މަހާޖައްރާފު އެންމެ ފުރަތަމަ ހިއްކަން ފަށާ ބިމަކީ ކުޅުދުއްފުށީ އެއާޕޯޓު އަޅާ ބިން

އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާޖައްރާފާ"ގެ އެންމެ ފުރަތަމަ މަސައްކަތަކީ ކުޅުދުއްފުށީގެ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު "ސަން"އަށް މިއަދު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ބިން ހިއްކުމަށް މިހާރު ސޮއިކޮށް ދެތިން ދުވަސްތެރޭގައި ބިން ހިއްކުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުޓަށް ގެންދަން ފަށާނެ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު -- ފޮޓޯ/ އެމްޓީސީސީ

މަހާޖައްރާފު ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް 180 ދުވަސްތެރޭގައި ނިންމާލެވެނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވީ ކުޅުދުއްފުށީ ބިންހިއްކުމުގެ މަސައްކަތަކީ 53.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން 6.21 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބުނީ މަހާ ޖައްރާފް ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެއް ކަމަށެވެ. އަދި އެ ޑްރެޖަރުން އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެ އެވެ.

comment ކޮމެންޓް