ކާބޯތަކެއްޗާ ގުޅޭ ސިޔާސަތުގެ ދަށުން ފޮތެއް އިފްތިތާހު ކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް --

ގައުމީ ކާބޯތަކެތީގެ ދުވަހާ ގުޅޭ ގޮތުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވައިލަގެން ބޭނުންކުރުމަށް ޕޮލިސީ( ފޮތެއް) އިފްތިތާހުކޮށްފި އެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕޮލިސީ އަކީ ކުރިއަށް އޮތް 10 އަހަރަށް ނިޔަލަށް އެކުލަވައިލެވިގެންވާ ފޮތެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ ދުނިޔޭގެ ދިހަ ބައި ކުޅަ އެއް ބަޔަށް ޖެހޭ ބައްޔަކީ ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލި ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށާއި އޭގެ ތެރެއިން އަހަރަކު ހަތަރު ލައްކައެއްހާ މީހުން ކާބޯތަކެތީގެ ސަބަބުން ޖެހޭ ބަލީގައި މަރުވާ ކަމަށެވެ.

"އަހަރެއްގައި ގާތްގަނޑަކަށް 600 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ސަބަބުން ތަފާތު ބަލިތައް ޖެހޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ. އޭގެ ތެރެއިން ހަތަރު ލައްކައެއްހާ މީހުން އަހަރަކު ސީދާ ގޮތުން ކާބޯތަކެއްޗާ ގުޅިގެން ހުރި ބަލިތަކުގައި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހޭ. އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ޖެހޭ ބަލިތަކުގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ ބައްޔަކީ ވަރަށް ބޮޑަށް ކާބޯތަކެއްޗާ ގުޅި ލާމެހިފައި ހުރި ބަލިތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ކާބޯތަކެއްޗާ ބެހޭ ބިލެއް ޑްރާފްޓް ކުރެވި އެންމެ ފަހު މަރުހަލާގައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފޮތަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ފުރަތަމަ އަލަށް އާންމު ކުރެވޭ ކާބޯތަކެތީގެ ސިޔާސަތާ ބެހޭ ފޮތެވެ. އިފްތިތާހު ކުރެވިގެން ދިޔަ އެ ފޮތަކީ މިނިސްޓްރީ އޮފް ހެލްތާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޕީ) އާ ގުޅިގެން ނެރުނު ފޮތެކެވެ.

comment ކޮމެންޓް