ދުނިޔޭގެ އެންމެ ޒުވާން ލީޑަރަކަށް އޮސްޓިރިއާގެ ކުއާޓްޒް

އޮސްޓްރިއާގައި އިއްޔެ ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ޕީޕަލްސް ޕާޓީގެ ލީޑަރު ސަބޭސްޓިއަން ކުއާޓްޒް -- ފޮޓޯ: ރޮއިޓާސް

ވިއެނާ (އޮކްޓޯބަރު 16): އޮސްޓްރިއާގައި އިއްޔެ ބޭއްވި މަޖިލިސް އިންތިހާބު އެގައުމުގެ ޕީޕަލްސް ޕާޓީން ކާމިޔާބުކޮށްފި ކަމަށް ޕާޓީގެ ލީޑަރު ސަބޭސްޓިއަން ކުއާޓްޒް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ޕާޓީގެ އެކާމިޔާބީއާ އެކު އޮސްޓްރިއާގެ އާ ޗާންސެލަރު ކަމަށް އައްޔަން ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އުމުރުން 31 އަހަރުގެ ކުއާޓްޒް އެވެ. އެއިންތިހާބުގެ 31 ޕަސެންޓް ވޯޓު ޕީޕަލްސް ޕާޓީއަށް ލިބޭނެ ކަމަށް ވަގުތީ ނަތީޖާއިން ދައްކާ އިރު، ދެން އެންމެ ގިނައިން ވޯޓު ލިބޭނެ ކަމަށް ބެލެވޭ ޕާޓީތަކުގެ ތެރޭގައި ކަނާތު ފިޔައިގެ ފްރީޑަމް ޕާޓީ ހިމެނެ އެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކުއާޓްޒްގެ ސަރުކާރުން ކޯލިޝަން ހަދާނީ އެޕާޓީއާ އެވެ. އެ ދެ ޕާޓީއަކީ ވެސް އޮސްޓްރިއާގެ އިމިގްރޭޝަނާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށް، ޔޫރަޕިއަން ޔޫނިއަންއިން ގައުމުގެ ދާހިލީ ކަންތަކަށް ނުފޫޒު ފޯރުވާ މިންވަރު ކުޑަ ކުރަން ކެމްޕެއިން ކުރާ ދެ ޕާޓީ އެވެ.

ޕީޕަލްސް ޕާޓީގެ ކާމިޔާބީ އިއުލާން ކުރައްވަމުން ކުއާޓްޒް ވަނީ އޮސްޓްރިއާ ބަދަލު ކުރަން ޖެހިފައިވާ ކަމަށާއި، ގައުމަށް ހިދުމަތްކޮށް ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު ކަމަށް 2013 ވަނަ އައްޔަން ކުރި ކުއާޓްޒް އެގައުމުގެ ޕީޕަލްސް ޕާޓީގެ ލީޑަރު ކަމަށް އިންތިހާބު ކުރީ މިދިޔަ މޭ މަހުގަ އެވެ. (ބީބީސީ)

comment ކޮމެންޓް