އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލު ގެންނަނީ

މިއަހަރުގެ މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން: އެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެންނާނެ ވާހަކަ ބައްސާމް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ސްކޫލުތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތުގެ ފޯމެޓަށް ވަރަށް އަވަހަށް ބަދަލު ގެންނާނެ ކަމަށް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

"ސަން ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބައްސާމް ވިދާޅުވީ، އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތް ބާއްވާ ފޯމެޓަށް ބަދަލު ގެންނަން ވާހަކަ ދެކެވެމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ހުރީ އިންޓަ ސްކޫލު މުބާރާތްތައް ވެސް މިހާރަށް ވުރެ ހަރުދަނާކޮށް އޭގެ މަގުސަދެއް ހާސިލްވާ ގޮތަށް ކުރިއަށް ގެންދަން. ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އިންޓަ ސްކޫލު މުބާރާތްތައް މަހެއް ދޮޅުމަހެއްހާ ދުވަހަށް ބޭއްވުމުގެ ބަދަލުގައި ލީގު އުސޫލުން މުޅި އަހަރަށް ދެމިގެންދާނެ ގޮތަކަށް ބާއްވަން ވިސްނަމުން މިދަނީ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ލީގު އުސޫލުން ކުރިއަށް ގެންދާއިރު، މެޗުތައް ކުޅެވޭނީ ހަފްތާ ބަންދު ދުވަސްތަކުގައި އެކަނި ކަމަށާއި އޭގެ ސަބަބުން މަދު މެޗުތައް ކުޅެ ކުދިންގެ ކިޔެވުމަށް ވެސް ބުރޫ ނާރާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ލީގު މެޗުތައް ކުޅޭނީ ހަފްތާ ބަންދު ދުވަސްތަކުގައި އެކަނި. އަދި އިމްތިހާނު ދުވަސްވަރު ލީގު ބޮޑު ބްރޭކެއް ނަގައި އިމްތިހާނަށް އިސްކަން ދެވޭނެ. އެއީ އަޅުގަނޑުމެންގެ ވިސްނުން ހުރި ގޮތަކީ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ބައްސާމްގެ ވާހަކައިގައި ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ބޮޑު އިސްކަމެއް އެފްއޭއެމް އިން ދެމުންދާ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ލީގެއް ގޮތަށް ސްކޫލު މުބާރާތަށް ބަދަލު ކުރުމުން ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ގިނަ ފުރުސަތުތަކެއް ލިބި ފިޓްނަސް ރަނގަޅުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި ގެންގުޅޭ އުސޫލަކީ މުބާރާތެއް ކުޅެން ވެގެން ކުޅޭ އުސޫލު. އެކަމަކު އޭގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ގޮތަކަށް މި މުބާރާތަށް ވެސް ގެންގޮސްގެން މާދަމާއަށް ޒުވާން މޮޅު ކުޅުންތެރިން ބިނާ ކުރެވޭނީ. އެއީ އަޅުގަނޑުގެ ވިސްނުން ހުރި ގޮތަކީ." ބައްސާމް ވިދާޅުވިއެވެ.

comment ކޮމެންޓް