ޕާސްޕޯޓު ކާޑު ހެއްދުމަށް ނަގާނީ 450 ރުފިޔާ

ޕާސްޕޯޓު ކާޑުގެ ސާމްޕަލް އެއް -- ފޮޓޯ/ އިމިގްރޭޝަން

ޕާސްޕޯޓު ކާޑުު ހެއްދުމަށް ފީ އެއްގެ ގޮތުގައި ނަގާނީ 450 ރުފިޔާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މި ކާޑު ހަދައިދިނުމަށް ހަމަޖެހިފައިވަނީ 2016 ޖެނުއަރީގެ ފަހުން އީ -ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށާއި އަލަށް އީ ޕާސްޕޯޓު ހަދާފަރާތްތަކަށް ކަމަށެވެ.

ރާއްޖެއިން ބޭރަށް ދިއުމަށާއި ރާއްޖެ އެތެރެވުމަށް މި ކާޑުގެ ބޭނުން ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ރާއްޖެއިން ބޭރަށް ދިއުމަށް މި ކާޑު ބޭނުން ކުރެވުނު ނަމަވެސް ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ބޯޑަރުގައި މި ކާޑުގެ ބޭނުން ކުރަން އަދި ފަށާފައި ނުވާތީ ކާޑު ގެންގުޅުއްވާ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދާއިރު ޕާސްޕޯޓު ގެންދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓު ކާޑު ހަދާފައިވަނީ ބެންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާއިވެސް އެކުއެވެ. މިއީ ފައިސާގެ މުއާމަލާތް ކުރެވޭ ކާޑަކަށް ވުމުން ކާޑު އެހެން ފަރާތްތަކާ ހަވާލު ނުކުރުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ދިމާވާ ހާލަތެއްގައި ކާޑުގެ ކޮޕީއެއް ތަނަކަށް ހުށަހަޅަން ޖެހިއްޖެނަމަ ހުށަހަޅާނީ ފޮޓޯ ޖެހި ފުށް އެކަނި ކަމަށާއި މައުލޫމާތު ހިމަނާފައިވާ ފުށް ފޮޓޯކޮޕީ ނަގައި އެހެން ފަރާތްތަކަށް ހިއްސާ ނުކުރުމަށްވެސް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ.

ކާޑު ގެއްލިއްޖެ ނަމަ އިމިގްރޭޝަނަށް އަދި ބީއެމްއެލް ކާޑު ސެންޓަރަށް އަންގަން ޖެހޭނެ ކަމަށާއި އަލުން ކާޑު ހައްދައިދެވޭނީ ކާޑު ޕްރޮސެސިންގ ފީ އާއެކު ޖޫރިމަނާ ފީއެއްވެސް ނެގުމަށް ފަހު ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

comment ކޮމެންޓް