ރާއްޖޭގައި ޒަމާނީ ބަނދަރެއް ގާއިމްކުރަން ޑީޕީ ވޯލްޑާއެކު އަލުން މަޝްވަރާކޮށްފި

ދުބާއީގެ ޑީޕީ ވޯލްޑުގެ ސީއީއޯ އަދި ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭމާން، ރައީސް ޔާމީނަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ޒަމާނީ ވިޔަފާރީގެ ބަނދަރެއް ހެދުމަށް ދުބާއީގެ ބައިނަލްއަގްވާމީ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޑީޕީ ވޯލްޑާއެކު ރާއްޖެއިން އަލުން މަޝްވަރާތައް ފަށައިފިއެވެ.

މީގެ ކުރިން ވެސް ރާއްޖެއިން ވަނީ ޒަމާނީ ބަނދަރެއް ތަރައްގީ ކުރުމަށާއި ފްރީޓުރޭޑް ޒޯނެއް ގާއިމު ކުރުމަށް ޑީޕީ ވޯލްޑާއެކު މަޝްވަރާކޮށް އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ޑީޕީއާއެކު ރާއްޖެއިން ސޮއިކުރީ މިދިޔަ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި މިހާރުގެ އިކޮނަމިކް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ސައީދު ސޮއިކުރެއްވި އެ އެއްބަސްވުމުގެ ދަށުން ޒަމާނީ ވިޔަފާރި ބަނދަރު ގާއިމުކުރަން އެއްބަސްވީ ތިލަފުށީގައެވެ.

އަދި އެތަނުގައި ގާއިމް ކުރާ ފްރީ ޒޯނާއި އެ ސަރަހައްދު ހިއްކުމާއި ރިވެޓްމަންޓު ޖެހުމާއި މުޅި ޕޯޓުގެ ފެސިލިޓީ ގާއިމް ކުރުމާއި މުޅި އޮޕަރޭޝަނުގެ ހުރިހާ ކަމެއް ކުރާނީ ޑީޕީ ވޯލްޑުން ކަމަށް އޭރު ސޮއިކުރި އެއްބަސްވުމުގައި ބުނެފައިވެއެވެ.

ނަމަވެސް ފަހުން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނޭދެވި އެ މަޝްރޫއު އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.

ޑީޕީ ވޯލްޑާއެކު ރާއްޖެއިން އަލުން މަޝްވަރާތަކެއް ކޮށްފައި މި ވަނީ ރައީސް އަބްދުﷲ ޔާމީން ޔޫއޭއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޑީޕީ ވޯލްޑުގެ ސީއީއޯ އަދި ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭމާނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، އެ ބައްދަލު ކުރެއްވުމުގައި އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި މަސައްކަތްތަކެއް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރައްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޒަމާނީ ބަނދަރެއް ގާއިމް ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރާއްޖެއަށް ފައިދާހުރި އުފެއްދުންތެރި ވިޔަފާރީގެ ފުރުސަތުތަކާއި ވިޔަފާރީގެ ރޮނގުން އީޖާދީ ފުރުސަތުތަކެއް ކައިރި މުސްތަގްބަލެއްގައި ލިބިގެންދާނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް