ރައީސް ޔާމީން ޔޫއޭއީގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ޔޫއޭއީގެ ނައިބް ރައީސް އާއެކު ރައީސް ޔާމީން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ)އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ނައިބް ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާއާ ބައްދަލު ކުރައްވައިފި އެވެ.

ދުބާއީގެ ރޫލާސް ކޯޓުގައި މިއަދު މެންދުރު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއެކު ދެ ގައުމުގެ ބަދަހި ގުޅުން ދެމިއޮތުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެ ގައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން އެކި ދާއިރާތަކުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ދެ ބޭފުޅުން ވިދާޅުވި އެވެ.

އޭގެ އިތުރުން ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި އަދި ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މަައްޗަށް އަލިއަޅުއްވާލައްވާ ދެ ގައުމުގެ ރައީސުން ވަނީ ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ޔޫއޭއީއަށް އިއްޔެ ފެއްޓެވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ރައީސް ޔާމީން ރޭ ވަނީ ޔޫއޭއީގެ ހަކަތައާ ބެހޭ މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ.

ބުރްޖު ހަލީފާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ފަހުގެ އަހަރުތަކުގައި ރާއްޖެއަށް އައިސްފައިވާ އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ އެކަމަށް އީޖާދީ ތިމާވެއްޓާ ރަށްޓެހި ހައްލުތަކެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.

ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރުން ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތާރިގް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް