ރޮނާލްޑޯއާއެކު ރެއާލްއަކީ ވަރަށް ވަރުގަދަ ޓީމެއް: ޕޮކެޓީނޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލްގެ ބޭލްއާއެކު ރޮނާލްޑޯ އުފާފާޅުކުރަނީ: ރެއާލްއަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު ފާހަގަކުރޭ --- ފޮޓޯ/ އޭޕީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ރެއާލް މެޑްރިޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު މައުރީސިއޯ ޕޮކެޓީނޯ ބުނެފިއެވެ.

މާދަމާ ރޭ ޕޮކޮޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޓޮޓެންހަމް ނުކުންނަން ޖެހޭނީ ފާއިތުވެދިޔަ ދެ ސީޒަނުގެ ޗެމްޕިއަން ރެއާލްއާ ދެކޮޅަށެވެ.

އެ މެޗަށް ނުކުންނައިރު އެންމެ ރަނގަޅު ފޯމެއްގައި ހުރި ރެއާލްގެ ކުޅުންތެރިޔަކީ ހަތަރު ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދުމާ ގާތުގައި އުޅޭ ރޮނާލްޑޯއެވެ. ޕޮކެޓީނޯ ދެކޭ ގޮތުގައި، ރޮނާލްޑޯގެ އިތުރުން ރެއާލަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެކެވެ.

"އޭނާއަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެ ޓީމުގައި ބައިވަރު މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ. ވަރުގަދަ ސްކޮޑަކާއި ވަރުގަދަ ކޯޗެއް އެ ޓީމުގައި ހިމެނޭ. އެއީ ވަރުގަދަ ކްލަބެއް. އެކަމަކު ކާމިޔާބީ ހޯދުމަށް ސްކޮޑުގެ ހުރިހާ ކުޅުންތެރިންގެ އެހީތެރިކަން ބޭނުންވާނެ،" ދަ މިރާއަށް ދިން އިންޓަވިއުއެއްގައި ޓޮޓެންހަމްގެ ކޯޗު ބުންޏެވެ.

ޕޮކެޓީނޯ ބުނީ، ރޮނާލްޑޯއަކީ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއެކޭ އެއްގޮތަށް ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އާޖެންޓީނާ ލެޖެންޑް ޑިއެގޯ މެރަޑޯނާއެކޭ އެއްގޮތަށް އެ ދެ ކުޅުންތެރިންނަކީ ވަރަށް ހާއްސަ ކުޅުންތެރިން ކަމަށެވެ.

"އެއީ މެޗުތައް ބަދަލު ކޮށްލެވޭ ވަރުގެ ކުޅުންތެރިން. އެއީ ޓީމު ރަނގަޅު ކުރެވޭނެ ކުޅުންތެރިން. އަހަރެމެން ނުކުންނަން މިޖެހެނީ ހަމައެކަނި ރެއާލްއާ ދެކޮޅަކަށް ނޫން. އަހަރެމެން ކުޅެން މިޖެހޭ ޓީމުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހިމެނޭ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ 'ގްރޫޕް އެޗް'ގައި ޓޮޓެންހަމް އަދި ރެއާލް މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. އެ ގްރޫޕުގެ އެންމެ ކުރީގައި އެ ދެ ޓީމު އޮތީ ހަ ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް