ފަރަށް އެރި އެސްޓީއޯގެ ތެޔޮބޯޓު ފުންކޮށްފި

އެސްޓީއޯގެ ތެޔޮބޯޓު "ގުރާބު" ޅ. ފެލިވަރު ކައިރީ ފަރަކަށް އެރުމުން ފުންކޮށްފައި-- ފޮޓޯ: އެމްއެންޑީއެފް

މިއަދު ހެނދުނު ޅ. ފެލިވަރު ކައިރި ފަރަކަށް އެރި އެސްޓީއޯގެ ތެޔޮބޯޓު "ގުރާބު" ފުންކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓު ފުންކޮށްފައޮިވަނީ އެހެން ބޯޓެއްގެ އެހީގައި ކަމަށެވެ. ބޯޓު ފުންކޮށްފައިވަނީ މިފްކޯ "ކަލަމިންޖާ 403" ގައި ކަފުޖަހައިގެން މިއަދު މެންދުރު 12:20 ހާއިރުއެވެ.

ތެޔޮބޯޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ބޯޓު ފަރަށް އަރާފައިވަނީ ށ. މިލަންދޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ. އޭރު އެ ބޯޓުގައި 12 މީހުން ތިބި ކަމަށާއި، ބޯޓުގައި ހުރީ ޕެޓްރޯލް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް