އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ހައްގުވެރިޔަކީ ރޮނާލްޑޯ: ޓޮޓީ

ރޮނާލްޑޯ(ކ)، މެސީ(މ) އަދި ނޭމާ(ވ) ---

މިއަހަރުގެ ފީފާ ދަ ބެސްޓް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ހައްގުވެރިޔަކީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އިޓަލީގެ ލެޖެންޑް ފްރެންޗެސްކޯ ޓޮޓީ ބުނެފިއެވެ.

ޓޮޓީގެ ނަޒަރުގައި އެ އެވޯޑަށް ނޮމިނޭޓްވި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއި ބްރެޒިލް ތަރި ނޭމާއަކީ ވެސް ވަރަށް މޮޅު ކުޅުންތެރިން ކަމުގައިވީ ނަމަވެސް، ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށް އޭނާ ދެކެއެވެ. މިދިޔަ އަހަރުގެ ދަ ބެސްޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ރޮނާލްޑޯއެވެ.

"އެއީ ފުޓްބޯޅައިގެ ތިން އޭލިއަނުން. އަހަރެން ގަބޫލުކުރާ ގޮތުގައި އެ ތިން ކުޅުންތެރިންގެ ތެރޭގައި އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔަކީ ރޮނާލްޑޯ. މިދިޔަ ސީޒަން އޭނާއަށް ވެގެންދިޔައީ ވަރަށް ރަނގަޅު ސީޒަނަކަށް. އެންމެ ރަނގަޅު ޓީމާއެކު އޭނާ ވަނީ ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައި،" ފީފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޓޮޓީ ބުންޏެވެ.

ރޮނާލްޑޯގެ އިތުރުން ރެއާލަށް މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ޒައިނުއްދީން ޒިދާނަށް އެންމެ މޮޅު ކޯޗުގެ އެވޯޑު ލިބެން ޖެހޭ ކަމަށް ވެސް ޓޮޓީ ބުނެފައިވެއެވެ.

ޒިދާންއާއެކު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ޔުވެންޓަސްއަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދީ، އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިން ކޯޗު މަސިމިލިއާނޯ އަލެގްރީއެވެ.

"އަހަރެންނަށް ހީވަނީ ޒިދާން ފޭވަރިޓަކަށް ވަނީ ރޮނާލްޑޯއަށް މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބެން ޖެހޭ ސަބަބުތަކާ ހުރެހެން. ޒިދާން ވަނީ މިދިޔަ ސީޒަނުގައި ހުރިހާ ކާމިޔާބެއް ހޯދާފައި،" ޓޮޓީ ބުންޏެވެ.

ދަ ބެސްޓް އެވޯޑުގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ވާދަކުރަނީ ޔުވެންޓަސްގެ ކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ރެއާލްގެ ކީޕަރު ކޭލާ ނަވާސް އަދި ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާއެވެ. އެ އެވޯޑަށް ބުފޮން އާއި ނަވާސްގެ ބޮޑު ވާދަވެރިކަމެއް އޮތް ކަމަށް ޓޮޓީ ގަބޫލުކުރާ އިރު، އޭގެ ތެރެއިން އެ އެވޯޑުގެ އެންމެ ހައްގުވެރިޔަކީ ބުފޮން ކަމަށް އޭނާ ބުނެއެވެ.

comment ކޮމެންޓް