މޮރީނިއޯގެ ސްޓައިލަށް ކުޅެގެން ލިވަޕޫލަށް ތަށްޓެއް ނުލިބޭނެ: ކްލޮޕް

ލިވަޕޫލުގެ ކޯޗު ޔޫގެން ކްލޮޕް-- ފޮޓޯ: އޭޕީ

ހޯޒޭ މޮރީނިއޯގެ ސްޓައިލަށް ކުޅެފިނަމަ ލިވަޕޫލަށް ޕްރިމިއަރ ލީގު ތަށި ނުލިބޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު، ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކްލޮޕް ވަނީ ލިވަޕޫލުގެ ކުޅުމުގެ ސްޓައިލް ރަނގަޅު ކަމަށް ބުނެ ވާހަކަ ދައްކައިފައެވެ.

ކްލޮޕް ބުނީ ޔުނައިޓެޑުން ގެންގުޅުނު ޓެކްޓިކްސް ވަރަށް ސާފު ކަމަށާއި ނަމަވެސް އެކަމާ ފާޑުކިޔައި ހަދަން ބޭނުން ނުވާ ކަމަށެވެ.

"މޮރީނިއޯ ކަންތައް ކުރީ އޭނާއަށް އެންމެ ރަނގަޅަށް އޭނާ ބޭނުންވި ގޮތަށް. އެ މީހުން ކުޅުނު ގޮތުގެ ސަބަބުން އަހަރެމެނަށް ފަސޭހައެއް ނުވި، މެޗުގައި އަސްލު އަހަރެމެންގެ ކުޅުން ދައްކާކަށް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލުން މަސައްކަތް ކުރަނީ ލީގު ކާމިޔާބު ކުރުމަށް ކަމަށާއި ނަމަވެސް ލީގު ކާމިޔާބު ނުކުރެވޭތާ 26 ވަރަކަށް އަހަރުވެފައިވާ ޓީމަކަށް ޑިފެންސް ކޮށްގެން ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި ލިވަޕޫލުން ޔުނައިޓެޑާއި މެންޗެސްޓާ ސިޓީއަށް ވުރެ އެތައް ގުނައެއް ފަހަތުގައި ވީ ނަމަވެސް ކްލޮޕް ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ލިވަޕޫލަކީ ތައްޓަށް ވާދަ ކުރާނެ ޓީމަކަށް ވާނެ ކަމަށެވެ.

"އަހަރެމެން ޓީމުން ރަނގަޅަށް ކުޅެ މޮޅުވުމުގެ ރޫހު ދެއްކީ. ނަމަވެސް ކަންކަން ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. ޕެނަލްޓީއެއް ލިބުނު ނަމަ އެ ގޯލަކަށް ވާނެ ކަމުގެ ޔަގީންކަން އޮތް. ޔުނައިޓެޑްގެ ކީޕަރުގެ މޮޅު ސޭވްތައް ނުފެނުނު ނަމަ އަހަރެމެން ދަނޑުން ފައިބާނީ ތިން ޕޮއިންޓާއެކު،" ކްޕޮލް ބުންޏެވެ.

comment ކޮމެންޓް