ނިއުކްލިއާ ހަނގުރާމައެއް ކޮންމެ ވަގުތަކު ވެސް ފެށިދާނެ: އުތުރު ކޮރެއާ

އދ. (އޮކްޓޯބަރު 17): އުތުރު ކޮރެއާގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ކޮންމެ ވަގުތަކު ވެސް ނިއުކްލިއާ ހަނގުރާމައެއް ފެށުމާ ގާތަށް ގޮސްފައިވާ ކަމަށް އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ވިދާޅުވެއްޖެ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގެ ހަތިޔާރު މަދު ކުރުމާ ބެހޭ ކޮމިޓީ (ޔޫއެންޑީސީ)ގައި ވާހަކަ ދައްކަވަމުން ކިމް އިން ރުޔޮންގް ވިދާޅުވި ގޮތުގައި އެމެރިކާ އިން ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އުތުރު ކޮރެއާއަށެވެ.

އެގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާ އިން ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ފާހަގަ ކުރައްވައި، އެއީ އުތުރު ކޮރެއާގައި އޮތް ވެރިކަން ވައްޓާލަން އެމެރިކާއިން ކުރިއަށްގެންދާ ސިއްރު އޮޕަރޭޝަނެއް ކަމަށް ކިމް ވިދާޅުވި އެވެ. އެހެންކަމުން އުތުރު ކޮރެއާ ދިފާއު ކުރުމަށް ޓަކައި ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ ހައްގު އެގައުމަށް ލިބިފައިވާ ކަމަށް ކިމް ވިދާޅުވި އެވެ.

މީގެ އިތުރުން ކިމް ވިދާޅުވި ގޮތުގައި މި އަހަރު ތެރޭގައި އުތުރު ކޮރެއާ ވަނީ ފުރިހަމަ ނިއުކްލިއާ ބާރަކަށް ވެފަ އެވެ. އަދި އެޓަމް ބޮމާއި ހައިޑްރޮޖެން ބޮމާއި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް ރޮކެޓް ފޮނުވާލުމުގެ ގާބިލުކަން އެގައުމަށް ލިބިފައިވާ އިރު، އެމެރިކާއިން އެގައުމަށް އަރަން މަސައްކަތްކޮށްފި ނަމަ އެމެރިކާ އެއްކޮށް ނައްތާލެވޭނެ ކަމުގެ އިންޒާރު ކިމް ދެއްވި އެވެ.

އަދި ދުނިޔެއިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އުތުރު ކޮރެއާ ބޭނުންވި ނަމަވެސް، އެމެރިކާއިން ނިއުކްލިއާ ހަމަލާއެއް ދީފާނެ ކަމުގެ ނުރައްކާ އޮތްހާ ހިނދަކު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާނެ ކަމަށް ކިމް ވިދާޅުވި އެވެ.

ކިމް އެފަދައިން ވިދާޅުވީ، ނިއުކްލިއާ ބޮމެއް ވައްޓާލަން ދެން އުތުރު ކޮރެއާގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރަން އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވި ފަހުންނެވެ. (އަލްޖަޒީރާ)

comment ކޮމެންޓް