މިސްރުން ގާޒާގެ ބޯޑަރު ހުޅުވުން ފަސްކޮށްފި

މިސްރާއި ގާޒާ ގުޅޭ ރަފާ ބޯޑަރު

މިޑްލް އީސްޓް މޮނިޓާ (އޮކްޓޫބަރު 16) -- ސައިނާއީގައި މިސްރުގެ ހަ ސިފައިން މަރާލި ހާދިސާއަށް ފަހު މިސްރުން ގާޒާ ބޯޑަރު ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި ކަމަށް ފަލަސްތީނުްގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފި އެވެ.

ގާޒާގެ ބޯޑަރު ހަތަރު ދުވަހަށް ހުޅުވައިލުމަށް އިއްޔެ އޮތް ނަމަވެސް ސައިނާއީގެ ހަނގުރާމެވެރި ގްރޫޕްތަކާއި މިސްރުގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމުގެ ސަބަބުން އެ ބޯޑަރު ހުޅުވުން ފަސްކުރި ކަމަށް ގާޒާގެ ސަރުކާރުގެ އިދާރާތަކަށް މިސްރުން ވަނީ އަންގައިފަ އެވެ.

މިސްރުން މި ފަހަރު ރަފާ ބޯޑަރު ހުޅުވައިލައިފައި ވަނީ ގާޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ސިއްހީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

މިސްރާއި ގާޒާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ މިހާރު ވަނީ 10 އަހަރު ވެފަ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ގާޒާ ވަނީ އިންސާނީ މުސީބާތަކަށް ޖެހިފަ އެވެ. އަދި ގާޒާ އަށް ބޯފެނާއި ކަރަންޓުގެ އިތުރުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ނުލިބޭ ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ.

ގާޒާގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ލިބެނީ ވެސް ގިނަ ވެގެން ދުވާލަކު ހަތަރު ގަޑިއިރު އެވެ.

އިސްރާއިލުން ގާޒާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ގާޒާގެ ވެރިކަމަށް ހަމާސް ޖަމާއަތް އިންތިހާބު ވުމުންނެވެ. ދާދި ފަހުުން ހަމާސްއިން ވަނީ އެ ސަރަަހައްދު ޕީއެލްއޯގެ ދަށަށް ދޫކޮށްލުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

ޔޫރަޕިއަން އިއްތިހާދުން މިމަހު ވަނީ އިސްރާއިލުން ގާޒާގެ ބޯޑަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވައިލައިފަ އެވެ. އިސްރާއިލުން ބުނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނީ ހަމާސްއިން އިސްރާއިލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ހަތިޔާރު ބެހެއްޓުމުން ކަމަށެވެ.

comment ކޮމެންޓް