ޞަޙާބީންގެ މަތިވެރިކަން -17

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

.

އެގްރިމެންޓަށް ޙުރުމަތްތެރިކޮށް ހިއްތެވުން

މުސްލިމުންނާއި އެހެން ޤައުމަކާ ދެމެދު އެގްރިމެންޓެއް ކޮށްފިނަމަ އެ އެގްރިމެންޓަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ކީރިތި ޤުރުއާނުގައި ވަނީ މުސްލިމުންނަށް އިރުޝާދުދެއްވައިފައެވެ. މަތިންމަތިން އެގްރިމެންޓް ދަމަހައްޓައިފައި އަޑިއަޑީން އެގްރިމެންޓާ ޚިލާފުވަމުން ދިއުމަކީ މުސްލިމުން ކޮށްގެންވާނެކަމެއް ނޫނެވެ. މިރޮނގުން އިރުޝާދު ދެއްވައިފައިވެއެވެ.

" ބަޔަކު މީހުންގެ ކިބައިން ޚިޔާނާތްތެރިކަމެއް އަތުވެދާވެކަމަށް ކަލޭގެފާނު ބިރުފުޅު ގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ މުޢާހަދާއެއް) އެބަޔަކުގެ މައްޗަށް އަނބުރައި ރައްދު ކުރައްވާށެވެ. ހަމަކަށަވަރުން ޚިޔާނާތްތެރީންނަށް ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. " (އަލްއަންފާލު :58)

މާނައަކީ ތިޔަބައިމީހުން ދުޝްމިނުންނާ ދެކޮޅަށް ޙަރަކާތެއް ހިންގަން ބޭނުންވެއްޖެނަމަ ފާޅުގައި އެގްރިމެންޓު އުވާލައި އެކަން އިޢުލާނުކުރުމަށްފަހު އެ ޙަރަކާތެއް ހިންގާށެވެ. އެކަމެއް ކުރާނީ އެގްރިމެންޓް ގައި ދެމިތިބެއެއް ނޫނެވެ. އިސްވެދިޔަ އާޔަތުގެ ތަފްސީރުގައި ޞަޙާބީންގެ ދައުރުގެ ޙާދިޘާއެއްގެ ވާހަކަ މުފައްސިރުން ނަކަލު ކުރައްވައިފައިވެއެވެ. އެ ޙާދިޘާގެ ވާހަކަ ކުދިކުދި ލަފުޒީ ތަފާތާއެކު އިމާމް ޢަޙްމަދާއި، ތިރުމިޒީއާއި، އަބޫދާއޫދާއި ތިން އިމާމުންވެސް ރިވާ ކުރައްވައިފައިވެއެވެ. ތިރީގައިވާ ތަރުޖަމާ ގެނެސްފައިވަނީ މިދެންނެވި ތިން ރިވާޔަތުވެސް ކުރިމަތީގައި ބާއްވައިގެންނެވެ.

ސަލީމު ބިން ޢާމިރު ވިދާޅުވިއެވެ. އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު އާއި ރޫމީ ސަރުކާރާ ދެމެދު މުއްދަތު ކަނޑައެޅިފައިވާ އެގްރިމެންޓެއް އޮތެވެ. މުޢާވިޔަތު އެކަލޭގެފާނުގެ ލަޝްކަރު ގޮވައިގެން ރޫމީންގެ ސަރަޙައްދާ ދިމާޔަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޤާޞްދުކުރައްވައިގެން ހުންނެވީ ސަރަޙައްދުގެ ކައިރިޔަށް ވަޑައިގެން މަޑު ކުރެއްވުމަށެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވާއިރަށް ރޫމީންނާ ކުއްލި ޙަމަލައެއް ދެއްވުމަށެވެ. މުޢާވިޔަތުގެފާނަށް އެ ސަރަޙައްދުގެ ކައިރިޔަށް ވަޑައިގެންނެވޭއިރަށް އަސްމަތީގައި މީހަކު ފާޅުވެއްޖެއެވެ. އޭނާ ހަރުއަޑުން ގޮވާން ފެށިއެވެ. ﷲ އަކްބަރު، ﷲ އަކްބަރ އިސްލާމްދީނުގައި އޮތީ އަޙުދުފުއްދުމެވެ. އަޙްދު އުވައިލުމެއް ނޫނެވެ.

މީސްތަކުން އެއީ ކާކުތޯ ބެލިއިރު އެއީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞަޙާބީ ޢަމްރު ބިން ޢަބަސާ ރަޟިޔަﷲ ޢަންހުއެވެ. އަމީރު މުޢާވިޔަތު އެކަލޭގެފާނުގެ ފޭލިގެކޮޅަށް ޢަމްރު ގެންދެވިއެވެ. މުޢާވިޔާ ސުވާލުކުރެއްވިއެވެ. ކަލޭގެފާނުގެ ވާހަކަފުޅުގެ މަޠުލަބަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގަނޑު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވި އަޑު އެހީމެވެ. " ތިޔަބައިމީހުންނާއި ޤައުމަކާ ދެމެދު އެގްރިމެންޓެއް ކުރެވިފައިވާނަމަ ހަމަހަމަވާ ގޮތުގެމަތިން އެބަޔަކަށް އެ މުޢާހަދާއެއް އަނބުރައި ރައްދުކޮށްފައި މެނުވީ އޭގައި އެއްވެސް ގޮށެއް ނުޖަހާހުށިކަމެވެ. އަދި އޭގެ އެއްވެސް ގޮށެއް ނުމޮހާހުށިކަމެވެ."

އޭރު އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު ހުންނެވީ ރޫމީންގެ ސަރަޙައްދުގެ ކައިރީގައި ފޭލިގެ ޖައްސަވައިގެންނެވެ. ވިދިގެން އަންނަ ދުވަހު ޙަމަލަދެއްވަން ތައްޔާރުވެވަޑައިގެންނެވެ. ނަމަވެސް ޢަމްރުގެ އިސްވެދެންނެވި ހަނދާންކޮށްދެއްވުމާ ވިދިގެން މުޢާވިޔަތުގެފާނު ރޫމީންނާ ޙަމަލަދެއްވުން ހުއްޓަވައިލެއްވިއެވެ. އެކަލޭގެފާނުގެ ލަޝްކަރަށް އެނަބުރި ދާން ޢަމުރުކުރެއްވިއެވެ."

ބައިނަލްއަޤްވާމީ ދުނިޔޭގައި އަބަދުވެސް އާދަވެފައި އޮންނަ ކަމެކެވެ. އެއްޤައުމެއް އަނެއްޤައުމަކާ ދުޝްމިނު ވެއްޖެނަމަ ދުޝްމިނު ޤައުމަކާމެދު އެއްވެސްކަހަލަ އަޚްލާޤީ އުޞޫލަކަށް ތަބާވުމަކީ ބޭނުންކަމެއް ކަމުގައެއް ނުދެކެއެވެ. އެފަދަ ޤައުމަކާމެދު ޞުލްޙާއާއި އަމަންއަމާންކަމުގެ އެގްރިމެންޓެއްގައި ބޭރުފުށުން ސޮއިކުރެވިފައި އޮތަސް އެތެރެ އެތެރެއިން އެޤައުމަކާ ދެކޮޅަށް އެކިއެކި ޙަރަކާތްތައް ހިންގަމުންގެންދެއެވެ.

އިސްލާމްދީނުގެ ޒަރީޢާއިން މާތްﷲ ދުނިޔޭގައި ޤާއިމުކުރައްވަން އެދިވޮޑިގެންވާ ނަމޫނާގެ ތެރޭގައި ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަޚްލާޤީ އުޞޫލުތަކަށް ފުރިހަމަޔަށް ޙުރުމަތްތެރިކޮށް ހިތުންވެސް ހިމެނެއެވެ. ޤައުމެއްގެ ފަރާތުން ޚިޔާނާތްތެރި ޙާދިޘާއެއް ހިނގައިފާނެކަމުގެ ބިރު އުފެދުނުކަމުގައިވިޔަސް އެޤައުމަކާ ދެކޮޅަށް އެއްވެސް ޢަމަލެއް ހިންގޭނީ ދެފަރާތުގެ ދެމެދުގައި އޮތް އެގްރިމެންޓްގެ އުވާލިކަން އެޤައުމަކަށް އެންގުމަށްފަހުގައެވެ. އާދެ، އެގްރިމެންޓްގެ ދެވަނަ ފަރާތަށްވެސް ދެޤައުމުގެ ދެމެދުގައި ކުރީން އޮތްފަދަ ޙާލަތެއް މިހާރަކު ނެތްކަން ފުރިހަމަޔަށް އެނގިފައި އޮތުމަށްޓަކައެވެ.

ޝައްކެއްނެތްގޮތުގައި މިއީ ވަރަށް މުހިންމު އުޞޫލެކެވެ. ނަމަވެސް ޢަމަލީގޮތުން މިފަދަ އުޞޫލެއް ޤާއިމްކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނީ ކޮންމެ ބައެއްގެ ނަޒަރުގައިވެސް މިއީ ޚުދު އެބައެއްގެ މަޞްލަޙަތާ ޚިލާފުކަމެކެވެ. އެނގިވަޑައިގަންނަވާނެފަދައިން ދުޝްމިނުންގެ ބަޔަކަށް އެބަޔަކާ ދެމެދު އަމާންކަމުގެ ޙާލަތު އުވާލައިފިކަމާއި އެބަޔަކާ ޙަމަލަދޭން އުޅޭކަން ދުރާލާ އެންގުމުން ދުޝްމިނުންވެސް ހޭލައި ހުޝިޔާރުވާނެއެވެ. ތައްޔާރުވެގެން ވަރުގަދަޔަށް ކުރިމަތިލާނެއެވެ. އެހެންވެއްޖެނަމަ ތިމާމެން އަޅާ ފިޔަވަޅުގެ ނަތީޖާ ތިމާމެން އެދޭގޮތާ ޚިލާފަށް ފެނިގެން ދިޔުމަކީވެސް އެކަށީގެން ނުވާކަމެއް ނޫނެވެ.

ކަންމިހެން ހުރުމާއެކު މިފަދަ ބައިނަލްއަޤްވާމީ އުޞޫލެއް ޤާއިމުކުރުމަށްޓަކައި ބޭނުންވަނީ އިންތިހާ ދަރަޖައަށް ހަމައިގައިހިފަހައްޓާ ޤައުމެކެވެ. އެހެން ކޮންމެ ކަމެއް ހަނދާން ނައްތައިލުމަށްފަހު ހަމަތަކަށް އެންމެ މަތީ ދަރަޖަދިނުމުގެ ހިތްވަރުހުރި ކެރޭ ޤައުމެކެވެ. އަބަޔަކުވާންޖެހޭނީ ކޮންމެފަދަ ގެއްލުމެއް ބަރުދާސްތު ކުރާން ޖެހުނުކަމުގައިވިޔަސް ހަމައިން އެއްކިބާވާން ޤަބޫލުނުވާ ބަޔަކުމަގައެވެ.

މަތީގައި ބަޔާންކުރެވިފައިވާ ޙާދިޘާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ ބޭނުންވެފައިވާ މި މަތިވެރި ބައިނަލްއަޤްވާމީ އުޞޫލު ހިފެހެއްޓެވުމުގެ ޤާބިލިއްޔަތު ލިބިވަޑައިގެން ތިއްބެވި ބައެއްކަން ހާމަކުރެއްވި ހާމަ ކުރެއްވުމުގެ މިސާލެކެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ ދެޤައުމެއްގެ ދެމެދުގައި ދެކޮޅުވެރިކަމާއި ހަމަނުޖެހުން އޮތްކަމުގައިވިޔަސް ބައިނަލްއަޤްވާމީ ގުޅުންތަކުގައި އަޚްލާޤީ ހަމަތަކުން އެއްކިބާނުވުމުގެ އުޞޫލު ޢަމަލީގޮތުން ޤާއިމުވުމެވެ. ދުޝްމިނުންނާ ކުރިމަތިލުމުގައިވެސް އިންޞާފާއި ރީތި ޢަޚްލާޤާ ޚިލާފަށް ޢަމަލު ނުކުރެވޭތަން އައުމެވެ.

ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައިވާ އަގެއް އޮވެއެވެ. ގިނަމީހުން އެއަގު ދޭކަށެއް ބޭނުމެއްނުވެއެވެ. އެހެންކަމުން އެބައިމީހުން އެގޮތަކަށް ޢަމަލެއްވެސް ނުކުރެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީން ކޮންމެ އުޞޫލަކަށްވެސް އެއުޞޫލަކަށް ކަނޑައެޅިފައިވާ އަގެއް ދެއްވިއެވެ. އެހެންކަމުން ކޮންމެ އުޞޫލަކަށް ޢަމަލު ކުރެއްވުމުގައިވެސް އެބޭކަލުން ކާމިޔާބު ހޯއްދެވިއެވެ.

comment ކޮމެންޓް