Sun Online
ރާއްޖޭގެ ގޯލު ބެލެހެއްޓުމަށް މިހާރު ހުރި ހަމައެކަނި ތަޖުރިބާކާރު ގޯލްކީޕަރު ފައިސަލް(މ): ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރާއްޖޭގެ ގޯލު ބެލެހެއްޓުމަށް މިހާރު ހުރި ހަމައެކަނި ތަޖުރިބާކާރު ގޯލްކީޕަރު ފައިސަލް(މ): ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލުގައި ފައިސަލް އެކަނި، ހައްލު ހޯދުމަށް އެފްއޭއެމުން ވަރުގަދަ ޕްލޭންތަކެއް!

އަލީ ރިފްޝާން
ލިޔުނީއަލީ ރިފްޝާން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އުނދަގުލަކީ ގޯލްކީޕަރުން މަދުވުން ކަމަށް ވާހަހަކަތައް ދެކެވޭތާ އަހަރެއް ވެއްޖެއެވެ. އެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ރާއްޖޭގެ ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެންނެވެ. އެކަމަށް ހައްލެއް ނުލިބި އުޅެނިކޮށް، ކަންބޮޑުވުންތައް އިތުރު ވެގެންދިޔައީ މިމަހު ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެންނެވެ.

ސަތާރަ އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަށްފަހު، ތަޖުރިބާކާރު ކީޕަރު އިމްރާން ގައުމީ ޖާޒީ ދޫކޮށްލުން ވެގެންދިޔައީ ގިނަ ބަޔަކަށް މާޔޫސްކަން ގެނުވި ކަމަކަށެވެ. ރާއްޖޭގެ އައްޑަނައިގެ ގޮތުގައި، އިދިކޮޅު ޓީމުތަކުގެ އެތައް ހަމަލާތަކެއްގެ ހުރަހަކަށްވި ކީޕަރު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއެކު ދެން ދިވެހިންގެ އުންމީދަކަށްވީ ކުޑަ އިންމަ އަދި މުހައްމަދު ފައިސަލްއެވެ. ނަމަވެސް ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެން މިހާރު އޮތް ހަމައެކަނި އުންމީދަކީ ކީޕަރު ފައިސަލްއެވެ.

ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ): ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ފޮޓޯ/ އެފްއޭއެމް

މިދިޔަ އަހަރު ލިބުނު ހިތާމައިގައި އެފްއޭއެމުން ވެސް ބައިވެރިވޭ!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ސިފަކުރާ ގޮތުގައި، މިދިޔަ އަހަރު ގައުމީ ޓީމަށް ކީޕަރު އިމްރާން ކުޅުން ހުއްޓާލުން ވެގެންދިޔައީ ރާއްޖޭގެ ޓީމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށެވެ. ހާއްސަކޮށް އެހާ ދުވަސްވީ އިރު ވެސް ކީޕަރު އިމްރާން ވަރުގެ ކީޕަރެއް އުފެއްދިފައި ނެތުމުންނެވެ. އެއާއެކު ކުޑަ އިންމަ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ވެސް އެފްއޭއެމުން ދެކެނީ މާޔޫސް ކަމެއްގެ ގޮތުގައެވެ.

"އަޅުގަނޑުމެންނަށް ފޫ ނުބެއްދޭވަރުގެ ކަމެއް، އިމްރާން ކުޅުން ހުއްޓާލުން ވެގެންދިޔައީ. އެހެންނަމަވެސް އެއަށްފަހު ފައިސަލް ވެސް އަތުވެއްޖެ. އެއާއެކު ކުޑަ އިމްރާން ވެސް ކުޅެމުން މިދިޔައީ. އިހަކަށް ދުވަހު ކުޑަ އިމްރާން ވެސް ރިޓަޔާކުރި ވާހަކަ އިއުލާން ކުރެވިގެންދިޔައީ،" ސަން ސްޕޯޓްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީންތައް ކުރިއަށް ގެންދަނީ: ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ފޮޓޯ/ އެފްއޭއެމް

ގައުމީ ޓީމުގެ ގޯލު ބެލެހެއްޓުމަށް މިހާރު ހުރި ތަޖުރިބާކާރު ހަމައެކަނި ކީޕަރަކީ ފައިސަލްއެވެ. ނަމަވެސް އަންނަ އަހަރުގެ އޮކްޓޯބަރު މަހަކީ ފައިސަލް ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ އަހަރު ކަމުގައި ވެސް ވެދާނެއެވެ. އެއީ ދުރުގައި އޮތް ކަމެއް ވެސް ނޫނެވެ. ދިވެހި ކީޕަރުން އުފެއްދުމުގެ މަސައްކަތަކީ ވަރަށް އުނދަގޫ މަސައްކަތެއްގެ ގޮތުގައި އެފްއޭއެމުން ވެސް ދެކެއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ދަތިކަމެއް އެއީ ކީޕަރުން އުފެއްދުމުގެ ކަންތައް،" ކީޕަރުންގެ މައްސަލައިގައި ކަންބޮޑުވެ ހުރެ، ވާހަކަ ދައްކަމުން އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

މުހައްމަދު އިމްރާން(ކ)، މުހައްމަދު ފައިސަލް(މ) އަދި އިމްރާން މުަހައްމަދު (ވ): އެ ތިން ކީޕަރުންގެ ތެރެއިން މިހާރު ގައުމީ ޓީމުގައި ހުރި ހަމައެކަނި ތަޖުރިބާކާރު ކީޕަރަކީ ފައިސަލް --- ފޮޓޯ/ އިމްރާން

ކީޕަރުން އުފެއްދިފައި ނެތީ އެފްއޭއެމްގެ އިހުމާލުންތަ؟

ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށްލެވޭ ވަރުގެ ކީޕަރުން އުފެއްދުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތް ކަމުގައިވާ އެފްއޭއެމްއަށް ފާއިތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ކީޕަރުން އުފެއްދުމަށް ވަނީ ނުކުޅެދިފައެވެ. އެކަން އެފްއޭއެމްގެ މިހާރުގެ ރައީސް ވެސް ގަބޫލުކުރައްވައެވެ.

އެފްއޭއެމުން ދެކޭ ގޮތުގައި، ކީޕަރުންގެ އިތުރުން ޖުމްލަކޮށް ހުރިހާ ޑިޕާޓްމަންޓްތަކަށް ކުޅުންތެރިން އުފެއްދުމުގައި އެ އިދާރާއަށް ކުރިން އެންމެ ރަނގަޅަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، ދުރު ރާސްތާ ޕްލޭންތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާގެ ރައީސް ވިދާޅުވިއެވެ. އަދި އެ ޕްލޭންތައް އެކުލަވާލުމުގެ ކަންތައް ވީހާވެސް އަވަހަކަށް ނިންމުމަށް އެފްއޭއެމުން މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީންތައް ކުރިއަށް ގެންދަނީ: ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ފޮޓޯ/ އެފްއޭއެމް

"ކީޕަރު އެކަންޏެއް ނޫން، އަޅުގަނޑަށް ހީވަނީ ޖުމްލަކޮށް ހުރިހާ ގޮތަކުން ބެލިޔަސް ކުޅުންތެރިން އުފެއްދުމުގެ ކަންތައް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައި. އަޅުގަނޑު ދަންނަވާނީ 2008ގެ ސާފް ޗެމްޕިއަންޝިޕް ލިބުމަށްފަހު އަޅުގަނޑުމެން މާ ބޮޑަށް ނެތް ކަންނޭނގެ ކުދިން ބިނާކުރަން ނުވަތަ ޒުވާން ކުޅުންތެރިން ބިނާކުރަން މަސައްކަތްތަކެއް ކުރެވިފައެއް. އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެން މިތަނަށް އައިސްގެން ވަދެ، ބެލި އިރުގައި މި ފެންނަމުންދަނީ،" ބައްސާމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އުފެދިފައި ހުރި ޒުވާން ކުޅުންތެރިއެއް ވެއްޖެއްޔާ އުފެދިފައި މި ހުންނަނީ ކްލަބެއްގެ މިންނެތް މަސައްކަތުން. އެފްއޭގެ މަސައްކަތުން ބިނާކުރެވުނު ކުދިން ނުވަތަ ކުޅުންތެރިން މިހާރު ރިޓަޔާމަންޓާ ހަމައަށް އެ އަންނަނީ. މި އަންނަ އަހަރު ކަމެއް ނޭނގެ އަޅުގަނޑުމެންނަށް އަޑު އިވިގެންދާނެ އަޝްފާގު ވެސް ރިޓަޔާ ވެގެންދާނެ ވާހަކަ. އެކަން ވެސް މާ ދުރަކު ނޫން ކަންނޭނގެ އުޅެނީ. އެހެންވީމާ މީގެ ރިޕްލޭސްމަންޓްތަކެއް އެބަ އަންނަން ޖެހޭ."

ގޯލްކީޕަރުން އުފެއްދުމަށް ހަދާ އެކަޑަމީއަށް ޖަރުމަންގެ ޓްރޭނަރެއް!

ރާއްޖޭގެ ފުޓްބޯޅައިގައި ފެންވަރު ހުރި ކީޕަރުން އުފެދޭލެއް ވަރަށް މަދެވެ. ރާއްޖޭގެ ފުޓްބޯޅަ ކުރިމަގަށް ވިސްނައި، ގޯލްކީޕަރުން އުފެއްދުމުގެ މަސައްކަތަކީ މިހާރު އެފްއޭއެމުން އެންމެ އިސްކަމެއް ދޭ އެއް މަސައްކަތެވެ. އެގޮތުން ގޯލްކީޕަރުން އުފެއްދުމަށް އެކަމަށް ހާއްސަ އެކަޑަމީއެއް އުފައްދާނެކަން މިއަހަރުގެ މެދުތެރޭގައި އެފްއޭއެމްގެ ރައީސް ވަނީ އިއުލާކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ގޮތުގައި، މިހާރު އެ މަސައްކަތް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ޖޭން ވަންލީއާ ހަވާލުކޮށް، ވިސްނުމަކީ ޖަރުމަން ގޯލްކީޕަރު ޓްރޭނަރެއް ގެނެސްގެން އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. އަދި އެ ޓްރޭނަރާއެކު ރާއްޖޭގައި މިހާރު ތިބި ގޯލްކީޕަރު ޓްރޭނަރުން ވެސް ބައިވެރި ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މުބާރާތަކަށް ރާއްޖޭގެ ޒުވާން ޓީމެއް ފުރުމުގެ ކުރިން: ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ފޮޓޯ/ އެފްއޭއެމް

"އަޅުގަނޑު ޓެކްނިކަލް ޑައިރެކްޓަރާ މިހާރު ވާނީ އެ މަސައްކަތް ހަވާލުކޮށްފައި. އަޅުގަނޑުމެންގެ ވިސްނުން ހުރީ ޖަރުމަނުން ގޯލްކީޕަރު ޓްރޭނަރެއް މިކޮޅަށް ގެންނަން، އެކަޑަމީއެއްގެ ގޮތުގައި އެ މަސައްކަތް ކުރަން. ޖަރުމަނުން އަންނަ ކީޕަރު ޓްރޭނަރާ އެކީގައި އަޅުގަނޑުމެންގެ މިތިބި ގޯލްކީޕަރު ޓްރޭނަރުން، އަސްލަމް މެން ކަހަލަ ޓްރޭނަރުން ބޭނުންކޮށްގެން އެކަޑަމީ ފަށައިގަންނަން ބޭނުންވަނީ. ހަމައެކަނި އެފްއޭ އިން އެކަންޏެއް ނޫން ކަންނޭނގެ، ކްލަބުތަކުން ވެސް އެބަޖެހޭ އަތޮޅު ތެރެއިން ވެސް ސްކައުޓިން ހެދުމާއި ގޯލްކީޕަރުން އުފައްދަން މަސައްކަތްކުރަން،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ކްލަބުތަކަށް ބިދޭސީ ކީޕަރުން ގެނައުން މަނާ ކުރަނީ!

ކޮންމެ ކްލަބަކުން ވެސް މަގާމުތަކަށް ބޭނުންކުރަން ބޭނުންވާނީ ރަނގަޅު ކުޅުންތެރިންނެވެ. އެގޮތުން މި ސީޒަނުގައި ކްލަބުތަކުން އެންމެ އިސްކަމެއް ދިން އެއް މަގާމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ގޯލްކީޕަރު ޑިޕާޓްމަންޓެވެ. ނަމަވެސް އޭގެން ގެއްލުން ވެގެންދިޔައީ ދިވެހި ކީޕަރުންނަށެވެ. ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުގެ ތެރެއިން އެއް ނަންބަރުގެ ކީޕަރުގެ ގޮތުގައި ގިނަ ކްލަބުތަކުން ބޭނުން ކުރަމުންދަނީ ބިދޭސީ ކީޕަރުންނެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބުތަކުން ކުރިން ގިނައިން ބޭނުން ކުރަމުންދިޔައީ ދިވެހި ކީޕަރުންނެވެ. ކްލަބުތަކުން ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ދިވެހި ކީޕަރުންގެ ވާދަވެރިކަން އިތުރުވުމެވެ. ނަމަވެސް އެފްއޭއެމްގެ ވިސްނުމަކީ އެކަން ބަދަލުކޮށް ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމުގެ މަގްސަދުގައި ފުރަތަމަ ޑިވިޝަން އަދި ޕްރިމިއާ ލީގުގެ ޓީމުތަކަށް ދިވެހި ކީޕަރުން ބޭނުން ކުރުމަށް ބާރު އެޅުމެވެ.

"އަޅުގަނޑުގެ މިހާރު ހުންނަ ވިސްނުމަކަށް މިއަންނަނީ އެއް އަހަރު ދުވަހުގެ މުހުލަތެއް ދީފައި، ބޭރުން ގޯލްކީޕަރުން ގެނައުން ހުއްދަ ނުކުރާ ކަހަލަ ވިސްނުމެއް. އެހެންނަމަވެސް ޓެކްނިކަލް ލެވެލްއެއްގައި މަޝްވަރާ ކުރެވިގެން ނޫނީ އަޅުގަނޑު ބޭނުމެއް ނޫން އެ ބަދަލު ގެންނާކަށް. އަޅުގަނޑުމެން އެބަޖެހޭ ދިވެހި ކީޕަރުންނަށް ފުރުސަތު ދޭ ކަމަށްވަންޏާ، ފުރުސަތުތަކެއް ތަނަވަސްކޮށްދޭން. އެއް އަހަރު ދުވަހުގެ މުހުލަތެއް މިދެނީ، އަޅުގަނޑުމެންނަށް ކުއްލި ކުއްލިއަށް މިކަންތައްތަކެއް ނުރޭވޭނެ. އަޅުގަނޑުމެން އެއަށް އެބަ ޖާގަ ދޭން ޖެހޭ ކަންނޭނގެ،" ބައްސާމް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީންތައް ކުރިއަށް ގެންދަނީ: ގޯލްކީޕަރު އެކަޑަމީއެއް އުފައްދައި، ކީޕަރުން އުފެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބައްސާމް ވިދާޅުވޭ --- ފޮޓޯ/ އެފްއޭއެމް

"އެހެންވީމާ މިއަހަރު ތެރޭގައި އަޅުގަނޑުމެން މިބަލަނީ އެފްއޭއެމުން މިދެންނެވި ޖާމަނީ ގޯލްކީޕަރު ޓްރޭނަރެއް ގެނެސްގެން އެކަޑަމީގެ މަސައްކަތް ފަށައިގަންނަން. އެކަން ފަށައިގަނެފައި ކްލަބުތަކަށް ވެސް އަޅުގަނޑުމެން އެއް އަހަރުގެ މުހުލަތެއް ދީފައި، މި ބަދަލު ގެނައުމުގެ ވިސްނުމެއްގައި އަޅުގަނޑު މިހުރީ. އެހެންވީމާ އިރާދަކުރެއްވިއްޔާ ބޭރު ކީޕަރުން ގެނައުން ހުއްޓާލާ ކަންތަކުގެ ޔަގީންކަމެއް މިއަހަރުގެ ޑިސެމްބަރު ހާ ތަނުގައި ދެވޭނެ."

އެފްއޭއެމުން ހާމަކުރި އެ ޕްލޭންތައް އެކުލަވާލެވި، އަވަހަށް އެކަމުގެ އަމަލީ މަސައްކަތެއް ފެނިއްޖެނަމަ، ދިވެހި ކީޕަރުން އިތުރު ވެގެންދާނެއެވެ. ކީޕަރު އިމްރާން ފަދަ ހުނަރުވެރި ކީޕަރުން އުފެއްދިދާނެއެވެ. އިސްހާގު އީސާ އަދި އިމްރާން ފަދަ ވާދަވެރި ކީޕަރުން އޭރުން ފެންނަން ފަށާނެއެވެ. ބިދޭސީ ކީޕަރުން ބޭނުންކުރުން މަނާކޮށްފިނަމަ، ފައިދާވާނީ ހަމަ ދިވެހި ފުޓްބޯޅައަށެވެ. އޭރުން މިއަދު މި ފެންނަ ހާލަތަށް ވެއްޓުން ވެގެންދާނީ ވަރަށް ނާދިރު ކަމަކަށެވެ. ކީޕަރު ފައިސަލްއަށް އަނިޔާވެއްޖެނަމަ، ދެން ހަދާނެ ގޮތެއް މިވަގުތަކަށް ނުވިސްނެއެވެ. ގޯލްކީޕަރުންގެ މައްސަލަ މިހާރު މިވަނީ ގައުމީ ފެންވަރުގެ މައްސަލައަކަށް ވެފައެވެ. މިއީ ހުރިހާ ދިވެހިން ވެސް ވިސްނަންޖެހޭ ވަރަށް ސީރިއަސް މައްސަލައެކެވެ.

infinity loading...
×
DB released 01.