އާންމުކޮށް ބޮލުގައި ކުލަޖައްސާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

--/

އާންމުކޮށް ބޮލުގައި ކުލަޖައްސާ، ބޯ ޑައި ކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ސާޖަން އެއް ކަމަށްވާ ކޭފާ މޮކްބެލް ކުރެއްވި މި ދިރާސާގައި ބުނެފައި ވަނީ އަހަރެއްގެ މައްޗަށް ބޯ ޑައިކުރަން ވާނީ ގިނަ ވެގެން ފަސް ފަހަރު ކަމަށެވެ. ބޮލުގައި ކުލަޖައްސާ އަންހެނުންނަށް، އެނޫން މީހުންނާ ބަލާއިރު އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 14 ޕަސެންޓް ބޮޑުކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ބޮލުގައި ކުލަޖައްސަން ބޭނުން ނަމަ ބީޓް ރޫޓް ފަދަ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ބޮލުގައި ކުލަޖެއްސިދާނެ ކަމަށް ވެސް ދިރާސާގައި ވަނީ ބުނެފަ އެވެ.

ބޮލުގައި ކުލަޖެއްސުމާއި އުރަމަތީގެ ކެންސަރާ ސީދާ ގުޅުން އޮތްތޯ އަަދި ދެނެގަނެވިފައި ނުވިޔަސް، އެކަމުގެެ ފުރުސަތު އޮތްކަމަށް ދެނެގަނެވިފައި ވާތީ، އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން ކެންސަރަށް ސްކްރީން ކުރުމަށް މޮކްބެލް އިލްތިމާސް ކުރައްވަ އެވެ.

ކެންސަރާ ބޮލުގައި ކުލަޖެއްސުމާ ގުޅޭ ގޮތުން މި އަހަރުގެ ކުރީކޮޅު ވެސް ދިރާސާއެއް ހަދާފައިވާ އިރު، ބޮލުގައި ކުލަޖެއްސުމާ ގުޅިގެން ހަދާފައިވާ ދިރާސާތަކުން، އިސްތަށިގަނޑު ޑައި ކުރުމަކީ ކެންސަރަށް މަގުފަހިވާ ކަމެއް ކަން ވަނީ ދެނެގަނެވިފަ އެވެ. އެއީ އިސްތަށިގަނޑު ޑައި ކުރުމަށް ބޭނުން ކުރާ ކުލަ ނޫނީ ކްރީމްގައި އެކުލެވޭ ކެމިކަލް ތަކުގެ ސަބަބުންވާ ކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

މައުލޫމާތު: އިންޑިޕެންޑެންޓް

comment ކޮމެންޓް