ސައުދީ ޕްރިންސުންތަކެއް "ވަގަށް ނަގައިގެން" އަނބުރާ ގައުމަށް ގެންގޮސްފި

އަރުވާލެވިގެން އުޅުނު ސައުދީ ތިން ޕްރިންސުން

އަރުވާލެވިގެން ޔޫރަޕުގައި ތިބި ސައުދީ ޕްރިންސުންތަކެއް "ވަގަށް ނަގައިގެން" އަނބުރާ ގައުމަށް ގެނައިކަން ސައުދީ އަރަބިއްޔާގެ ކުރީގެ އިންޓެލިޖެންސުގެ ވެރިޔާ ޕްރިންސް ތުރުކީ އަލް ފައިސަލް ޔަގީން ކޮށްދީފި އެވެ.

ރަޝިއާގެ ސްޕްޓިނިކު ނޫހަށް ދިން އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ އެ ޕްރިންސުން ސަލާމަތުން ސައުދީ އަރަބިއްޔާގައި އެބަ ތިބި ކަމަށެވެ. އަދި ވިދާޅުވީ އެކަމާމެދު އެއްވެސް ވަރަކަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެއީ އެމީހުންގެ އާއިލީ މައްސަލައެކެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ ތިން ޕްރިންސުންވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބީބީސީން މިދިޔަ އޮގަސްޓު މަހު ދެއްކި ޑޮކިޔުމެންޓްރީއެއްގައި ވަނީ ބުނެފަ އެވެ.

އެ ޑޮކިޔުމެންޓްރީން ބުނި ގޮތުގައި ސައުދީ ސަރުކާރުން އެ ތިން ޕްރިންސުން ވަގަށް ނަގައި އެ ގައުމަށް ގަދަކަމުން ގެންދިޔަ ކަމުގެ ހެކި އެބަހުޓެވެ. އަދި ގައުމުން ބޭރުގައި ދިރިއުޅޭ ސައުދީގެ އިދިކޮޅު ފަރާތްތައް ވަގަށް ނަގައިގެން ގަދަކަމުން ގައުމަށް ގެންދިޔުމަކީ ސައުދީން ކުރާ ކަމެއް ކަމަށް ވެސް އެ ޑޮކިޔުމެންޓްރީގައި ބުނެފައިވެ އެވެ.

މިސްރާއި ސައުދީ އަރަބިއްޔާ އިން ޔަމަނުގެ ކޮންޓްރޯލް ހޯދުމަށް 1964- 1958 އަށް ހަނގުރާމަ ކުރި ދުވަސްވަރު ވެސް ސައުދީ ޕްރިންސުންތަކެއް ވަނީ ގައުމު ދޫކޮށް އަމިއްލައަށް އަރުވާލެވިގެން އުޅެފަ އެވެ.

"ފްރީ ޕްރިންސް މޫވްމަންޓު"ގެ ނަމުގައި ސައުދީ ޕްރިންސް ތަލާލް އަބްދުލް އަޒީޒް އިސްނަންގަވައިގެން އުފެއްދި އިއްތިހާދުން އެ ދުވަސްވަރު ވަނީ ސައުދީއަރަބިއްޔާ އިން ކޮރަޕްޝަން ނައްތާލައި ޑިމޮކްރަސީ ގެނައުމަށް ގޮވައިލައިފަ އެވެ.

މަސްދަރު: (މިޑިލްއީސްޓްމޮނީޓާ)

comment ކޮމެންޓް