ހިއްސާދާރުންގެ ހައްގުތައް އެމްޓީސީސީ އިން ވަނީ ހިމާޔަތްކޮށްދީފައި: ރަޖިސްޓާ އޮފް ކޮމްޕެނީސް

އެމްޓީސީސީގެ މުވައްޒިފުންގެ އަގު ވަޒަންކޮށް ސުކޮލަޝިޕް ދިނުމަށް ބޭއްވި ހަފުލާއެއް -- ސަން ފައިލް ފޮޓޯ/ އަފްރާހް

ހިއްސާ ދާރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުންފުންޏަކުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެމްޓީސީސީ އިން އަޅާފައިވާ ކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީ އިން ނެރުނު ބަޔާނެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއާ ހަވާލާދީ ބުނެފައި ވަނީ އެމްޓީސީސީ ވުޖޫދަށް އައިސްފައި ވަނީ ޕަބްލިކް ކުންފުންޏެއްގެ ހުރިހާ ސިފަތަކަކާ އެކު ކަމަށާއި އެމްޓީސީސީ އިން މިހާރު ކުރިއަށް ގެންދާ ރައިޓްސް އިޝޫ އަކީ ވެސް ރާއްޖޭގައި އަލަށް ކުރެވޭ ކަމެއް ކަމަށެވެ. އެއީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކުރާ މަސައްކަތެއް ކަމަށް ވެސް ވިސާމް އާއި ހަވާލާދީ އެމްޓީސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީސީސީ އިން މިހާރު ގެންދަނީ ރައިޓް އިޝޫއެއްގެ ދަށުން ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާ ވިއްކުމަށް ތައްޔާރުވަމުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް ރައިޓްސް އިޝޫ ކުރެވޭ ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އޮގަސްޓް މަހު ބޭއްވި އެމްޓީސީސީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ކޮންމެ ޙިއްސާއެއް 10 ޙިއްސާއަށް ސްޕްލިޓް ކުރުމަށް ފަހު ޙިއްޞާއަކަށް ޙިއްޞާއެއްގެ މަގުން ކުންފުނީގެ މިހާރުގެ ޙިއްޞާދާރުންނަށް އިތުރަށް ޙިއްޞާ ގަތުމަށް ވަނީ ދައުވަތު އަރުވައިފަ އެވެ.

ރައިޓް އިޝޫގެ ދަށުން ހިއްސާ ގަނެވޭނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެ 16:00 ގެނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ނުވަތަ ހިއްސާދާރަކު އިޙްތިޔާރުކުރާ ގޮތަކަށް އެ ހިއްސާދާރެއްގެ ހިއްސާ ގަތުމުގެ ހައްގު ދެވިފައިވާ އެހެން ފަރާތަކަށް ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ހިއްސާ ވިއްކުމަށް އެކުންފުނިން ކަނޑައަޅާފައިވާ މުއްދަތަކީ މި މަހުގެ 19 އިން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ، ހިއްސާއެއް 62 ރުފިޔާ އަށެވެ.

ކުންފުނީގެ ރައުސްމާލުގެ ފަސް ޕަސެންޓަށް ވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން ކޮންމެ ހިއްސާދާރަކަށް ވެސް ހިއްސާ މިލްކުކުރެވިދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް