އެފްއޭއެމުން 200 އަށްވުރެ ގިނަ ގްރާސްރޫޓް ކޯޗުން ތަމްރީން ކުރަނީ

އެފްއޭއެމުން ހިންގި ގްރާސްރޫޓްސް ފުޓްބޯލް ކޯޗިން ކޯހެއްގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހަރަކާތްތައް ވަރުގަދަ ކުރުމަށް 200އަށްވުރެ ގިނަ ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފަށާނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

'ސަން ސްޕޯޓްސް'އަށް މިއަދު ބައްސާމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ގްރާސްރޫޓް ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ޖޭން ވަންލީގެ ޕްލޭންގެ ދަށުން ކަމަށެވެ.

"ޓެކްނިކަލް ޑިރެކްޓަރުގެ މިހާރުގެ ޕްލޭންގެ ދަށުން ގްރާސްރޫޓަށް ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު އެ ފަށައިގަންނަނީ. އަޅުގަނޑު ހަނދާންވާ ގޮތުން ވަންޏާ، އޮކްޓޯބަރު ފަހުކޮޅު ނުވަތަ ނޮވެމްބަރުގެ ތެރޭގައި ފުރަތަމަ ގްރާސްރޫޓް ކޯޗިން ކޯސް ފެށިގެންދާނެ. ޓެކްނިކަލް ޑިރެކްޓަރުގެ ވިސްނުމަކަށް މި އަންނަނީ ގްރާސްރޫޓަށް އަމާޒުކޮށްގެން ގާތްގަނޑަށް 200އަށްވުރެ ގިނަ ކޯޗުން އެބަ ތަމްރީން ކުރަން ޖެހޭ ކަމަށް،" އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، އެފްއޭއެމުން މިހާރު ކުރާ މަސައްކަތަކީ އިންފްރާސްޓްޗަރު ގާއިމްކޮށް އެކަމަށް ބޭނުންވާ ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށާއި އެއާއެކު އެ އިދާރާ އިން އެކަޑަމީތަކަށް އިސްކަންދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަށް ހީވަނީ މި ތިންބައި ހަމަވީމަ ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެންނަށް އެކަޑަމީއަށް ފޯކަސް ކުރެވިގެންދާނެ ކަމަށް. އަދި މިއާއެކު އަޅުގަނޑުމެންގެ ނެޝަނަލް ފުޓްބޯލް އެކަޑަމީގެ ބޭރުގެ ހަ ކޯޗުންނާ އެކީގައި މަސައްކަތް ފެށިގެންދާނެ. އެހެންވީމާ ގިނަ ކޯޗުންތަކެއްގެ ބައިވެރިވުމާ އެކީގައި އަޅުގަނޑުމެންގެ އެކަޑަމީތައް ކުރިއަށްދާނީ،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް އުޖާލާ ކުރިމަގެއް ގެނައުމުގެ މަގުސަދުގައި އެފްއޭއެމުން ވަރުގަދަ ޕްލޭނެއް ތައްޔާރު ކޮށްފައިވާ ކަން ވެސް ބައްސާމްގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް