ވެލާނާ އެއާޕޯޓުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން ލޯނު ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައީސް އަބްދުﷲ ޔާމީން ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުއަށް އަބޫދާބީ ފަންޑުން ލޯނު ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ)އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދުބާއީ ރޫލާސް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އަދި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕާ ހަވާލުކޮށްގެން ވީއައިއޭ އެއާޕޯޓް ތަރައްގީ ކުރަމުންދާއިރު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަޝްރޫއަށް އަބޫދާބީ ފަންޑުން ދެނީ ކިހާ ވަރެއްގެ ލޯނެއް ކަމެއް އަދި ލޯނުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

އެއާޕޯޓް މަޝްރޫއުގެ އިތުރުން ރާއްޖެ އާއި ޔޫއޭއީއާ ދެމެދު މިއަދު ވަނީ އިތުރު ތިން އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ޑިޕްމޮލެމެޓިކް އަދި ރަސްމީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި ޓެކްސްއާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް