ނިއުކްލިޔާ ބޮމެއް ވައްޓާލަންދެން އުތުރު ކޮރެޔާގެ މައްސަލަ ހައްލުކުރެވޭތޯ ބަލާނަން: އެމެރިކާ

ޓިލާސަން

ވޮޝިންޓަން (އޮކްޓޯބަރ 16) : އުތުރުކޮރެޔާގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމަށް ޓަކައި ނޮފޮރޮޅާ އެންމެގާކޮޅެއް ވެސް ނުބާއްވާނެ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވިދާޅުވީ އުތުރުކޮރެޔާ އިން ނިއުކްލިޔާ ބޮމެއް ވައްޓާލާ ނަމަ އެބޮން ވައްޓާލަންދެން ސުލަހައިގެ ކަންތައް އެމެރިކާ ދޫކޮށް ނުލާނެ ކަމަށާއި އުތުރުކޮރެޔާއާ އެކު ހަނގުރާމައަކަށް ދިޔުމުގެ އެއްވެސް ވިސްނުމެއް އެމެރިކާ ނުގެންގުޅޭ ކަމުގަ އެވެ.

އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕާ ޚިލާފަށް ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން އަކީ މަޑުމައިތިރި އަދި ސުލްހައަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާ ދާދިފަހުން ވެސް ވަނީ އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް ޓަކައި އެގައުމާ އެކު އެމެރިކާ ސީދާ ގޮތެއްގައި ޑިޕްލޮމެޓިކް މުއާމަލާތްތަކެއް ކުރަމުންގެންދާކަން ހާމަކޮށްފަ އެވެ.

ޓިލާސަން މިކަން ހާމަކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޓިލާސަން ކުރައްވަނީ ބޭކާރު މަސައްކަތްތަކެއް ކަމަށާ އެއީ ވަގުތު ނަގާލުމެއްކަމަށް ސިފަކުރައްވައިފަ އެވެ. މީގެ އިތުރުން އުތުރުކޮރެޔާގެ ޒައީމް ކިމްޖޮންގް އުން އަކީ "ރޮކެޓް މޭން" އެއްކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ.

ޓްރަމަޕް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އުތުރުކޮރެޔާ ދުނިޔޭގެ ބިމުން ފުހެލާވަރުގެ ބާރުގަދަ ހަމަލާތަކެއް އެގައުމަށް ދޭންޖެހިދާނެ ކަމުގެ ހަރުކަށި އިންޒާރެއް އެގައުމަށް ދެއްވައިފަ އެވެ. އދ. އަކީ ސުލްހައަށް ޓަކައި ދުނިޔޭގެ މައްސަލަތައް ސުލްޙަ ވެރިކަމާ އެކު ހައްލުކުރުމަށް އުފައްދާފައިވާ މަޖިލީހަކަށްވާ އިރު އދ.ގައި ހުންނަވައިގެން މިހާ ހަރުކަށިގޮތަކަށް ގައުމަކަށް ހަނގުރާމައިގެ އިންޒާރު ދިނުމުން ބައިނަލްއަގްވާމީ ދުނިޔެ މަސައްކަތްކުރަމުން ދާގޮތާއި އދ.ގެ ނިޒާމާއި ދުނިޔޭގެ ހަމަޖެހުން ގާއިމް ކުރާނެ ގޮތުގެ ތަންދޮރު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގެ ރައީސް އަށް އޮޅުންނުފިލާވަރު މުޅި ދުނިޔެއަށްވަނީ ހާމަވެގެން ގޮސްފަ އެވެ.

އަނެއްކޮޅުން ޓްރަޕްމަކީ އޭނާ ދެއްވާ ހަރުކަށި އިންޒާރުތަކާ އެއްގޮތަށް އަމަލުކުރެއްވޭ ބޭފުޅެއްނޫނެވެ. އުތުރުކޮރެޔާ ވުޖޫދުން ފުހެލައްވާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އެގައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ޓްރަމްޕަށް ކެރިވަޑއިގެންފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ޓްރަމްޕް ވަނީ އުތުރު ކޮރެޔާއާ އެކު ސުލްހައިގެ ވާހަކަތައް ދައްކަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެ ބަޔާނެއް ދެއްވައިޮފަ އެވެ.

އުތުރު ކޮރެޔާއާ ވާހަކަ ދައްކަން އެމެރިކާ ބޭނުން ވަނީ އެ ގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލައި ނިއުކްލިޔާ ޕްރޮގްރާމް ރޫޅާލުމުގެ ބޭނުމުގަ އެވެ. ނަމަވެސް އުތުރުކޮރެޔާ ބުނާ ގޮތުން އެ ގައުމުގެ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓުވުމާ ބެހޭ ގޮތުން އެއްވެސް ގައުމަކާ މަޝްވަރާއެއް ނުކުރާނެ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓާނުލައި ސަރަހައްދަށް ސުލްޙަ ގެނައުމަށް ޓަކައި ކޮންމެ ގައުމަކާ އެކު ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތްކަން އުތުރުކޮރެޔާއިން ބުނެ އެވެ.

އުތުރު ކޮރެޔާ އިން ވަނީ އެމެރިކާ އާއި ދުނިޔޭގެ އެހެން ބާރުތަކުން ވެސް ނިއުކްލިޔާ ހަތިޔާރު ނައްތާލަން އެއްބަސް ނުވަނީސް އެގައުމުން ވެސް ނިއުކްލިޔާ ހަތިޔާރު ނައްތާނުލާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާ ފަދަ ބޮޑެތި ބާރުތަކަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހައްގު އޮވެފައި އެހެން ގައުމުތަކަށް އެހައްގު ނޯންނަ އުސޫލަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި އެއީ ނިއުކްލިޔާ ހަތިޔާރު ފެތުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާއާ ވެސް ޚިލާފު ކަމެއް ކަމަށް އުތުރު ކޮރެޔާ ބުނެ އެވެ.

އެމެރިކާގެ ބޭނުމަކީ އެމެރިކާ އާއި ބޮޑެތި ބާރުތައް ފިޔަވައި އެހެން ގައުމަކަށް ނިއުކްލިޔާ ހަތިޔާރު ލިބުނަ ނުދިނުމެވެ. އެއީ ކުދިގައުމުތަކުން ނިއުކްލިޔާ ގާބިލްކަން ހޯދައިފި ނަމަ އެގައުމުތަކަށް ބިރުދެއްކުމުގެ ފުރްސަތު އެމެރިކާއަށް ގެއްލިގެންދާނެތީ އެވެ. ނަމަވެސް އެމެރިކާ ބުނަނީ ނިއުކްލިޔަރ ފެތުރުން މަނާކުރުމަށް މަސައްކަތްކުރަނީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި ކަމުގަ އެވެ. އެހެންކަމަށްވާ ނަމަ އެމެރިކާގައި ނިއުކްލިޔާ ހަތިޔާރު ހުރުމަކީ ވެސް ދުނިޔެއަށް ނުރައްކާ ކަމެއްކަން އެހެންގައުމުތަކުން ދެކެ އެވެ. އިންސާނުންނާ ދެކޮޅަށް އެޓަމިކް ހަތިޔާރު ބޭނުންކުރި ހަމައެކަނި ގައުމަކީ ވެސް އެމެރިކާ އެވެ.

އެމެރިކާވަނި ޖަޕާނާ ދެކޮޅަށް ދެފަހަރެއްގެ މަތިން އެޓަމިކް ބޮމުން ހަމަލާދީފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް