ޓޮޓެންހަމްގެ ކޯޗު ކަމުގައި 10 ނުވަތަ 15 ވަރަކަށް އަހަރު ހުންނަން ބޭނުން: ޕޮކެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ: ދިގު މުއްދަތަކަށް ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުގައި ހުންނަން ބޭނުންވާ ކަމަށް އޭނާ ބުނޭ --- ފޮޓޯ/ އޭޕީ

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ކަމުގައި 10 ނުވަތަ 15 ވަރަކަށް އަހަރު ހުންނަން ބޭނުންވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޓޮޓެންހަމްއަށް ޓްރޮފީތައް ހޯދައިދޭން ބޭނުންވާ ކަމަށް އެ ކްލަބުގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފިއެވެ.

ދާދި ފަހުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ވެސް ވަނީ ޕޮކެޓީނޯއަށް ތައުރީފްކޮށް، ދިގު މުއްދަތަކަށް އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި އޭނާ ބަހައްޓަން ބޭނުންވާ ކަމަށް ބުނެފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ޕޮކެޓީނޯ ވަނީ 2014 ވަނަ އަހަރު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ، އެ ކްލަބަށް ކުރިއެރުންތަކެއް ހޯދައިދީފައެވެ. ޕޮކެޓީނޯ ގެނެސްދިން ކުރިއެރުންތަކުގެ ސަބަބުން ޓޮޓެންހަމްގެ އެންމެ ހިދުމަތްތެރި ކޯޗުންގެ ލިސްޓަށް އެ ކްލަބުން ވަނީ ޕޮކެޓީނޯގެ ނަން އިތުރުކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ޕޮކެޓީނޯ ބުނީ، ޓޮޓެންހަމްގެ ވެރިޔާ އަދި ޗެއާމަން ބޭނުންވެއްޖެނަމަ ދިގު މުއްދަތަކަށް އެ ކްލަބުގައި ހުންނަން އުފާކުރާނެ ކަމަށެވެ.

"އެކަން ނިންމުން އެއީ ކްލަބުގެ ވެރިޔާ އަދި ޗެއާމަންގެ ކަމެއް. ޓޮޓެންހަމްގައި ހޭދަކުރަމުންދާ ދުވަސްތަކަކީ އަހަރެންނަށް ވަރަށް އުފާވެރި ދުވަސްތަކެއް. މިއީ ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކުރެވޭ ވަރުގެ ކްލަބެއް. އަހަރެމެން އިންތިޒާރު މިކުރަނީ އާ ފެސިލިޓީތަކާއެކު ސްޓޭޑިއަމްގެ މަސައްކަތް ނިމޭނެ ދުވަހަކަށް. އަހަރެމެންނަށް އޮތީ ވާދަވެރިކަމާއެކު ޓްރޮފީތައް ކާމިޔާބުކުރުން. މި ކްލަބުގައި 10 ނުވަތަ 15 އަހަރު ހުންނަން ބޭނުން،" އޭނާ ބުންޏެވެ.

ފާއިތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލްއާ ދެކޮޅަށް މިރޭ ޓޮޓެންހަމް ނުކުންނައިރު، އެ ދެ ޓީމަކީ ހަ ޕޮއިންޓާއެކު 'ގްރޫޕް އެޗް'ގެ އެންމެ ކުރީގައި އޮތް ދެ ޓީމެވެ. ރެއާލްގެ ސެންޓިއާގޯ ބެރްނަބެއޫގައި ކުޅޭ އެ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 11:45 ގައެވެ.

comment ކޮމެންޓް