ސްޕެއިން އާއި އިނގިރޭސީން ކުއާޓާއަށް

ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕްގައި އިނގިރޭސީންނާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

އިންޑިއާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ސްޕެއިން އާއި އިނގިރޭސީން ދަތުރު ކޮށްފިއެވެ.

ސްޕެއިންގެ ޒުވާން ޓީމުން ކުއާޓާގެ ޖާގައެއް ހޯދީ އިންދިރާ ގާންދީ އެތުލެޓިކް ސްޓޭޑިއަމްގައި މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ފްރާންސްގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފްރާންސް އިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި އެ ލަނޑު ކާމިޔާބު ކޮށްދިނީ ލެނީ ޕިންޓޯ އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ސްޕެއިންގެ ހުއާން މިރަންޑާ ވަނީ ސްޕެއިންއަށް އެއްވަރު ކޮށްދީފައެވެ. އަދި އެ ޓީމަށް ކުއާޓާ އިން ޖާގަ ހޯދައިދިން ލަނޑު، މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ކާމިޔާބު ކޮށްދިނީ އަބެލް ރުއީޒް އެވެ.

ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ސްޕެއިން އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

ކުއާޓާގައި ސްޕެއިން ނުކުންނަން ޖެހޭނީ އިރާންއާ ދެކޮޅަށެވެ. އެ ޓީމު ކުއާޓާ އިން ޖާގަ ހޯދީ 1-2 އިން ވަރުގަދަ މެކްސިކޯ ބަލިކުރުމަށް ފަހު އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި ޖަޕާނާއި އިނގިރޭސީން ވާދަކޮށް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ އިނގިރޭސީންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އިނގިރޭސީންގެ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބު ކުރިއިރު ޖަޕާނަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.

ކުއާޓާގައި އިނގިރޭސީން ނުކުންނަން ޖެހޭނީ އެމެރިކާއާ ދެކޮޅަށެވެ.

comment ކޮމެންޓް