ރައީސްގެ ދެކަނބަލުން ބުރުޖް ހަލީފާއަށް ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދުބާއީއަށް ވަޑައިގެން ބުރްޖް އަލް ޚަލީފާ ބައްލަވާލައްވައިފިއެވެ.

މިއަދުން ފެށިގެން، ބުރާސްފަރި ދުވަހުގެ ނިޔަލަށް ޔޫއޭއީއަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅުގައި ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރަތައް މިއަދު ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ހެޑް އޮފް ޕްރޮޓޮކޯލެވެ.

ބުރްޖު ޚަލީފާއަށް ރާއީސްގެ ދެކަނބަލުން ވަޑައިގެން އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުަގައި ރައީސް ޔާމީން ވަނީ ސޮއި ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ބުރުޖް ހަލީފާއަކީ 2010 ވަނަ އަހަރު 1.5 ބިލިއަން ޑޮލަރު ހަރަދު ކޮށްގެން ހަދާފައިވާ ދުނިޔޭގެ އެންމެ އުސް އިމާރާތެވެ. އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް 2004 ވަނަ އަހަރު ފެށުނު އިރު އެ އިމާރަތުގެ އުސްމިނުގައި 830 މީޓަރު ހުރެއެވެ.

comment ކޮމެންޓް