މި އަހަރު ނިމުމުގެ ކުރިން ސްޓޭޑިއަމްގައި އިތުރު ޓާފް ދަނޑުތަކެއް އަޅަނީ

މާފަންނު ސްޓޭޑިއަމްގައި، މޭރީ ބްރައުން ފަހަތުން އޮންނަ ދެ ވެލި ދަނޑުގައި އެފްއޭއެމުން ދަނީ، ޓާފް ދަނޑުތަކެއް ތަރައްގީކުރުމަށް ތައްޔާރުވަމުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މާފަންނު ސްޓޭޑިއަމްގައި އިތުރު ޓާފް ދަނޑުތަކެއް އެޅިގެން ދާނޭކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ސަންއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ދިވެހި ފުޓްބޯޅަ ކުރިއެރުވެން އޮތީ، ގްރާސްރޫޓް އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހަރަކާތްތައް ވަރުގަދަ ކޮށްގެން ކަމަށެވެ. އަދި ވައިޑީޕީ ހަރަކާތްތައް އިތުރުކުރުމަށް، މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ވަސީލަތްތައް މަދުވުންކަމަށެވެ. އެގޮތުން އޭނާ ވަނީ ތަމްރީނުތައް ކުރިއަށް ގެންދާނޭ ދަނޑުތައް ނެތުމުގެ މައްސަލަ ފާހަގަކުރައްވައިފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަންއަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ

"މިވަގުތު އަޅުގަނޑުމެންގެ އަތުގައި އޮތީ މާލެއަށް ބަލައިފި ކަމުގައި ވާނަމަ ޓާފް ދެ ދަނޑު. އަޅުގަނޑުމެންގެ ހުރިހާ ޓީމުތަކެއް އެތާނގައި ޓްރެއިން މިކުރަނީ. މިއަދު މިވަގުތާ ހަމައަށް އަޅުގަނޑަށް ދަންނަވަން ކެރިދާނެ 100އަށް ވުރެ ގިނަ ޓީމުތަކުން މި ދެ ދަނޑުގެ ބޭނުން އެބަ ހިފާ ޓްރެއިނިންއަށް އެކިއެކި މުބާރާތްތަކަށް،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ، ދަނޑު ނެތުމުގެ މައްސަލައަށް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނޭކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭއެފްސީގެ އެހީތެރިކަމާއެކު މާލޭގައި އިތުރު ޓާފް ދަނޑުތަކެއް އެޅުމަށް، މިހާރު ހުރިހާ ސާމާނެއްވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭއެފްސީގެ ޕްރެޒިޑެންޓް އިނިޝިއޭޓްގެ ދަށުން، އަޅުގަނޑުމެންނަށް ތިން ފުޓްސަލް ދަނޑު ނުވަތަ ތިން މިނީ ޕިޗް ލިބިފައި އެބައޮތް. އިރާދަކުރެއްވިއްޔާ މި އަހަރުގެ ޑިސެމްބަރަށް، އެ ތިން ދަނޑު މި ވެލިދަނޑުގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ތަނުގައި އެޅިގެން ދާތަން ފެނިގެން ދާނެ،" ބައްސާމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ދަނޑުތައް ޑިސެމްބަރަށް ނިމިގެންދާނެ."

"މި ޕިޗްގެ ބޭނުމަކީވެސް އަޅުގަނޑުމެން އެކަޑަމީތަކަށް ފޯކަސްކުރުން. އެހެންވީމަ އެކަޑަމީތަކަށް އެއޮތީ ވަކިވަކި ދަނޑުތަކެއް އިރާދަކުރެއްވިއްޔާ ހަމަޖެހިފައި."

މާފަންނު ސްޓޭޑިއަމްގައި ބަޔަކު މީހުން ފުޓުބޯޅަ ކުޅެނީ: ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ބައްސާމް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ފެށިގެން ދާނޭކަމަށެވެ.

"މިހާރު ވަނީ އެ ދަނޑަށް ބޭނުންވާ ހުރިހާ ސާމާނެއް ބޭރުން ޝިޕްވެސް ކޮށްފައި. އަޅުގަނޑު ހަނދާންވާ ގޮތުން ގާތްގަނޑަކަށް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި މިތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ރާއްޖެ އެތެރެކުރެވިގެން ދާނެ.

"އެއަށް ފަހު އަޅުގަނޑުމެންނަށް ދީފައިވާ ޝެޑިއުލްގައި ވާގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި މި ދަނޑުތައް ހުޅުވިގެން ދާނެ."

ބައްސާމް ވިދާޅުވީ، ވެލިދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށް ދާ ދުވަސްވަރުގައި، އެ ސަރަހައްދަށް ކުޅެންދާ އާންމު ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތިލާން ޖެހޭނޭ ކަމަށެވެ. އެހެން ނަމަވެސް އެކަމަށްވެސް ހައްލެއް ހޯދުމަށް އެފްއޭއެމްއިން މަސައްކަތް ކުރާ ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގައި، މޭރީ ބްރައުން ފަހަތުން އޮންނަ ދެ ވެލި ދަނޑުގައި އެފްއޭއެމުން ދަނީ، ޓާފް ދަނޑުތަކެއް ތަރައްގީކުރުމަށް ތައްޔާރުވަމުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

"މަސައްކަތް ކުރިއަށް ދާ ދުވަސްވަރު، އަޅުގަނޑުމެން މި ބަލަނީ، ހަމަޖެހޭ ވަކި އުސޫލެއްގެ ދަށުން، މިހާރު އަޅުގަނޑުމެންގެ މިއޮތް ޓާފް ދަނޑުތައް އާންމު ފަރާތްތަކަށް ބޭނުންކުރެވޭނޭ ގޮތް ހަދަން. އޭރުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ސްޓޭޑިއަމްސަރަހައްދުގައި މިހާރު އޮތް ވެލި ދެ ދަނޑުވެސް އެފްއޭއެމްއަށް ލިބިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މޭރީބްރައުންގެ ފަހަތުން އޮތް ދެ ވެލި ދަނޑުގެ ތެރޭން އެއް ދަނޑުގައި މިނީ ޕިޗް، ނުވަތަ ފުޓްސަލް ސައިޒުގެ ތިން ދަނޑު އެޅުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ވެލިދަނޑުގައި ޓާފް ބޮޑު ދަނޑެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ދިވެހިފުޓްބޯޅަ ކުރިއެރުވުމަށް، އެފްއޭއެމުން އިސްނަގައިގެން، ކްލަބުތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މިހާރުވެސް ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކުން ކުޑަކުދީންނަށް ޚާއްސަކޮށްގެން އެކަޑަމީތައް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް މި ކްލަބުތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ތަމްރީނުތައްކުރިއަށް ގެންދާނޭ ރަނގަޅު ތަނެއް ނެތުމުގެ މައްސަލައެވެ.

comment ކޮމެންޓް