މިނިވަންކަން އިއުލާން ކުރުމާ ބެހޭ ގޮތުން ކެތަލޯނިއާގެ ރައީސް ޖަވާބެއް ނުދެއްވި

ކެތަލޯނިއާގެ މިނިވަން ކަމަށް ގޮވާލައި ބޭއްވި އެއްވުމެއް -- ފޮޓޯ/ އޭޕީ

މެޑްރިޑް (އޮކްޓޯބަރު 16): ކެތަލޯނިއާއިން މިނިވަންކަން އިއުލާން ކުރުމާ ބެހޭ ގޮތުން ނިންމި ގޮތެއް ރަސްމީކޮށް ސްޕެއިންގެ ސަރުކާރަށް އަންގަން ދީފައިވާ މުއްދަތު މިއަދު ހަމަވި ނަމަވެސް، އެކަމާ ބެހޭ ގޮތުން ސީދާ ޖަވާބެއް ދެއްވަން ކެތަލޯނިއާގެ ރައީސް ކާލެސް ޕުޖިޑެމޮން ދެކޮޅު ހައްދަވައިފި އެވެ.

ޕުޖިޑެމޮން މިއަދު ސްޕެއިން ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި ވަނީ ކެތަލޯނިއާގައި މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު މިނިވަންކަން އިއުލާން ކުރަން ދެކޮޅު ހެއްދެވީ އެ ގައުމުގެ ހާލަތު ގޯސް ކުރުމުގެ ބަދަލުގައި، މައްސަލަތައް ހައްލު ކުރަން ބޭނުންވާ މިންވަރު ބޮޑު ކަމުން ކަމަށް ވިދާޅުވެފަ އެވެ. ކެތަލޯނިއާގެ މިނިވަން ކަމާ ބެހޭ ގޮތުން ކުރިއަށް އޮތް ދެމަސް ތެރޭ މަޝްވަރާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް ސްޕެއިންގެ ބޮޑުވަޒީރުގެ ނައިބު ސޮރާޔާ ސައެންޒް ޑި ސަންޓަމަރިއާ ވަނީ އެ ގައުމުގެ ސަރުކާރުން ބޭނުން ވަނީ ސީދާ ޖަވާބެއް ކަމަށާއި، އެފަދަ ޖަވާބެއް ދޭން ބުރާސްފަތި ދުވަހާ ހަމައަށް މުހުލަތެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ސްޕެއިންގެ ސަރުކާރުން ވަނީ ކެތަލޯނިއާއިން މިނިވަންކަން އިއުލާންކޮށްފި ނަމަ އެގައުމުގެ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ދަށުން، ކެތަލޯނިއާގައި އޮތް އަމިއްލަ ވެރިކަން އުވާލައި، އެސްޓޭޓް އެގައުމުގެ މައި ސަރުކާރުގެ ވެރިކަމުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ކެތަލޯނިއާގެ މިނިވަންކަމާ ބެހޭ ގޮތުން ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވޯޓު ދިނީ މިނިވަން ކަމަށެވެ. ނަމަވެސް އެވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 43 ޕަސެންޓް މީހުންނެވެ.

އަދި އެއީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމާފައިވާ އިރު، ވޯޓު ލުން އޮތް ދުވަހު ސްޕެއިންގެ ފުލުހުން ވަނީ ވޯޓު ފޮށިތައް އަތުލައި، ވޯޓު ފޮށި ބަހައްޓާފައިވާ ސްކޫލްތައް ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ފުލުހުންނާއި ވޯޓުލާން ދިޔަ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވި އެވެ. (ބީބީސީ)

comment ކޮމެންޓް