ވޯލްޑް ކަޕް ޕްލޭ އޮފްގައި އިޓަލީ އާއި ސްވިޑަންގެ ވަރުގަދަ ކުރިމަތިލުމެއް

އިޓަލީ އާއި ސްވިޑަން ބައްދަލުކުރި މެޗެއްގެ ތެރެއިން --

އަންނަ އަހަރު ރަޝިއާގައި ބައްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޕްލޭ އޮފް މެޗުތަކުގައި ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިޓަލީ އާއި ސްވިޑަން ބައްދަލު ކުރަން ޖެހިއްޖެއެވެ.

ވޯލްޑް ކަޕް ޕްލޭ އޮފްއަށް އިޓަލީ ދަތުރުކުރީ ސްޕެއިންގެ ފަހަތުން ޔޫއެފާ ސަރަހައްދުގެ 'ގްރޫޕު ޖީ'ގެ ދެވަނަ ހޯދައިގެންނެވެ. ޕްލޭ އޮފްއަށް ސްވިޑަން ދަތުރުކުރީ ފްރާންސްގެ ފަހަތުން 'ގްރޫޕު އޭ'ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އިޓަލީ އާއި ސްވިޑަންގެ އިތުރުން ޕްލޭ އޮފްގައި ނޮދާން އަޔަލެންޑް ވާދަކުރަން ޖެހޭނީ ޑެންމާކާއެވެ. އޭގެ އިތުރުން އަނެއް ދެ މެޗުގައި ފެނިގެންދާނީ ކްރޮއޭޝިއާ އާއި ގްރީސްގެ ކުރިމަތިލުމަކާއި، ޑެންމާކާއި އަޔަލެންޑުގެ ކުރިމަތިލުމެކެވެ.

ޕްލޭއޮފް އިން އެ އަށް ޓީމު ޖާގަ ހޯދިއިރު، 'ގްރޫޕް އެފް'ގެ ދެވަނަ ހޯދި ސްލޮވާކިއާއަށް ވަނީ ފުރުސަތު ގެއްލިފައެވެ. އެ ޓީމަށް ފުރުސަތު ގެއްލިފައި ވަނީ ގްރޫޕުގެ އެއްވަނަ ހޯދި ޓީމާ ދެކޮޅަށް އެންމެ ދަށް ނަތީޖާ ނެރުނު ޓީމަށް ވާތީއެވެ.

ދެ ލެގުގެ މައްޗަށް ކުޅޭ ޕްލޭ އޮފްގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 9 އިން 11 އަށް އަދި 12 އިން 14 އަށެވެ.

ވޯލްޑް ކަޕަށް މިހާތަނަށް 22 ޓީމެއް ކޮލިފައިވެފައިވާ އިރު، ޕްލޭ އޮފްގެ މެޗުތައް ނިމުމުން އެ ލިސްޓަށް އިތުރު ދިހަ ޓީމު އިތުރު ވެގެންދާނެއެވެ.

comment ކޮމެންޓް