ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ އެޕާޓްމެންޓްތަކާއެކު 14 ބުރީގެ އިމާރާތެއް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފުލެޓެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ އެޕާޓްމެންޓްތަކެއް ހިމެނޭ 14 ބުރީގެ އިމާރާތެއް ހެދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ އެ ފްލެޓްތައް ދޭން ކަނޑައާޅާ ފަރާތްތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 14 ބުރިއަށް އަޅާ އެ އިމާރާތް އެޅުމަށް ތިން ގޮތަކަށް ޕްރޮޕޯޒަލް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން އިމާރާތް ކުރުމަށް ހިނގާ ހަރަދުގެ 15 ޕަސެންޓު، އިމާރާތް ކުރާ ފަރާތަށް އެޗްޑީސީން ދީގެން އިމާރާތް ކުރާ ގޮތަށް ނުވަތަ އިމާރާތް ކުރާ ފަރާތުގެ އަމިއްލަ ހަރަދުގައި އިމާރާތް ކުރުމަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ނުވަތަ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ޚަރަދު ކުރާ ގޮތަށް އިމާރާތް ކުރުމަށް ޕްރޮޕޯޒަލް ހުށަހެޅިދާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

ކޮންމެ ގޮތަކަށް އިމާރާތް ކުރަން ނިންމި ނަމަވެސް އެޕާޓްމެމްޓެއްގެ ޖުމްލަ އަގަށް ދައްކަންޖެހޭ ފައިސާގެ އަދަދު 38000 ޑޮލަރަށް (585960 ދިވެހި ރުފިޔާ) އަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

އެޗްޑީސީން ބުނީ އިމާރާތް އަޅަންވާނީ 14 ބުރީގެ ފައުންޑޭޝަން އަކާއެކު ބްރިޓިޝް މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ. އިމާރާތުގެ ފުރަތަމަ ފަސްބުރީގެ މަސައްކަތް ނިންމާއިރު، އިމާރާތުގެ އެންމެ ތިރީގައި އިމާރާތުގައި އުޅޭ ފަރާތްތަކުގެ އުޅަނދުތައް ޕާކު ކުރެވޭނެ ޖާގަ އާއި ވިޔަފާރި ކުރާނެ ޖާގަ ވެސް އޮންނަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މި މަސައްކަތާ ގުޅޭ ޕްރީ ބިޑް މީޓިން އެއް މިއަދު ބާއްވާފައި ވާއިރު މަސައްކަތުގެ ޑިޒައިން 30 ދުވަހުގެ ތެރޭ ނިންމައި 150 ދުވަހުގެ ތެރޭ މަސައްކަތް ފަށަން ޖެހެއެވެ.

comment ކޮމެންޓް