބި ކަމުގައި ވިޔަސް އެއީ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރައްވަނީ މިހާރު ވެސް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ކޮމިޝަންގައި ހިމެނޭ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެ މައްސަލައަކުން އެ ފަނޑިޔާރު ތަނާޒުލްވާން ޖެހޭޖެހުމެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން މިހާރު އެކުލަވާލެވިފައި ވަނީ މުޅި ދައުލަތް ތަމްސީލު ކުރެވޭ ގޮތަށް. ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ތަމްސީލު ކުރެވޭ ގޮތަށް އެ ކޮމިޝަން އެކުލަވާލެވިފައި ވަނީ. އިސްލާމީ ޝަރީއަތުގެ އުސޫލަކީ މަޝްވަރާކޮށްގެން ކަންކަން ނިންމުން. އެހެންކަމުން މިހާރު އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތުން މަޝްވަރާގެ އުސޫލުން ގާނޫނާ އެއްގޮތަށް ނިންމުންތައް ނިންމޭނެ،" ޝާހު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުންނާ މެދު ފިޔަވަޅުން

ސުޕްރީމް ކޯޓުގެ ރޫލިންއެއްގެ ދަށުން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާމެދު ފިޔަވަޅު އެޅުމުގެ ބާރު އެ ކޯޓަށް ވަނީ ނަގައިފަ އެވެ. އެ ދުވަހުން ފެށިގެން އެކި އެކި ވަކީލުންނާ މެދު ފިޔަވަޅު އަޅަމުން އަންނައިރު، ގިނަ ވަކީލުންތަކެއް ދަނީ އެކަމުގައި އަމަލުކުރަމުން އަންނަ ގޮތާ މެދު ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ގާނޫނީ ވަކީލު މުހައްމަދު ހަމްޒާ ވިދާޅުވި ގޮތުގައި ވަކީލުން ސަސްޕެންޑުކުރުމަކީ އެބޭފުޅުންނާ މެދު އެޅި ފިޔަވަޅެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަ ބަލައި ނިމެންދެން ހަމައެކަނި ކޯޓުތަކުގައި ވަކާލާތު ކުރުން ހުއްޓިފައި އޮތަސް ގާނޫނީ ލަފާދިނުމާއި އެ ނޫން ވެސް ވަކީލެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެހެނިހެން ކަންތައްތައް ކުރުމަށް ހުރަހެއް ނެތެވެ.

"ކަމުގެ ހަގީގަތް ބަލައި ނިމެންދެން ސަސްޕެންޑުކުރުމަކީ އެއީ ގާނޫނީ ގޮތުން އޮތް ހުރަހެއް ކަމަށް ނުދެކެން. އަދި އެއީ ފިޔަވަޅެއް އެޅުން ކަމަށް ވެސް އަޅުގަނޑު ނުދެކެން،" ހަމްޒާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް 2015 ވަނަ އަހަރު ސަސްޕެންޑުކުރި ގޮތަށް އަދިވެސް އެ ހުރީ އެގޮތުގަ އެވެ. އޭނާގެ މައްސަލަ ބަލައި ގޮތެއް ނިންމާފައެއް ނުވެ އެވެ. ގާނޫނީ ވަކީލު އަލީ ހުސައިން ސަސްޕެންޑުކުރީ މިދިޔަ އަހަރު އެވެ. ސަސްޕެންޑުކުރިކަން އެނގިވަޑައިގަތީ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ޚަބަރުތަކުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވާ ގޮތުގައި މިއަދާ ހަމައަށް ވެސް އޭނާ ސަސްޕެންޑު ކުރި ސަބަބެއް އެއްވެސް މުއައްސަސާއަކުން އަންގާފައެއް ނުވެ އެވެ. ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދިފަހުން 54 ވަކީލުން ސަސްޕެންޑުކުރި ކުރުމަށް ބަލައިލާނަމެވެ. ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފައިވާ ގޮތުގައި އެ ވަކީލުން ސަސްޕެންޑުކުރީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ކޯޓުތަކުގެ އިހްތިސާސްތަކާއި ކޯޓުގެ އިޖުރާއަތުތަކާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފަށް ހުށަހެޅި ޣައިރު ގާނޫނީ ލިޔުމަކާ ގުޅިގެންނެވެ.

ޝަރުއީ ހުކުމްތަކުގެ އެންމެ ފަހު ނިޔާ ކަނޑައަޅާ ފަރާތް، ސުޕްރީމް ކޯޓަށް ވަޑައިގެން އެ ވަކީލުން ހުށަހެޅީ ޕެޓިޝަނެކެވެ. ޕެޓިޝަންގައި ފާހަގަކޮށްފައި ވަނީ ޝަރުއީ ދާއިރާގައި ހުރި ކަމަށް ބުނާ، މައްސަލަތަކެވެ.

ޣައިރު ހާޒިރުގައި ހުކުމް ކުރަން ފަށާފައިވާތީ، އެކަމުގެ ކަންބޮޑުވުމާއި ގާނޫނު އަސާސީ އިން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުގެ ބޭރުން އަމަލު ކުރާ ކަމުގެ ތުހުމަތާއި ޖޭއެސްސީ ހިންގުމުގައި އުސޫލުން ބޭރުވެފައިވާ ކަމަށް ބުނާ މައްސަލައިގެ ކަންބޮޑުވުމާ އެކު ވަކީލުން އެ ޕެޓިޝަން ހުށަހެޅީ މި އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. ވަކީލުންގެ ކަންބޮޑުވުން ފާހަގަކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅިތާ 10 ދުވަސް ފަހުން، އެ ވަކީލުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަކީލުން ސަސްޕެންޑުކުރިތާ ހަތް ދުވަސް ފަހުން ފެނިގެން ދިޔައީ އޭގެ ތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން އުވާލި މަންޒަރެވެ. ސަސްޕެންޝަން އުވާލީ މައާފަށް އެދުމުންނެވެ. އެއަށް ފަހު އިތުރު ވަކީލުންތަކެއް ވެސް މައާފަށް އެދުނެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ ކިހިނެތްތޯ އެވެ.

ވޭތުވެ ދިޔަ ހަ އަހަރު ޝަރުއީ ނިޒާމުގެ މައްސަލަތައް ދިރާސާކޮށް، އަދި މިހާރު ކޯޓުތަކުގައި ވަކާލާތު ކުރަމުންދާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވި ގޮތުގައި މައާފަށް އެދުމުން ސަސްޕެންޝަން އުވާލާ ކަމަށް ސުޕްރީމް ކޯޓުން އަންގާފައެއްނުވެ އެވެ. މައާފަށް އެދުނު ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލުމުން އެއީ އެކަމުގައި އަމަލު ކުރާ ގޮތް ކަމަށް ދެކިގެން ގިނަ ވަކީލުންތަކެއް މައާފަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ވަކީލުންގެ ސަސްޕެންޝަން އުވާލާފައެއްނުވެ އެވެ.

މަހުފޫޒު ވިދާޅުވި ގޮތުގައި ވަކީލުންނާ މެދު ފިޔަވަޅު އެޅުމަށް ވަކި މިނިވަން މުއައްސަސާއެއް އުފައްދަން ޖެހެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނަކުން ބާރު ލިބިގެން، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބާ ކައުންސިލް އުފައްދާފައިވެ އެވެ. އުސޫލާ ހިލާފުވާ ވަކީލުންނަށް ފިޔަވަޅު އެޅުމަށް ތިބެންޖެހޭނީ ރިޓަޔާޑު ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ތެރެއިން ހޮވާލެވޭ ބައެއް ކަމަށް މަހުފޫޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ހަރުދަނާކުރާ ނަމަ ފިޔަވަޅުއެޅިކަން ޓުވީޓަކުން އިއުލާންކުރުމުގެ ބަދަލުގައި ސީދާ އެ ވަކީލަކަށް އެކަން އަންގަންޖެ އެވެ. އަދި ފިޔަވަޅު އެޅުމުގެ ކުރިން ތުހުމަތު ކުރެވޭ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތުދީ އެ ވަކީލެއްގެ ބަޔާނެއް ނެގުމަކީ ދެފުށްފެންނަ ހަރުދަނާ އުސޫލެއްގައި އެކަންކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ވަކީލުންނާ ބެހޭ ގަވާއިދުގައި ވަނީ ވަގުތީ ގޮތުން ވަކީލުންގެ ހުއްދަ ހިފެހެއްޓޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

ވަކީލުން ސަސްޕެންޑުކުރެވޭ ހާލަތްތައް

  • ޖިނާއީ ކުށެއް ސާބިތުވުން
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން ސާބިތުވުން

ގާނޫނީ ވަކީލުންގެ ފާޑުކިޔުން އަމާޒުވަނީ އެ ގަވާއިދުގައި ނެތް ކަމެއްގެ މައްޗަށް ބިނާކޮށް، ވަކީލުން ސަސްޕެންޑުކުރުމަށެވެ. ވަކީލުން ފާހަގަކޮށްފައިވާ ގޮތުގައި ވަކީލުންނާ ބެހޭ ގަވާއިދުގައިވާ ކަންތައްތަކަށް ބަލާ އިރު ވެސް މައްސަލައެއް ސާބިތުނުވަނީސް ވަކީލުން ސަސްޕެންޑުކޮށްގެން ނުވާނެ އެވެ.

"ގާނޫނެއް ނުވަތަ ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދެއްގެ ދަށުން ވިޔަސް އެމީހަކަށް އަދަބެއް ދެވޭނީ، އެ ގާނޫނެއް ނުވަތަ އެ ގަވާއިދަކީ އާންމުކޮށް ޝާއިއުކޮށްފައިވާ އެއްޗަކަށްވާންވާނެ އެވެ. އަދި މަނާކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނެ އަދަބު ސާފުކޮށް ބަޔާންކޮށް އޮވެގެންނެވެ،" ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެ އެވެ.

އެ މާއްދާއިން އެނގިގެން ދަނީ ކުށެއް ކުރި ކަމަށް ކަނޑައެޅޭނީ އެ ކުށަކީ އެ ކުށެއް ކުރުމުގެ ކުރިން ގާނޫނަކުން ބާރު ލިބޭ ލިޔުމަކުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަންކަން އެކަންޏެވެ. ވަކީލުން ސަސްޕެންޑު ކުރި ސަބަބަށް ބަލާ އިރު، އެފަދަ އަމަލެއް ކުރިކަމަށް ތުހުމަތު ކުރެވޭ ހިސާބުން ފިޔަވަޅެއް އެޅިދާނެ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައެއްނުވެ އެވެ. ގަވާއިދުގައި ބުނާ ގޮތުން ނަމަ ފިޔަވަޅު އެޅޭނީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް ޒަމާނާ އެއްގޮތަށް އިސްލާހުކޮށް ހަރުދަނާ ކުރުމަށް ފަނޑިޔާރުންނާއި ވަކީލުންނާ މެދު ފިޔަވަޅު އަޅާ ނިޒާމު ހަރުދަނާކުރަންޖެހެ އެވެ. ޝަރުއީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ އެކަންކަން އިސްލާހުކޮށްގެނެވެ.

ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާ މެދު ފިޔަވަޅު އެޅުމުގައި ޑިމޮކްރެސީގެ އަސާސްތައް ނަގަހައްޓަންޖެހެ އެވެ. ފިޔަވަޅު އަޅަންޖެހޭނީ ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ. ޝަރުއީ ދާއިރާގެ މިފަދަ ކަންތައްތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކުން މައްސަލަތަކެއް ފާހަގަކުރާ ނަމަ އެ ވާހަކަތައް އަޑުއަހައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ހަރުދަނާ އުސޫލަކުން އެކަންކަން ކުރެވޭނެ ގޮތްތަކެއް އެކަށައަޅަންޖެހެ އެވެ.

comment ކޮމެންޓް