ޕާޓީ ޑްރަގަށް ގެއްލުނު ޒުވާނާ ސަލާމަތްވީ މަރަށް ތެޅެނިކޮށް!؟

މާލޭގައި ބޭއްވި ޝޯއެއްގައި ދެ ޖިންސުގެ ޒުވާނުން ނަށަނީ: އުފާ ހޯދަން ބޭނުންކުރާ އެއްޗެއްގެ ސަބަބުން ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިދޭ-- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

"އަހަރެން ބަދުލުވީ ޒޮމްބީއަކަށް. ...ނޭނގެ ވާނުވާއެއްވެސް. ބައެއް ދުވަސް ދުވަހު މަގު މެދުގައި އެބަ ހުންނަން ނަށާލަ ނަށާލާ. ސައިކަލުގެ އަޑު ވެސް ހީވަނީ މިއުޒިކެއްހެން. ދެން ނޭނގެ އޭރު އަހަރެންގެ ދުނިޔެއާ އެހެން އެންމެންގެ ދުނިޔެ ތަފާތުު،" އުމުރުން 25 އަހަރުގެ އަހުމަދު އާތިފް (އަސްލު ނަމެއް ނޫން) ބުންޏެވެ.

ކޮލޮމްބޯގައި ދިރިއުޅޭ މާލެއަށް އުފަން އާތިފަކީ މިހާރު ކައިވެނި ހަފްލާތައް ޒީނަތްތެރި ކުރުމުގައި އުޅޭ ޑިޒައިނަރެކެވެ. ނަމަވެސް އެ ޑިޒައިނަރުގެ ކުލަ ޖެހިފައިވާ ދިރިއުޅުމުގެ ފަހަތުގައި ހިތި މާޒީއެއް އެބަ އޮތެވެ.

ކުލަކުލައިގެ މާތަކުން މިއަދު ކައިވެނި ހަފްލާތައް ޒީނަތެރި ކުރާއިރު މީގެ ކުރިން އޭނާގެ ދިރިއުޅުން ޒީނަތްތެރި ކުރީ ކުލަކުލައިގެ ބޭސްތަކެކެވެ. މިއީ "ޕާޓީ ޑްރަގްސް"ގެ އަވާގައި ޖެހުނު ޒުވާނެއްގެ ވާހަކައެވެ. ކުރު ގޮތަކަށް ބުނާނަމަ ޒޮމްބީއަކުން އިންސާނަަކަށް އޭނާ ބަދަލުވި ގޮތުގެ ވާހަކައެވެ.

އާތިފްގެ ވާހަކަ ތިޔަ ކިޔުންތެރިންނާ ހިސާބަށް ގެންނަން ބޭނުންވީ ހުދު އޭނާއެވެ. މަސްތުވާ އެއްޗެއް ކަމަށްވާ ޕާޓީ ޑްރަގްސްގެ އަޑު މިދުވަސްކޮޅު ގަދަވެފައި ވާތީ، އެ އެއްޗަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން އޭނާ ކިޔައިދިނެވެ.

މީހުން ބުނޭ މަސްތުވުމަކީ ސަޅި ކަމެކޭ. އެއީ ދޮގެއް. މައި މީހާގެ ލޯބިން މަހުރޫމުވެ އާއިލާ ދޫވުމަކީ ސަޅިކަމެއް ނޫން. އެކުގައި އުޅުނު ވަފާތެރި ރައްޓެހިން ގެއްލުމަކީ ސަޅި ކަމެއް ނޫން. ލިބޭހާ ލާރި އެއްޗަކަށް ނުވެ ގެއްލުމަކީ ސަޅިކަމެއް ނޫން. މަސްތުވާތަކެތިން ލިބޭ ސަޅި ކަމަކީ މިހާއެކަނިވެ ހުރިހާ އެއްޗެއް ގެއްލުން، ޕާޓީ ޑްރަގްސް ބޭނުންކުރި ޒުވާނެއް

އޭނާ ހޭދަ ކުރަން ޖެހުނު ހަތަރު އަހަރުގެ ވޭން ހުރި އެ ތަޖުރިބާ ސަން އޮންލައިން މެދުވެރިކޮށް ޒުވާނުންނާ ހިއްސާ ކުރަން ބޭނުންވީ އިތުރު ޒުވާނަކު އަދި ކުއްޖަކު އެ މަސްތުވާތަކެތީގެ އަވާގައި ޖެހި ގެއްލިދާން ބޭނުން ނުވާތީއެވެ.

އާތިފްގެ ވާހަކަ ފެށެނީ ކޮޅުނބަށް ފުއްމާލި ހިސާބުންނެވެ. އޭނާގެ ހުވަފެނަކީ އިމާރާތް ފަރުމާ ކުރުމުގެ ދާއިރާއިން އުހުގައި ފިޔަޖެހުމެވެ. އެ އަމާޒުގައި މުއްސަނދި ބައްޕަގެ އެތައް ހުވަފެންތައް ވެސް ހިފައިގެންނެވެ. ބައްޕަ ބޭނުންވީ ޒަމާނުންސުރެ ކުރަމުން އައި އިމާރާތް ކުރުމުގެ ވިޔަފާރި އާތިފުގެ ޒުވާން ކޮނޑުގައި އަޅުވާށެވެ.

ނަމަވެސް ޒުވާން އާތިފްގެ ހަޔާތް ބަނަވީ ސްރީލަންކާއިން ދިމާވި ރަހުމަތެރިންގެ ސަބަބުންނެވެ. އޭނާގެ ހުވަފެންތައް ފުނޑުފުނޑުވާން މާގިނަ ވަގުތެއް ނުނަގައެވެ. ކޮޅުބުގެ ޖާދޫގައި ޖެހި މީހާ ހަލާކުވާން ނެގީ މަދު ދުވަސްތަކެކެވެ. އެ ގައުމަށް ގޮސް ކޮލެޖަށް ދާން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ، ކޮޅުނބުގެ "ނައިޓްލައިފް"ގެ އޮއެވަރުގައި ޖެހި މިހާ މަގު އޮޅުނީއެވެ.

"އަދިވެސް ހަނދާން އެބަ ހުރި އެއީ މީގެ ހަވަރަކަށް އަހަރު ކުރި. އަހަރަމެން ދިޔައީ ކޮލެޖު ރައްޓެހިންނާއެކު ކްލަބަކަށް. އެތަނުން ފުރަތަމަ އަހަންނަން މަސްތުވާތަކެތި ތައާރަފުވީ. އެއީ ކޮޅުނބުގެ އެކުވެރިންތަކެއް. އެ މީހުން އަހަންނަށް ފުރަތަމަ ރޭ ގުޅަ ބޭސް ތަކެއްގެ ގޮތުގައި ޕާޓީ ޑްރަގްސް ތައާރަފް ކޮށްދިނީ،"

އާތިފްގެ ހަޔާތުގެ އަނދިރި ފަރާތް، ފޯނު މެދުވެރިކޮށް އަޅުގަނޑާ ހިއްސާ ކުރަމުންދިޔައިރު އޭނާއަށް އުޅެމުންދިޔަ އުޅުމާއި ކުރި އަސަރު މިހާރު ވެސް އިހުސާސްވާ ކަހަލައެވެ. އެ ވާހަކަތައް ޝައުގުވެރިކަމާ އެކު އަޑުއަހަން އިން އިރު ގައިން ހީބިހި ނަގައިގެން ދެއެވެ.

"އެ މީހުން މަށަށް ވަރަށް ކިޔައިދިން ހަދަންވީ ގޮތް. ދެން މަ އެ ނަގައިފިން. ފުރަތަމަ ރޭ ވަރަށް ސަޅިވި. މީހާއަށް ދުވަހަކު ވެސް ނުވާ ކަހަލަ _ _ _ ގޮތްތަކެއްވި. ކުރުގޮތަކަށް ލައިފް ވަރަށް _ _ _."

ކޮންމެ ދުވަހެއް އާތިފަށް ބަދަލުވީ ޕާޓީއަކަށެވެ. މީހާގެ މުޅި ދިރިއުޅުން ބަދަލުވެ މުޅިހެން "ނައިސް" ވާން ފަށައިފިއެވެ. ދިރިއުޅުމުގެ ހުވަފެން ސީދާ ކުރުމަށް ކޮޅުނބަށް ދިޔަ ޒުވާނާގެ ކޮންމެ ސިކުންތެއް ހުވަފެނަކަށް ބަދަލުވީ އެވެ. އަސްލާ ކުރިމަތިލަނީ ވަރަށް މަދުންނެވެ. މީހާ ޒޮމްބީއަކަށް ބަދަލުވެގެން ދިޔައީ އެކަން އިހްސާސް ކޮށްލާނެ ފުރުސަތެއް ވެސް ނުލިބިއެވެ. އާތިފުގެ ދިރިއުޅުމުގެ ސޯބު ބަދަލުވެ ނުއަތަން އެނބުރެން ފަށައި ދިރިއުޅުމުގެ އަސާސް ގެއްލުނީ އެހާ ހިސާބުންނެވެ.

"އެ ބޭނުން ކުރަން ފެށީމަ ވާގޮތަކީ އެއިރަކު ހިތަށް އަރާއެއްޗެއް އެބަފެނޭ. ދެން އަހަރެން ބައެއްފަހަރު ހިތަށް އަރާ މިހާރު މިހުރީ ޖައްވުގައޭ. އޭރު ބައެއް ފަހަރު ހުންނާނެ ޕޮލިހަށް ވެސް ގެންގޮސް. ފާޑަކަށް މިހާ މޮޔަވީ. އެކަމުން ދުރުވާކަށް ވެސް ބޭނުމެއް ނުވޭ. އަސްލު އައީ އާކިޓެކްޗާ ހަދަން. އެކަމަކު އެ ޑްރަގް ބޭނުންކޮށްގެން މިކުރާ ކަމަކީ ހިޔާލުގައި މޮޅެތި އިމާރާތް ހަދަނީ،" ހިނިގަނޑެއް ޖަހާލުމަށް ފަހު އާތިފް ބުންޏެވެ.

އާތިފް ދިރިއުޅުމުގައި ޖެހުނު ލައްގަނޑު ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވެ އެ ލައްގަނޑު ފާޅުވާ ވަރަށް ބޮޑުވާން ފެށުމުން އޭނާއަށް ކުރެވުނީ ކޮން ކަމެއްކަން، އެނގި ހަމަހޭވެރިކަން ވެރިވާން މެދުވެރިވީ ކުޑަކުޑަ ކަމަކުންނެވެ. އެ ވާހަކަ އޭނާ ކިޔައިދިނީ ލައްކަ ހިތްވަރުންނެންވެ. އެ މަންޒަރު އޭނާ ސިފަކޮށްދިނީ ހަމަ ދެންމެދެންމެ ހިނގައިދިޔަ ކަމެއްގެ ގޮތުގައެވެ.

އާތިފަށް ކުރެވެމުންދިޔަ ގޯސް ކަންތައްތަކާއި މަސްތުވާ ތަކެތީގެ އަވާގައި ޖެހެވެމުންދިޔަ ވަރު އަންދާޒާ ކުރެވުނީ މަރުގެ ދޮރާއްޓާ ހިސާބަށް ގޮސް މަރުވުމުގެ އިހްސާސާއި ކަށްވަޅުގެ ބިރުވެރިކަން ހިތަށް އެރި ހިސާބުންނެވެ. އާތިފް އޮވާޑޯޒްވެ، އޭނާ މަރުނުވީ ކިރިޔާއެވެ. ސަލާމަތްވީ ކައިރީގައި އެ ވަގުތު ހުރި އޭނާގެ ލޯބިވެރިޔާ އަދި މިހާރުގެ އަނބިމީހާގެ ސަބަބުންނެވެ. އޭނާއަކީ ޑޮކްޓަރެއްކަމުން ފަރުވާތެރިކަމާ އެކު ދެވުނު ފުރަތަމަ އެހީގެ ސަބަބުން އޭނާ ސަލާމަތްވީއެވެ.

"އެ ދުވަހު އިހްސާސްވީ މަރުގެ މަތިން. ހިތަށް އެރީ ދެން ސަލާމަތެއް ނުވާނޭ. ދެން ވިސްނާލެވުނީ ކަށްވަޅަށް ގެންދަން އޮތީ ކޯއްޗެއްބާއޭ. ފެނުނު ވަރަށް ބައިވަރު ފައިސާ ވެސް ހުރި ތަން. އެކުގައި އުޅުނު ވަރަށް ގިނަ ރަހުމަތެރިން ވެސް ފެނުނު. ނަމަވެސް ނުފެނުނީ ކުރެވުނު ހެޔޮ ކަމެއް. ފެނުނީ އަހަރެން ބޭނުން ކުރި ބޭސްތައް އަހަރެންނަށް ފަސްދީފައި ދާތަން. އެހީއަށް ގޮވުމުން ވެސް އެ އެއްޗެހި ބަލައެއް ނުލި،" އާތިފު ބުންޏެވެ.

އާތިފް އަށް ރޮވުނީއެވެ. އެނާއަށް ބުނެވުނުހާ އެއްޗަކީ ވެސް މިއީއެވެ. އޭނާގެ ދިރިއުޅުމުގެ ފޮނި ދުވަސްވަރު ހޭދަ ކުރީ ކުލަކުލައިގެ މަސްތުގައެވެ. އެ އަވާގައި ޖެހި ކޮންމެ ދުވަހެއް ނިމުނު ނަމަވެސް އެންމެ ފަހުން އިހްސާސް ކުރެވުނީ ކަށްވަޅުގައި އެ ބޭސްތަކުގެ ސަބަބުން އަމާން ކަމެއް ނެތް ކަމެވެ. ރަހުމަތްތެރީންގެ ހުނުމާއި ދިން ހިތްވަރުގެ ސަބަބުން ކަށްވަޅު ތަނަވަސް ނުވާނެކަން އޭނާއަށް ޔަގީންވީއެވެ.

"މީހުން ބުނޭ މަސްތުވުމަކީ ސަޅި ކަމެކޭ. އެއީ ދޮގެއް. މައި މީހާގެ ލޯބިން މަހުރޫމުވެ އާއިލާ ދޫވުމަކީ ސަޅިކަމެއް ނޫން. އެކުގައި އުޅުނު ވަފާތެރި ރައްޓެހިން ގެއްލުމަކީ ސަޅި ކަމެއް ނޫން. ލިބޭހާ ލާރި އެއްޗަކަށް ނުވެ ގެއްލުމަކީ ސަޅިކަމެއް ނޫން. މަސްތުވާތަކެތިން ލިބޭ ސަޅި ކަމަކީ މިހާއެކަނިވެ ހުރިހާ އެއްޗެއް ގެއްލުން،"

އާތިފު ވާހަކަ ނިންމާލީ އޭނާގެ އަސްލު ޝަހުސިއްޔަތު ބަޔާން ނުކޮށްދިނުމަށް އެދި ޝަރުތުކުރަމުންނެވެ. ޒަވާޖީ ހަޔާތް ފަށައި، ދިރިއުޅުމުގެ އަމާޒުތައް ހާސިލު ކުރުމުގައި އަވަދިނެތި އުޅެމުންދާ އާތިފު ބުނި ގޮތުން މިހާރު ވެސް އޭނާ ގޯޅިއަޅަން މެދުވެރި ކުރިވި މީހުން އޭނާއަށް ހުށަހެޅުންތަށް ހުށަހަޅައެވެ. ނަމަވެސް ކަށްވަޅުގައި އެ މަސްތުގެ ސަބަބުން ވާނެ ފައިދާއެއް ނެތުމުން އޭނާ އެ ހުރިހާ ކަމަކަށް ނޫނެކޭ ބުނަނީއެވެ.

އާތިފު ދިވެހި ޒުވާނުންނަށް ބުނެދޭން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ހިޔާލީ އާލަމަކަށް ގެއްލިގެން ސަޅިވާނެ ކަމެއް ނެތެވެ. މަސްތުގެ ތެރެއަށް ގެނބި، އެނބުރެމުން، އޮޅެމުން، ނިއުޅެމުންދާ ކުލަކުލައިން ސަޅިވާނެ ކަމެއް ނެތެވެ. ސަޅިވާންވީ މީހާގެ ޝަހުސިއްޔާތުންނެވެ. ކުރި އަރައިދާންވީ މަސްތުގެ ރޮނގަކުން ނޫނެވެ. ސަޅި ވާންވީ އިލްމުގެ ނޫރުން އަލިކަން ހޯދައިގެން ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށެވެ.

"އަސްލު މަސްތުވުމަށް ވުރެ މާ ރަނގަޅުވާނެ އަމިއްލައަށް ވަޅެއް ކޮނެގެން އޮށޯތިއްޔާ. ސަބަބަކީ އެއީ މަރަށް އަދި ހަލާކަށް ދައުވަތު ދޭ އެއްޗެއް. ހަލާކު ނޫން އެހެން އެއްޗެއް އެއަކު ނުވޭ،" މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ ޒުވާނާ އެންމެ ފަހު ބަހަކަށް ބުންޏެވެ.

comment ކޮމެންޓް