ފީފާ ރޭންކިންގައި ރާއްޖެ ދެ ދަރަޖަ ފަހަތަށް

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއާއި އޮމާން ބައްދަލުކުރި މެޗުގެ ތެރޭން: އެ މެޗުން ރާއްޖެ ބަލިވީ 3-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން މިއަދު އިއުލާނުކުރި އެންމެ ފަހުގެ ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެ ދެ ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

އާ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 156 ވަނައިގަ އެވެ. މިދިޔަ މަހު ރާއްޖެ އޮތީ ރޭންކިންގެ 154 ވަނައިގައެވެ.

ރާއްޖެ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައި ވަނީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައެވެ. މި މަހުގެ 10 ވަނަ ދުވަހު އޮމާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުން ރާއްޖެ ވަނީ 1-3 އިން ބަލިވެފައެވެ.

ރާއްޖެ ހިމެނޭ ސާކް ސަރަހައްދަށް ބަލައިލާއިރު، އެއް ވަނާގައި އަދިވެސް އޮތީ އިންޑިއާއެވެ. އެގޮތުން މިފަހަރު އިންޑިއާއަށް 105 ވަނަ ލިބުނު އިރު ކުރިން އެ ޓީމު އޮތީ 107 ވަނާގަ އެވެ. ރާއްޖެ އޮތީ އިންޑިއާއަށް ވުރެ 51 ދަރަޖަ ފަހަތުގައެވެ.

މިފަހަރުގެ ރޭންކިންގައި ސާކް ސަރަހައްދުގެ ދެ ވަނަ ރާއްޖެ ފަހަތަށް ޖައްލާސުމަށްފަހު އަފްގާނިސްތާން ވަނީ ހޯދާފަ އެވެ. އެ ގައުމު އޮތީ 154 ވަނައިގައެވެ. ރާއްޖެ ފަހަތުން ނޭޕާލަށް ލިބެނީ 176 ވަނައެވެ. ބޫޓާން އަށް 196 ވަނަ ލިބޭއިރު ބަންގުލަދޭޝް އޮތީ 196 ވަނާގަ އެވެ. ސްރީލަންކާއަށް 198 ވަނަ ލިބޭއިރު، ސާކް ސަރަހައްދުން ރޭންކިންގެ އެންމެ ފުލުގައި އޮތީ 201 ވަނާގައި އޮތް ޕާކިސްތާނެވެ.

ކޮކާ-ކޯލާ ދުނިޔޭގެ ރޭންކިންގެ އެއް ވަނަ މަގާމު މިފަހަރު ވެސް ޖަރުމަނަށް ލިބުނު ދެ ވަނަ ލިބެނީ ބްރެޒިލްއަށެވެ. އަދި ޕޯޗުގަލް ވަނީ ތިންވަނަ މަގާމު ދަމަހައްޓާފައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ކުރި ލިބޭނީ ޓިއުނޭޝިއާ އަށެވެ. އެ ގައުމު އޮތީ ރޭންކިންގެ 28 ވަނާގަ އެވެ. ސަރަހައްދުން އެންމެ ކުރި ލިބޭނީ 16 ވަނާގައި އޮތް މެކްސިކޯއަށެވެ. ދެކުނު އެމެރިކާ ސަރަހައްދުން އެއްވަނަ ބްރެޒިލް އަށް ލިބޭއިރު އަދި އޭޝިއާ ސަރަހައްދުން އެންމެ ކުރީގައި އަދިވެސް އޮތީ އީރާނެވެ. އެ ގައުމު އޮތީ ރޭންކިންގެ 34 ވަނައިގައެވެ.

comment ކޮމެންޓް