ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ބަނގުރަލާއި އޫރުމަސް ނައްތާލައިފި

ތިލަފުށީގައި މިއަދު ނައްތާލި ތަކެތި ތިލަފުއްޓަށް ބާލަނީ --- ފޮޓޯ/ ކަސްޓަމްސް

އެކިއެކި ސަބަބުތަކާ ހެދި ކަސްޓަމްސްގައި ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ކަސްޓަމްސް އިން ނައްތާލައިފި އެވެ.

ކަސްޓަމްސްގެ އުސޫލުތަކުގެ ދަށުން ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި އެ ތަކެތި ނައްތާލީ މިއަދު ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލުގެ ބާވަތްތައް އެކުލެވޭ 89353 ފުޅި އާއި 1108 ދަޅު ބިޔަރާއި 3411 ކިލޯގެ އޫރު މަހެވެ.

ނަމަވެސް އެއީ ކޮން މުއްދަތެއް ތެރޭގައި ހިފަހައްޓާފައިވާ ތަކެތި ކަމެއް ކަސްޓަމްސްއަކުން ނުބުނެއެވެ.

ކަސްޓަމްސް އިން ބުނީ، މިއަދު ނައްތާލި ތަކެއްޗަކީ އެ މުއައްސަސާގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން މިފަދަ ތަކެތި ނައްތާލުމަށް ގާއިމް ކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރާ ގޮތުގައި، އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސް ގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް