ދިހަ އަހަރަށްފަހު ނިއުކާސަލް ވިއްކާލުމަށް އެ ކްލަބުގެ ވެރިޔާ ނިންމައިފި

ނިއުކާސަލް ޔުނައިޓެޑްގެ ވެރިޔާ މައިކް އޭޝްލީ: އޭނާ ވަނީ އެ ކްލަބު ވިއްކާލުމަށް ނިންމާފައި --- ފޮޓޯ/ ޕީއޭ

ނިއުކާސަލް ޔުނައިޓެޑްގެ ވެރިޔާ މައިކް އޭޝްލީ، ދިހަ އަހަރަށްފަހު އެ ކްލަބު ވިއްކާލުމަށް ނިންމައިފިއެވެ.

ނިއުކާސަލް އިން ނެރުނު ބަޔާނެއްގައި އެ ކްލަބު ވިއްކާލުމަށް ނިންމިކަން ވަނީ އިއުލާން ކޮށްފައެވެ. ދިހަ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިއުކާސަލް ވަނީ ދެ ފަހަރެއްގެ މަތިން ރެލިގޭޓް ވެފައެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގައި ވާދަކުރުމަށްފަހު، މި ސީޒަނުގައި ނިއުކާސަލް ދަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުންނެވެ. ރަފައެލް ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނިއުކާސަލް މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.

"ނިއުކާސަލްއަށް ބޭނުންވަނީ ސާފު ރާސްތާއެއް. އަދި ކުރިމަގުގައި އުޖާލާ އަދި ކާމިޔާބު ކްލަބަކަށް ވުމަށް ރަނގަޅު މަގެއް،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އުމުރުން 53 އަހަރުގެ އޭޝްލީ، 2007 ވަނަ އަހަރު ނިއުކާސަލް ގަތްފަހުން އޭނާއަށް ސަޕޯޓަރުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެންމެ ބޮޑަށް ސަޕޯޓަރުން ފާހަގަކުރަމުންދިޔަ އެއް ކަމަކީ އޭޝްލީއަށް ކްލަބު ހިންގަން ނޭނގޭ ކަމެވެ.

ހަބަރުތައް ބުނާ ގޮތުގައި، އޭޝްލީއަށްފަހު ދެން ނިއުކާސަލްގެ ވެރިޔަކަށް އަންނާނީ އުމުރުން 44 އަހަރުގެ އިނގިރޭސި ވިޔަފާރިވެރިޔާ އެމޭންޑާ ސްޓޭވްލީއެވެ.

comment ކޮމެންޓް