އަހަރެންގެ ހިތް އަނބުރާދީ - 57

މެހެރީނާ ޕޮޕްކޯންތަށި ހިފައިގެންގޮސް ދެފައި ވަށްކޮށްލައިގެން ސޯފާއަށް އަރާ އިށީންއިރުވެސް ހިތުގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ. މެހެރްޓީވީ ހުޅުވާލުމާއިއެކު ފެނުނީ ޖީވާ އުމޭރުގެ ރީތި ހިނިތުންވުމަކާއިއެކު ސްކްރީން ފުރާލިތަނެވެ. މަރުވި ކުއްޖާގެ ބޮޑު ފޮޓޯއެކެވެ. މެހެރީނާ ކޮށިއަރާގޮތްވިއެވެ. އެކުއްޖާގެ މަރުގެ ޚަބަރު ބްރޭކިން ނިއުސްގެ ގޮތުގައި ހުރިހާ ޓީވީ ޗެނެލްއަކުން އެހާވަރަށް ދައްކަނީ އެހާ ކުއްލި ހިތާމަވެރި މަރަކަށްވީމައެވެ.

މެހެރީނާއަކަށް ނުނިދުނެވެ. ކާހިތެއް ބޯހިތެއްނުވިއެވެ. އޮފީހަށް ދާ ހިތް ކެނޑުނެވެ. ބޭނުންވަނީ އެކަނި ތަނެއްގައި އޮވެ ވިސްނާށެވެ. އޭނަ އަތުން އެކްސިޑެންޓްވެ ދަރިފުޅު މަރުވުމުންވެސް އެމީހާވަނީ މެހެރީނާއަށް މާފުކޮށްފައެވެ. ހިތަށް ނުތަނަވަސްކަން ލިބި ދެރަވަނީ އެކަމާއިހެދިއެވެ. ހާދަ ހިތްތިރި ރަގަޅުމީހެކެވެ. ކާރު ގެ ދޮރުފަތް ހުޅުވާލާފައި ފަހަތު ސީޓަށް ބަލައިލިއިރު އަދިވެސް ޖީވާގެ ހަށިގަނޑުން އޮހުނު ލޭތައް އެތަން މިތާ ހިކިފައި ހުރުމުންވެސް ކުރެވުނީ ނުބައި އިހުސާސްތަކެވެ. ނޯކަރަކަށް ގޮވާލާފައި ކާރު ސާފުކުރަން އަންގާފައި މެހެރީނާ ގެއަށް ވަނެވެ. އިށީދެވުނީ ޓީވީ ކުރިމަތީގައި ހުރި ކައުޗްގައެވެ. އެކިފަހަރު އެކި ޗެނެލްތައް ބަލަބަލާ އޮވެވުނީ ޖީވާ ނޫނީ އުމެއިރުގެ އިތުރު ޚަބަރެއްވުމަށް އެދިއެވެ.

ޖެހިގެން އައި ދުވަހު ނޫސް ހުޅުވާލާފައި ކިޔަންފެށުމާއިއެކު މެހެރީނާގެ ހިތް އޮބިނޯންނަވަރަށް ތެޅިގަތެވެ. ސުރުޚީގައި ވަނީ އޭނަގެ ދަރިފުޅާއިއެކު އޭނަގެ ހިތްވާ ކަމަށާއި ދުނިޔެއިން ދެން އެދޭ އެއްވެސް އުފަލެއްނެތް ކަމުގައެވެ. އުމައިރުއާއި ޖީވާ އެކީ ނަގާފައިވާ ދެތިން ފޮޓޯގަނޑު ހުއްޓެވެ. އުމޭރުއަކީ ރާއްޖެތެރެއަށް ނިސްބަތްވާ މަސްވެރި އާއިލާއެއްގެ ޒުވާނެކެވެ. ލިބޭ ހުރިހާ ފައިސާއެއް އޭނައާއި އަންހެނުން ވަގުފުކޮށްފައިވަނީ ދަރިފުޅަށް ތައުލީމު ދިނުމަށެވެ. ޗުއްޓީއެއްގައި ދަރިފުޅަށް މާލެ ދައްކާލަން އައިތާ ތިންވަނައަށް ވީ ދުވަހު އެކުއްޖާ މަރުވުން އުމައިރުގެ ދިރިއުޅުންވެސް އެއްކޮށް ނިމުނީއެވެ. އަންހެނުންވެސް ޚަބަރު ހުސްވިގޮތަށް އަދިވެސް އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އަންހެނުންވަނީ ފާޑަކަށް މޮޔަވެސް ވެފައެވެ. އަބަދު ކިޔަނީ އޭނަގެ ފާފައިގެ ސަޒާ ލިބުނީކަމުގައެވެ.

މެހެރީނާއަށް އުމޭރުގެ ހިތާމަވެރި ދެލޯ ޖާދޫއެއް ޖައްސައިފިއެވެ. އަބަދުބެލެނީ އުމޭރުއަށެވެ. މެހެރީނާގެ ދެލޯ ކަމަކާއި ނުލާ ފެންކަޅިވަނީއެވެ. އުމޭރުއަށްޓަކާ އެހިތް ހަމްދަރުދީއިން ފުރިއްޖެއެވެ. ލޯ މަރާލިޔަސް ފެންނަނީ ދަރިފުޅުގެ ޗަސްވެފައިވާ ބޮލާއި އުމޭރުގެ ކަރުނުން ފުރިފައިވާ ލޮލެވެ.

"އޯ ގޯޑް. މިވަނީ ކިހިނެއް؟ އަހަންނަށް ދެން އުފަލެއް ނުލިބޭނީތަ؟ މިއީ ކޮންކަމެއްގެ ސަޒާތަ...." މެހެރީނާ ހިތާހިތުން ވާހަކަދެއްކިއެވެ. ޓީވީ ނުބަލަން ހިތަށް ވިސްނާދިނަސް ހަމަ ބެލެނީއެވެ. އުމޭރު ނުފެނުމުން އެހާ ފޫހިވެއެވެ. މެހެރްޓީވީއިން އަބަދާއަބަދު އުމޭރުގެ ޚަބަރު ގެނެސްދޭނެނަމައެވެ.

އެއް ގެއެއްގާ އުޅުނަސް ހައިކަލް ސަލްވާއާއި ވާހަކަދައްކާކަށް އެހާވަރަކުން ނޫޅެއެވެ. މުޅިންވެސް އުޅުނީ ޒެލްގޮވައިގެންނެވެ. ސަލްވާއާއި ވާހަކަނުދައްކާ ފަރުޖައްސަނީ ޒެލްއާއި ވާހަކަދައްކައިގެންނެވެ. އެގޮތަށް ހެދުމުން ސަލްވާގެ ހިތަށް ދަތިކަން ލިބުނެވެ. ހައިކަލްގެ ހިތް އޭނައަށް ސާފުނޫންކަން އެނގި އެހިތަށް އިތުރު ވޭނެއް ލިބުނެވެ. ހައިކަލް މާފު ނުދީގެން އުޅެނީ މެހެރީނާ ދައްކާފައި ހުރި ދޮގުވާހަކަތައް ގަބޫލުކުރެވިގެންނެވެ. އޭނަގެ އަތުގައި އެއްވެސް ހެއްކެއްނެތެވެ. އޭނަ ލިޔުނު ޑައިރީ ފެންނާނެނަމަ ހައިކަލްއަށް ހުރިހާ އެއްޗެއް އެގުނީހެވެ. އޭނަ ހައިކަލްއާއި ކައިވެނިކުރިފަހުން ވިޝާމްއާއި ގުޅުމެއްނެތްކަން އެނގުނީހެވެ. ނަމަވެސް ހައިކަލް އެހެރީ ހިތްހަމަނުޖެހިފައެވެ. އޭނަ ބަލައިގަތީ އެކަނި ޒެލްއަށްޓަކައެވެ. ޒެލް ނެތްނަމަ މި ނަސީބުވެސް ނުލިބޭނެކަން ގައިމެވެ.

ޒެލް ނިންދަވާފައި ސަލްވާ ތެދުވެގެންގޮސް އިޝާނަމާދުކޮށްގެން ޑްރެސިންޓޭބަލް ކައިރީގައި ހުއްޓުނެވެ. އެތާ ހުރި ސާމާނުތައް ފެނުމުންވެސް ހަދާންވީ އަޒަލްމަތިންނެވެ. އަޒަލް ހަދިޔާއަކަށް ދިން ޖަޕަނީޒް ގަހާއި ބޮލިތައް އެޅި ފުޅި ފެނުމުން އެހެންކަހަލަ އަސަރުތަކެއްކޮށް ދެލޮލުން ކަރުނަހިލުވާލިއެވެ. އަޒަލް ދުނިޔޭގައި ހުރިނަމައެވެ. ސަލްވާ އެފުޅި އަތަށް ނެގިއެވެ. ފުސްވަމުން ދިޔަ ލޮލުން ބަލަން ހުއްޓާ ކައިރިން މީހެއްގެ ހިލަންވިހެން ހީވެގެން ބަލައިލިއިރު ހައިކަލްއެވެ. އޭރު ސަލްވާގެ ކޯތާފަތްމައްޗަށް އެ ކަރުނަ ތިކި ފައިބައިގެން ހިނގައްޖެއެވެ. ހައިކަލް އަތުގައި ހުރި ކޮފީއާއި ފިރިހެން ސެންޓެއްގެ ވަސް އެކުވެ ސަލްވާގެ މުޅި ޖިސްމު މަސްތުކުރުވާފަދަ ގޮތެއްވިއެވެ. މަޑުމަޑުން އެފުޅި ބަހައްޓާފައި ސަލްވާއަށް ހިފާލެވުނީ ހައިކަލްގެ އަތުގައެވެ.

"އައިމް ސޮރީ....."

"ފޯ ވަޓް؟ " ހައިކަލްއަށް ސަލްވާގެ ލޮލުގައިވި ކަރުނަތައް ފެނުމުން ހިތް މަޑުވިއެވެ. އަޒަލްއަށްޓަކާ ސަލްވާގެ ދެލޮލުގައިވަނީ ދެއްކުންތެރި ކަރުނައެއް ނޫނެވެ. ޒެލްއަށް އެނަން ދިންކަމީ ސަލްވާގެ ހިތުގައި އަޒަލްއަށްޓަކާ އޮތް ލޯބި ހާމަކޮށްދިންކަމެއްކަމަށް ހައިކަލްވަނީ ގަބޫލުކޮށްފައެވެ.

"ފިލައިގެން އެގޮތަށް ދެވުނީމަ. ޒެލްއަށް ބައްޕަ އެންމެ ބޭނުންވީއިރު ދުރުގައި ހުންނަން ޖެހުނީ ރޮޒްމެހެލްއިން ވަކިވެގެން ދިޔައިމަ.. ފޮގިވް މީ ޕްލީޒް..." ސަލްވާގެ ހިތް އެދުނީ ފައިގާ ހިފާ އާދޭސްކުރުމަށެވެ. ހައިކަލްއާއި ދަރިފުޅާއިއެކު އުފާވެރި ހަޔާތެއް އުޅުމަށް ސަލްވާ ދެކޭ ހުވަފެން އަދިވެސް ހަމަ އެގޮތުގައި ވާކަމަށް ބުނެ ހައިކަލް ދެކެ އެހިތުގައިވާ ލޯބި އަންގާދޭން ބޭނުންވިއެވެ. ނަމަވެސް އެކަހަލަ ހިތްވަރެއް ނުކުރެވުނެވެ. ހައިކަލްގެ އިހުސާސްތައް އެހާވަރަށް ނޭގުމުންނެވެ.

"އަހަންނަށް ނޭގޭ ބުނާނެ އެއްޗެއް. ޒެލް ފެނުމުން ލިބުނު ޝޮކް އަދިވެސް މުޅިން ފިލައިގެން ނުދޭ. އަދިވެސް ގަބޫލެއްނުކުރެވޭ. ޒެލް ލޮލަށް ފެނުނީމަ އެވީފަދަ ގޮތެއް ބަޔާންކުރާކަށް ނޭގޭ. ކުޑަކޮށްވެސް ހިޔެއްނުކުރަން ސަލްވާ ޕްރެގްވެދާނެކަމަކަށް. އެހެން ހިތަށް އެރިނަމަވެސް އަހަރެން ސަލްވާ ހުރި ކޮންމެ ތަނަކުން ހޯދާނަން. ސަލްވާ ފިލައިގެން ދިޔައީ ކީއްވެކަން އެނގޭނީ ސަލްވާއަށް. އެކަމަކު ޒެލް ލިބުނުކަމާއިމެދު ދުވަހަކު ރިގްރެޓެއް ނުކުރާނަން. ބަޓް. ކީއްވެ ނޭންގީ؟ ސަލްވާ ޕްރެގް ވާހަކަ ނުބުނީ ކީއްވެތަ؟ އަހަންނަށް ދެރައެއް ދޭންވެގެން ސަލްވާ ގަސްތުގައި ކުރިކަމެއް ކަމަށް ގަބޫލުކުރާކަށް ބޭނުމެއްނޫން. ކީއްވެ ނުބުނެ ދިޔައީ؟ ކީއްވެ ސަލްވާ ޒެލްއަށް ޕްރެގްވީމަ އެވާހަކަ ނުބުނީ. ކީއްވެ ޒެލް ލިބުނީމަ އެކަން ނޭންގީ. އޯކޭ އަހަރެން ގަބޫލުކުރަން އަހަރެން އެމެރިކާއަށް ބަދަލުވީކަން. އެކަމަކު މާޒްއާއި ވިޝާމްގެ ގުޅުން އަބަދުވެސް އޮތް. މާޒް ތްރޫކޮށް ބުނެވޭނެ ދޯ......." ހައިކަލް ވާހަކަދެއްކީ މަޑުމަޑުންނެވެ.

"ޓެސްޓް ޕޮޒިޓިވް ވުމާއެކު އަޅުގަނޑު މެސެޖްކުރިން. އެތައްފަހަރު މެސެޖްކުރިން....." ސަލްވާ އެދުވަހު ކަންތައް ހިނގިގޮތް ކިޔައިދިނެވެ. އޭނަ އެތައް މެއިލް އެއްކުރި ވާހަކަވެސް ބުނެލާފައި މެލޭޝިއާއަށް ބަދަލުވިގޮތާއި އޭނައާއި ވިޝާމްގެ އެއްވެސް ގުޅުމެއްނެތް ކަމަށް ކިޔާދިނުމަށްފަހު ހެއްކަކަށް ދެއްކީ އަތުގައިވާ މޮބައިލެވެ. އޭރު ސަލްވާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.

"އެތިން އަހަރުތެރޭގައި ބައްޕައާއިވެސް ބައްދަލެއްނުކުރަން. ސަބަބަކީ ހައިކަލް މަންމައާއި އަރުޖަމަންދު ދައްތައާއި ދެއްކި ވާހަކަ އިވުނީ.........." ސަލްވާ ހަދާންކޮށްދިނީ ޕޫލްކައިރީ ތިބެގެން ހައިކަލް މަންމައާއި ދައްތައާއިއެކު ދެކެވުނު ވާހަކަތަކެވެ. ހައިކަލް ކައިރީ މަންމަ އެދުނީ ދެމީހުންކުރެ އެކަކު ހޮވުމަށެވެ. މަންމަ ނޫނީ ސަލްވާއެވެ. ހައިކަލް ދެން ބުނި އެއްޗަކުން ސަލްވާގެ ހިތް ހަލާކުވާވަރުވިއެވެ. ހައިކަލް ބުނީ މި ކައިވެންޏަކީ ޑީލްއެއްކަމުގައެވެ. ބައްޕަ ވެދިން އިހުސާންތެރިކަމުގެ ބަދަލުގައި ކޮށްދޭކަމެއްގެ ގޮތުގައެވެ. އެހިސާބުން ސަލްވާ ނުކައި ހުރުމުން އަނބުރައިގަތީއެވެ.

"ޢެފަހުން ދެއްކުނު ވާހަކަ އިވުނުނަމަ އެވަގުތުކޮޅުވެސް އެނގޭނެ އަހަރެން ނެތްކަން ސަލްވާ ދޫކޮށްލާކަށް......ވާހަކައިގެ އެއްބައި އިވުނީމަ މިސްއަންޑަސްޓޭންޑިންއެއް ވީމަ އަހާ ނުލާ ދިޔައީނު........."

"ހޫމް ވިޝާމް ކައިރިއަށް ދިޔަ ރީޒަންވެސް ބުނެފާނަން.....އެދުވަހު ވިޝާމް......." ސަލްވާ އެވާހަކަ ފެށިތަނާހެން ހައިކަލްގެ ފޯނު ރިންގުވިއެވެ. ހައިކަލް ކަންފަތުގައި ފޯނު ޖެހިއެވެ. ކޮންމެހެން އެހާ އާޖެންޓް ކޯލެއްވެސް ނޫނެވެ. ނަމަވެސް އެވަގުތު ހައިކަލް ހުރީ އެއްގޮތަކަށްވެސް ވިޝާމްގެ ނަން އަހާ ކަހަލަ މޫޑެއްގައެއްވެސް ނޫނެވެ. ވިޝާމްގެ ކައިރިއަށް ސަލްވާ ދިޔަ ސަބަބު އަހާކަށް އެއްގޮތަކަށްވެސް ހިތް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ވަގުތުން އެތަނުން ދުރަށް ދާށެވެ. އެވާހަކައާއިގެން ކުރިއަށް ދާން ބޭނުންނުވުމަށް ލިބުނު މަދަދަކަށް އެ ފޯނުކޯލުވިއެވެ. ހޮސްޕިޓަލަށް ދާން ޖެހިއްޖެ ކަމަށާއި ފަހުން އެވާހަކަ ދައްކާނީ ކަމަށް ބުނެފައި ހައިކަލް ދާން ހިނގައިގަތުމުން ސަލްވާގެ މޫނުގެ ކުލަ އޮއްސުނެވެ. މިފަދަ ސީރިޔަސް ވާހަކައެއް ދައްކާ އެކަން ކޮންމެވެސް ކޮޅެއްގައި ޖައްސަންވެއްޖެ ނޫންހެއްޔެވެ؟ ހައިކަލް އަންނަންދެން އިންތިޒާރުކުރާނީއެވެ. މިއޮތް ބޮޑުގޭގައި ވިއްސާރަރެއެއްގައި އެކަނި އިންނަންވެސް ބިރު އެބަގަނެއެވެ. ނަމަވެސް ހައިކަލް އަޅާނުލާތީ އެދިޔައި ނޫންހެއްޔެވެ؟ ހާދަ ދެރައެވެ.

ހައިކަލް ހޮސްޕިޓަލަށް ވަދެލާފައި ފަސްމިނިޓްވެސް ނުވެ އެނބުރި ގެއަށް އަޔަސް އޭނަ އިނީ ސިޓިންރޫމްގައެވެ. ސަލްވާއާއި އެވާހަކަ ދައްކަން ފެށުމުން ހިތަށް އެތައް އުދަގޫތަކެއްވުމާއިއެކު ވެސް އެހާ އަވަހަށް ސަލްވާއަށް އިތުބާރުކުރަންވީ ބާވައޭވެސް ހިތާ ހިތުން ސުވާލުކުރެވުނެވެ. ކޮންމެގޮތެއްވިޔަސް ދެން އޭނަ ޒެލް ދިޔަކަނުދޭނެއެވެ. ވީއިރު ސަލްވާވެސް ހުންނާނީ އޭނައާއި ކައިރީގައި ނޫންހެއްޔެވެ؟ ކޮންމެވެސް ގޮތެއް ނިންމަން ޖެހޭނެއެވެ. އެދޭތެރޭގައި އަބަދަށްޓަކާ މި ހަމަނުޖެހުން ދަމަހައްޓަންވިއްޔާ ޒެލްއަށްވެސް އޭގެ އަސަރުކުރާނެއެވެ.

ޖެހިގެން އައި ދުވަހުވެސް މެހެރީނާ އޮފީހަކަށް ނުދެއެވެ. ދާލިއާއާއި އަޅާނުލެވޭތާގައި އަރީންގެ އެއްވެސް ކަމެއް ކޮށެއް ނުދެވެއެވެ. މެހެރީނާ އިނީ ހަތަރުދަމު ޓީވީ ހުޅުވައިގެން ކައުޗްގައެވެ. ބެލްޖެހި އަޑަށް ނުތެދުވާން އޮވެފައިވެސް މެހެރީނާ ދޮރު ހުޅުވައިލީ ކަންނެތްގޮތަކަށެވެ. ދޮރުމަތީގައި ހުރި އަންހެންކުއްޖާ ނުވެސް އެނގި އިރުކޮޅެއްވިއެވެ. ހަރުވާޅުހެދުމެއް ލައިގެން ބުރުގާވެސް އަޅާފައި ހުރި އަންހެންކުއްޖެކެވެ. މެހެރީނާއަށް ކުއްލިއަކަށް ފާހަގަކުރެވުނީ އެ އަންހެންކުއްޖާގެ ބުމަމަތީގައި ހުންނަ ބޮޑު ކަޅުތިލައިންނެވެ.

"މޯނީ......."

"އާން މިއީ މޯނީ...މެޑަމް މިހާރުވެސް ތިއިނީ އެޚަބަރު ބަލަން. ކަލޭމެންގެ ޓީވީ ޗެނެލްތަކުން ފަތުރާނެ މޮޅު ވާހަކައެއް ލިބުނީމަ އެކަމާ މާ ވަރަށް އުފާވެފައިހެން ހީވެއްޖެ. އެނގޭތަ؟ ޖީވާ އުމޭރުއަކީ އަހަރެންގެ ހުރި އެކަނި ދަރިކަން.........." މޯނީ ވާހަކަދެއްކީ އަދަބުވެރިކަމެއްނެތި ރުޅިއައިސްފައި ހުރި ފަދަ ގޮތަކަށް ބުމަ ކައިރިކޮށްލައިގެން ހުރެއެވެ. ދެލޮލުން ފެންނަނީ ރުޅިވެރިކަމުގެ އަލިފާނެވެ.

"މޯނީގެ ދަރި އޭ......."މެހެރިނާ ސިހުނުލެއް ބޮޑުކަމުން އަތުން ރިމޯޓްވެސް ދޫނުވީ ހަމަކިރިޔާއެވެ.

"އާ........މަގޭ ހުރި އެންމެ ދަރިފުޅު. މެހެރީނާ ކާރުން ޖައްސާ ގަސްތުގައި މަރައިލީ. އެދަރިފުޅުގެ ގާތިލަކީ ހަމަ ތިއީ...." މޯނީ ޖެހިލުމެއްނެތި ބުނެލިއެވެ.

"މޯނީ. ފުރަތަމަވެސް އަހަރެން ވަރަށް ބޮޑަށް އެކަމާއި ހިތާމަކުރާ ވާހަކަ ބުނަން. އަދި ތައުޒިޔާ ކިޔަން މި އާއިލާގެ ފަރާތުން. އަހަރެން ވަރަށް ދެރަވެއްޖެ މޯނީ. އެކަމަކު ކޮންފަދަ ބޮޑު އިލްޒާމެއް ތިއެޅުވީ. މޯނީގެ ފިރިމީހާއަށްވެސް އެނގޭނެ. އަހަރެން ގަސްތުގައި ޖެއްސިނަމަ އޭނަ މާފެއް ނުކުރާނެކަން ޔަގީން. އޭރު ވަރަށް ވިއްސާރަ. ވިއްސާރަކަމުން ރަގަޅަށް ނުފެނި ކާރުގައި ޖެހުނީ....އައިމް ސޮރީ މޯނީ......"

މާފޭ؟ ދުވަހަކު ކަލެއަށް މާފެއްނުދޭނަން........" މޯނީ ރުޅިވެރިކަމާއިއެކު އަޑުގަދަކުރިއެވެ.

"މޯނީ މަޑުން ވާހަކަ ދައްކަބަލަ. ހެޔޮނުވާނެ. ކީއްވެ މާފުނުދޭންވީ. އަހަރެން ގަސްތުގަ ކުރިކަމެއް ނޫނޭ ބުނީމަ ގަބޫލުކޮށްބަލަ. ހަމަޖެހިބަލަ......." މެހެރީނާ ވާހަކަދެއްކީ މަޑުމައިތިރިވެފައެވެ.

"ކީއްވެކަން ހަމަ ނޭގޭތަ؟ " މޯނީ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ހޯލުތެރޭގައި އެއަޑު ގުގުމައިލިއެވެ. އޭރު އަރީންވެސް ސިޑިމަތީގައި ހުއްޓިލައިގެން މޯނީ ދައްކާ ވަހަކަ އަހަން ހުރިކަން މޯނީއަށް ފެނުނެވެ. ފާޑެއްގެ ހިތްވަރެއް އަދި ލިބުނެވެ. ފުރަގަސްދީގެން ހުރުމުން މެހެރީނާއަކަށް އަރީން އެތާހުރިކަމެއް ނޭގުނެވެ.

"ވިޝާމް ޑޮކްޓަރ ހައިކަލްގެ ދަރިފުޅު އަޒަލް ކޮށްޕާލިކަމަށް ބުނެ ދޮގުހުވާކުރަން އެންގީ ތި މެހެރީނާ. މެހެރީނާ ދިން ދިހަހާސް ރުފިޔާ މަދުވެގެން އަހަރެން އިތުރަށް ހޯދީ އަމިއްލަ ވިޔަފާރިއެއްފަށަން ވެގެން ކަން އެނގެއެއްނު. އަހަރެން އަމިއްލަ ރަށަށްގޮސް ވިޔަފާރިއެއް ފެށީ. ދުވަހަކު މެހެރީނާއަށް އުދަގުލެއް ނުކުރާނަމޭ ކިޔާފައި ރޯޒްމެހެލްއިން އަހަރެން ވަކިވެގެން ދިޔައީ. ދޮގު ހުވައެއްކޮށް ނުހައްގުން މީހެއްގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވާފައި. މެހެރީނާ ސަލްވާއަށް ކުރި ހުރިހާ އަނިޔާތަކާއި ކުރިހާކަމެއް މިދެލޮލުން ދެކުނުއިރުވެސް އަހަރެން ހުރީ އެކަންތައް ނުފެންނަކަމަށް ހެދި ދެލޯ މަރާލައިގެން. ގޮސް ނަހަލާލު ވަގު ފައިސާއިން މަސައްކަތެއްފެށީ. އެހެން ހުއްޓާ އަހަންނަށް މި ލިބުނީ އެކަމުގެ ސަޒާ. ދޮގުހަދާ ފައިސާތަކެއް ހޯދައިގެންގޮސް އަހަންނަށް ދިރިއުޅުމެއް އާބާދު ނުކުރެވުނު. އެއްވެސް ބަރަކާތެއް ނުލެއްވި......"

"އެންމެން ކައިރީ ހަގީގަތް ހާމަކުރަން ބޭނުން. ކަލޭގެ ދޮގުވެރިކަން ފަޅާ އަރުވާނަން..."

"މޯނީ ހެޔޮނުވާނެ ތިހެން ނަހަދާ. ދޮންބެ އަހަންނަށް ދުވަހަކު މާފެއް ނުކުރާނެ....." މެހެރީނާ ބިރުންގޮސް ކުރިއަށްވުރެ އަޑު މަޑުވިއެވެ. ރޯޒްމެހެލްގައި އުޅުނު ގެންގުޅޭ ކުއްޖެއްގެ ކައިރީގައިވެސް އޭނަ މިއަދު ހާދަ ނިކަމެތިވެއްޖެއެވެ. އާދޭސްކޮށް ފައިގާ ހިފާވަރުވެއްޖެއެވެ. ހަމަ ފައިމައްޗަށް ތިރިވެދާނެހެން ހީވި ވަގުތެކެވެ.

"އިތުރަށް ބުނި ވަރަކަށް ފައިސާ ދޭނަން. އެއްލައްކަ ތަ؟ ދެލައްކަ؟ ދިހަ ލައްކަ؟ " މެހެރީނާ ހުރީ މޯނީ ބުނި ކޮންމެ އަގެއް ދޭށެވެ.

"މެހެރީނާ ލަދެއްވެސް ނުގަނޭތަ؟ މިލިއަނުން ދިނަސް މިއަދު އަހަންނަށް އަހަރެންގެ ދަރިފުޅު އަނބުރާ ނުލިބޭނެ. ފައިސާއިން ކުރަން ބޭނުން އެއްވެސްކަމެއް މިއަދަކު ނެތް. އަހަރެން ގަބޫލުކުރާގޮތުން ނުހައްގުން ދޮގު ހުވާކޮށްފައި އެހާ ބޮޑު ތުހުމަތެއް އަޅުވާ ދީންވެރި އަންހެންކުއްޖަކު ގެއިން ނެރެލުމުން ލިބުނު ސަޒާ އޭގެ އެންމެ ހިތްދަތިގޮތުގައި މިލިބުނީ. ކަލޭ ދިން ފައިސާއިން ވިޔަފާރިކޮށް ލިބުނު ފައިދާއިން މާލެވެސް އަންނަނީ ހަމަ ދަރިފުޅު އުފަލުގައި ގެންގުޅެން. ނަމަވެސް މިއަދު އެދަރިފުޅު އެވަނީ ވެލީގެ ދާނުގައި އަބަދަށްޓަކާ ނިދާފައި. މިއިން ޒަމާނަކު އެހާ ހިތްދަތިކޮށް ކުއްޖަކު މަރުވިކަމެއްނޭގޭ. މިއަދު ގަބޫލުކުރަން. މިލިބުނީ އަހަރެންގެ ކުށުގެ ސަޒާ. އެމީހަކު ކުރާ ނުބައި ކަންތައްތަކުގެ ސަޒާ މި ދުނިޔެއިން ނުލިބިއްޖެއްޔާ ގިޔާމަތްދުވަހު އަޒާބު ލިބޭނެ. އަހަންނަށް މިވަނީ ދުނިޔެއިން އެކަން ދައްކުވާފައި. ދުވަހަކު ދެން މިލޮލުން ކަރުނަ ހިކޭނެތަ؟ ކަލެއާއި ހެދި ހުރިހާ ކަމެއް މިވީ. ހަމަމިހާރުން މިހާރަށް ޑޮކްޓަރ ހައިކަލްއަށް ހުރިހާ ވާހަކައެއް ކިޔާދޭން ބޭނުން......."

"ކަލެއާއި ރައުދާ ވެގެން ސަލްވާގެ ޕޭންކޭކަށް ބޭސް އަޅާފައި އެވާހަކަ ދެއްކިއިރުވެސް އަހަރެން ގެ ކަންފަތުން އެހިން.....އެގިއްޖެ؟ " މޯނީ އެއް އިނގިލިން އިޝާރަތްކުރިއިރު އެ އިނގިލި މެހެރިނާގެ ލޮލަށް ވައްދަފާނެހެން ހީވެ މެހެރީނާ ބިރުން ފަހަތަށް ޖެހިލިއެވެ.

"ޕްލީޒް މޯނީ.........އަހަރެން މޯނީ ބުނި ކޮންމެ ކަމެއްކޮށްދޭނަން. ކިހާ އިތުބާރެއްކުރީމަ އަހަރެން މޯނީ އާއި އެކަހަލަ ވާހަކައެއް ހިއްސާކުރީ. ވިޝާމް ކޮށްޕާލީއޭ ބުނާށޭ ކޮންމެ ކޮންމެ މީހެއްގެ ކައިރި ބުނަން އަހަންނަކަށް ނުކެރޭނެ"

"ސަބަބަކީ ރޯޒްމެހެލްގައި ހުރި އެންމެ ނުބައި ޖާހިލު ގެންގުޅޭ މީހަކަށް ހުރީ އަހަރެން ކަމުގައިވީތީ. އަހަރެން އެއްވެސް ކަމެއް ބޭނުމެއްނޫނޭ ބުނީމަ މިހިރަ އަންހެނާއަށް ނީވޭތަ؟ ކަލެއާއި ވާހަކަދައްކާކަށް ބޭނުމެއްނޫން. ތިއީ ގާތިލެއް. މަގޭ ދަރި މަރާލި މީހާ. އެކުއްޖާގެ ލޭ ކަލޭގެ އަތުގައި ހޭކިފައި ތިހިރީ...." މޯނީ ދެލޯ ވަށްކޮށްލިއެވެ. ހީވީ ހަމަ މެހެރީނާގެ ގަޔަށް އަތްލަފާނެހެންނެވެ. ދުވަހަކުވެސް އެފަދަ ނަފްރަތެއް އެއްވެސް މީހެއްގެ ލޮލުން މެހެރީނާ ދެކެފައެއްނެތެވެ.

"މޯނީ......."

"ވާހަކަ ނުދައްކާ. އަބަދަށް ބަދު ދުޢާ ކުރާނަން. އިރާދަކުރެއްވިއްޔާ ދުވަހަކު ރަގަޅުގޮތެއް ނުވާނެ. ނާންނާތި މަގޭ ފަހަތުން.........." މޯނީ ބާރުބާރަށް ދޮރު ކޮށްޕާލާފައި ނުކުތުމުން މެހެރީނާ އޭނައަށް ގޮވަމުން ފަހަތުން ދާން ހިނގައިގަތެވެ. އަރީންގެ އަޑު ޖެހިފައި ފިޔަވަޅުތައް ގަނޑުވިއެވެ. މެހެރީނާ އެނބުރުމާއިއެކު މޫނުމައްޗަށް އެރި ދިލަ އެތިފަހަރަކުން ޗިސްލާފައި ލޮލަށް ކަރުނަ އައުމާއިއެކު ކޯތާފަތުގައި އަތް ހާކާލެވުނެވެ.

"އަރީން. ވަޓް.............." މެހެރީނާ އެއްޗެކޭ ބުނަން އުޅުނެވެ.

"އަހަންނަށް ހުރިހާ އެއްޗެއް އިވިއްޖެ...."

"ޢަރީން ޝީޒް ލައިންގް......ޕްލީޒް. އަހަރެން....."

"އިނަފް. ދޮގުމައްޗަށް ދޮގުހަދާނެކަމެއް ނެތް އިނގޭ. ތީ ހަމަ ފިލްމުތަކުގައި ފެންނަ ކަހަލަ ވިލަން އެއް. އަހަރެން ލަދުވެސް ގަނޭ އަހަންނަށް ތިކަހަލަ އަންބަކު ހޯދުނީމަ. ދާލިއާއަށް ތިކަހަލަ މަންމައެއް ހޯދަދެވުނީމަ. ކިހާ ނުބައި އަސަރުތަކެއް އެ ދަރިފުޅަށްވެސް ކުރާނެ. ޑިސްގަސްޓިން....." އަރީންގެ ވާހަކަތަކުން މެހެރީނާގެ ހިތުގައި ޖެހި އަނގަ ސަކަރާތްވިއެވެ. ހުރިހާ އިގޯއެއް އެއްފަހަރާ އޭނަގެ ފައިބުޑު ދަށުގައި ވަޅުލެވިއްޖެއެވެ. ބޮޑާކަމާއި ފޮނިކަން ދިޔަތަނެއް ނޭގި މީހާ ކުޑަވެފައި ހުރިތަން ފެނުމުން އަރީންގެ ރުޅިފިލާގޮތްވިއެވެ. ހަމްދަރުދީވެސްވިއެވެ. ކޮންމެ ގޮތެއްވިޔަސް އާއިލާއެވެ. ލޯބިވެސްވެއެވެ. މެހެރީނާ ކުޑަކޮށް "ސައިކޯ" އީކަން ނޭގެއެވެ.

"ހުރިހާ ނިއުމަތެއް ދެއްވާފައި ވީއިރު އަދި އެހެންމީހުނާއި ޖައްސާލައިގެން ކޮންކަމެއްތަ މެހެރް. އަދިވެސް ހިތްނުފުރޭތަ؟ ބަލަ އިންސާނުންނަށް ނިއުމަތް ދެއްވަނީ ވަކިފަރާތަކުން. ކިތަންމެ ވަރަކަށް އެކަމާއ ހަސަދަވެރިވެ ހުރަސް އަޅަން އުޅުނަސް އެފަރާތުން ދެއްވަން އޮތް އެއްޗެއް ނުހިފެހެއްޓޭނެ. އެމީހަކަށް ލިބޭ ނިއުމަތްތަކާއި މޮޅުކަމެއް ނުހުއްޓުވޭނެ. ހަސަދަވެރިޔާ ހިތްދަތިވުން ނޫން އިތުރުކަމެއް ނުވާނެ. ނިމޭނީ ބޮނޑިއެއް ބޮއިގެން. ދެންވެސް އަމިއްލަ ބަލިކަށިކަން ގަބޫލުކުރޭ. އިންސާނުންނަކީ ވަރަށް ނިކަމެތި ބަޔެއް. ތިމާ މާ މޮޅުކަމަށް ހެދޭވަރުގެ އެއްވެސް މީހަކު ނެތް. މެހެރް މާ އޯވާ ވެފަ ހުންނަނީ. ޝާހީ ޚާންދާން ކިޔައިގެން އުޅުނަސް އަދި ބޮޑާވާކަށް ނުޖެހޭ."

"ޔޫ ޝުޑް ބީއެޝޭމްޑް އޮފް ޔޯ ސެލްފް އަމިއްލަ ބޭބެގެ ހަޔާތް މުޅިން ހަލާކުކޮށްލި މީހަކީ ތިއީ. އެހާ ރަގަޅު ވައިފްއެއް އިންސާނަކަށް ނުލިބޭނެ އެކަމަކު ސަލްވާވެސް ހައިކަލްގެ ހަޔާތުން ފޮނުވައިލީ. ކޮންކަހަލަ އަންހެނެއް؟ އައިމް ސޯ ފެޑްއަޕް ވިތް ޔޫ..އަދި ބުނެފިއޭ ދޮންބެ ކައިރީ ނުކިޔާށޭ. އަމިއްލައަށްގޮސް ހުރިހާ ވާހަކަތައް ކިޔާދޭން ޖެހޭނީ. ތި ދުލުން ބޭބެ ކައިރީ ކުށަށް އިއުތިރާފްވާން ޖެހޭނެ ނޫނީ މިގެއަކު ނުބަހައްޓާނަން.........." އަރީން ބުމަ ގޮށްޖަހާލައިގެން ހުރިއިރު އެދެލޮލުން ރުޅީގެ އަސަރުތައް ފާޅުވަން ހުއްޓެވެ. މެހެރީނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މިހާ މުއްސަދި މީހެއްގެ އަންބަކަށް ހުރެފައި ވަރިކޮށްފިއްޔާ ހާދަ ލަދެއް ގަންނާނެއެވެ. ހުރިހާ ހިތާމަތަކެއް އެއްފަހަރާ ލައިގަނެގެން މިއުޅެނީ ކީއްވެބާވައެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. މިކަންތަކުން އަރައިގަނެވޭނީ ކިހިނެއްހެއްޔެވެ؟ ހުރިހާވެސް ސަބަބަކީ އެލަދުކުޑަ މޯނީއެވެ.

އަރީން ފާރުގައި އަތް މުށްކަވާފައި ޖެހިތަން ފެނިފާ މެހެރީނާގެ ހިތް ގުޑައިލިއެވެ.

ދިފާއުގައި އެންމެ ބަހެއް ބުނެލާނެ ހިތްވަރެއްވެސް ނުކުރެވި މެހެރީނާ ކައުޗަށް ތިރިވިގޮތަށް ހިރިލާން ނުކެރިފައި އިދެފައި ޓީވީއަށް ނަޒަރު ހިންގައިލިއެވެ.

އަރީން މެހެރިނާއައި ދަރިފުޅު ގޮވައިގެން ދިޔައީ ހަވީރު ފިނި ބުރެއްޖަހާލާށެވެ. މެހެރީނާއިނީ ނެގިމަޑުވެފައެވެ. އޭނަ އެހާވަރުން ދާހިތް ނުވިޔަސް އަރީންގެ އަމުރަށް ކިޔަމަންވާން ޖެހުނީ މިދުވަސްކޮޅު ކަންތައް ހިގާގޮތުންނެވެ. އަރީންދެކެ ބިރުވެސް ގަނޭމެއެވެ. އަރީން ކިތަންމެ އަވަދިނެތި އުޅުނަސް ދާލިޔާއަށް ވަގުތުދޭނެއެވެ. ދާލިޔާވެސް ހުންނާނީ އަރީން ނުފެނިފައެވެ. އެހާ ދޯޅުއެވެ. އަރީން ފެނިގެން އެވާ ވަރު އެހެން އެއްވެސް މީހަކާއި ހެދި ދާލިޔާ ނުވެއެވެ. މެހެރީނާ އިނީ ތުންފިއްތާލައިގެންނެވެ. ކަޅު އަވިއައިނެއް ޖަހާލައިގެން ހުރުމުން އޭނަގެ ދެލޮލުގެ ޝުއޫރުތައް ނުފެނުނަސް ކަމަކާއި ހިތްހަމަނުޖެހިފައިއިން ކަން ބަލައިލާ ކޮންމެ މީހަކަށް އެނގޭނެއެވެ. އަރީން ހޮސްޕިޓަލާއި އަރާހަމަވެފައި އޮފީހަށް ވަދެލާށޭ ކިޔާފައި ކާރު ޕާކްކޮށްލިއެވެ. މެހެރީނާވެސް ފަހަތުން ދާން ޖެހުނެވެ.

ފެންނަ ކޮންމެ އިސްވެރިޔެއް ޑޮކްޓަރެއް އަރީންއަށް އިހުތިރާމާއެކު ސަލާމްކޮށްލިއެވެ.

ޑޮކްޓަރ ވިޝާމް ލިފްޓުން ނުކުމެވުނީ އަރީންމެން ކުރިމައްޗަށެވެ. ވިޝާމް ހުރީ ކަޅު ފަޓުލޫނަކާއި މުށިކުލައިގެ އަތްދިގު ގަމީހެއްގައެވެ. ޓައީ އަޅާފައި ހުރިއިރު ސްމާޓްކަމާއިއެކު ރީތިކަމުން ދެވަނަފަހަރަށް ބަލާލަން މަޖުބޫރުކުރުވާނެއެވެ. އެހާ ތާޒާ މޫނެވެ.

"އިވްނިން ސަރ....."ވިޝާމްގެ ނަޒަރު ދާލިޔާގެ މޫނަށްވެސް ހުއްޓުނެވެ.

"ވިޝާމް. ޑިއުޓީ ނިމިގެން ގެއަށްތަ ތިދަނީ؟ " އަރީން އަހައިލީ ގާތްގޮތަކަށެވެ. ހިނިތުންވެލަމުންނެވެ.

"ލައްބަ...." ވިޝާމް ކުޑަކޮށް ހައިރާންވިކަހަލައެވެ. ހީވީ ނުބުނާން ހުރެފައި ބުނެލިހެންނެވެ.

"މިރޭ މާޒްއާއި ވިޝާމް ޑިނަރއަކަށް އަހަރެމެންގެ ގެއަށް ދާންވާނެ އިނގޭ......"

"ވެލް......އޯކޭ މާޒް ދަންޏާ އައިމް ރެޑީ..." ވިޝާމް ފަޓުލޫނުގެ ޖީބަށް އަތްޖަހައިލިއެވެ. ދާލިޔާ އޭރު އިނީ އަރީންގެ ކޮނޑުގައި ދަތްދޮޅި އަޅާލައިގެންނެވެ. އެހެން އިނދެފައި ވިޝާމްއާއި ދިމާލަށް ބަލައިލިގޮތަށް ހީލިއެވެ.

"މިއީ ދޮންބެ...." އަރީން ދާލިޔާއަށް ބުނެލިއެވެ.

"ދޮންބެ......." ދާލިޔާ ތުއްތު އަޑަކުން ކިޔާލުމުން ވިޝާމްއަށް މަޖާވިއެވެ.

މެހެރީނާގެ ރުޅިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަ ރުޅިއަރުވަން އަރީން ގަސްތުގައި ޖެއްސުމަށް ކޮށްލިކަމެކެވެ. އޭނަގެ ދަރިފުޅު ލައްވާ ވިޝާމްއަށް ދޮންބެ ކިޔުއްވާކަށް ނުޖެހޭނެއެވެ.

"ސޯ އެޑޮރަބްލް. ވަޓްސް ޔޯ ނޭމް ސްވީޓްހާޓް..." ވިޝާމްއަށް މެހެރީނާގެ އަނގަމަތި ފެނިފާ އަދި މަޖާވިވަރުން ދާލިޔާގެ އަތުގައި ހިފަހައްޓާލިއެވެ. ކޮލުގައިވެސް ހިފާލީ ހަމަ ގަސްތުގައެވެ. އޭނައަށް ކޮން އަރީންއެއް މެހެރީނާއެއް ހެއްޔެވެ؟ އޭނަގެ މަންމައާއި ދޭތެރޭގައި މިމީހުން އަނިޔާވެރިވެފައިވާއިރު މިމީހުންނަށް އޭނަ ކުރުނީސްކުރާކަށް ނުޖެހޭނެއެވެ. އޭނަ ކެތްކުރާވަރު ރަގަޅެވެ. މަންމައަށްޓަކާ އޭނަ ހަނުހިމޭނުން ހުއްޓަސް ހިތުގައިވަނީ ނަފްރަތެވެ. ރޯޒްމެހެލްއަށް އޭނަގެ ހިތަކު ލޯތްބެއް ނެތެވެ.

މެހެރީނާ ކިތަންމެ ރުޅިއެރިޔަސް އަރީން ހުރީ ވިޝާމްއާއި އެއްބަޔަށެވެ. ނުވީތާކަށް ދާލިޔާ ވިޝާމްއަތަށް ދީފައި ގޮސް ހުރީ އެހެން ޑޮކްޓަރަކާއި ވާހަކަދައްކާށެވެ. މެހެރީނާގެ ކައިރިއަށް ދާލިޔާ ނުވެސް އައެވެ. ދާލިޔާއާއި އަޅާނުލާ ނެނީގެ އަތަށް ދޫކޮށްފައި ގިނަވަގުތު ޓީވީ ކައިރީ މަންމަ އިނުމުން ދާލިޔާ ރުޅިވެފައި އިނީއެވެ. މަންމައަށްވީއިރުވެސް ދާލިޔާ މިވަގުތަކު މަންމައަށް ބޭނުމެއްނުވިއެވެ. މެހެރީނާ ލަދުވެސް ގަތެވެ. އަމިއްލަ ދަރިފުޅުވެސް އޭނަގެ ދުޝްމިނަކަށްވީހެއްޔެވެ؟ ވަށައިގެންވާ ހާ އެއްޗެއް އޭނައަށް މަލާމާތްކޮށް ހެމުންދާފަދައެވެ. ނަމަވެސް މެހެރީނާ ހުރީ މައިތިރިވެފައެވެ.

ގެއަށް ގޮސްފާ މެހެރީނާ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްލިއެވެ.

"އަރީން ހެޔޮނުވާނެ. އަހަންނަށް ހިއުމިލިއޭޓް ކުރީމަ ކޯނޗެއްތަ ލިބެނީ؟ ވިޝާމްއަކީ ދާލިޔާގެ ދޮންބެއެއް ނޫނޭ. އޭނައަތަށް އެކުއްޖާ ދީފައި ގޮސް އަރީން ދުރުގައި. ހިލޭ ފިރިހެނުންގެ އަތްމައްޗަށް އަމިއްލަ ދަރިފުޅު ދޫކޮށްލާފައި އެހެން ދާކަށް ނުވެސް ޖެހޭނެ. ވިޝާމް ބޭނުންވަރަކަށް ކޮލުގައި ހިފާ. ޗަސްކޮށްފައި އެންމެފަހުން ދޮނެއްވެސް ދިން. އެކަންތައް ދެކެން ކެތްކުރެވުނީއެއްނޫން. ދެން ދާލިޔާ ކުޑައެއްކަމަކު ވިޝާމް ނުޖެހޭނެ ދޯ އެގޮތަށް އަތްލާކަށް. ކީއްވެ އަރީންއަށް ނުވިސްނެނީ އިޓްސް އެބިއުޒް........."

އަރީން އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެފާ ގެނެސްދިނީ ބޭރު ލެބޯޓްރީއިން ހަދާފައިވާ ޓެސްޓެކެވެ.

އެއީ ޑީ އެން އޭ ޓެސްޓެކެވެ.

މެހެރިނާ އަނބުރައިނުގަތީ ކިރިޔާއެވެ.

"ވިޝާމްއަކީ އަހަރެންގެ ދަރިއަކަށްވީމަ އަހަރެން ދާލިޔާ ލައްވާ ދޮންބެ ކިޔުއްވީ. ވެދާނެ ނަހަލާލަށް ކަމަށް ވިޝާމް ލިބުނީ. އެކަމުގައި ވިޝާމްގެ ކުށެއްނެތް. ކުށްވެރިޔަކީ އަހަރެން. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެވެސް ލޭ. ސޯ މެހެރީނާ ޖެހޭނީ އެކަން ގަބޫލުކުރަން. މީގެ ފަހުން ވިޝާމްއޭ ކިޔައިގެން އެއްވެސް އެއްޗެކޭ ކިޔައިފިއްޔާ ނިމުނީ...." އަރީންގެ އިންޒާރުން މެހެރީނާގެ ހިތް އޮއްސުނެވެ.

އަރީންގެ ނުލަފާކަމާއެވެ. އޭނަދެކެ ކުޑަކޮށްވެސް އެހިތުގައި ލޯތްބެއްވާނަމަ ވިޝާމްއަށްޓަކާ ވިޔަސް އެގޮތަށް އިންޒާރެއް ނުޖަހާނެއެވެ. ވިޝާމްދެކެ އެހާ ލޯބިވާންވީ ސަބަބެއްވެސް ނެތެވެ. ފިރިހެނުންނަކީ އެކަހަލަ ބަޔެކެވެ. ކާމިޔާބު މުއްސަދި ފިރިހެނުން އަންހެނުންނާއިއެކު އެކަހަލަ ވަގުތީ ގުޅުންތައް ބާއްވަނީ މަދެއްކޮށް ނޫނެވެ. އެހެން އުޅެމުން ދަރިން ލިބުނަސް އެމީހުންގެ ކަމެއްކަމަށް ގަބޫލެއްނުކުރާނެއެވެ. އެމީހުންގެ ނަހަލާލު ދަރިންނާއިހެދި އުޅޭބަޔެއްވެސް ނޫނެވެ. އަރީން ވިޝާމްއާއި ހެދި އެހާވަރުން އުޅެނީ ހަމަ ގަސްތުގައި މެހެރީނާ ދެރަކުރަންވެގެންނެވެ.

ވިޝާމް އެޕާޓްމެންޓަށް ވަންނަން ދިޔައިރު އަރީން އެތަނުން ނުކުމެގެން އަންނަތަން ފެނިފާ ސިޑިބަރީގެ ނިވަލުގައި ފިލާހުރެފައި ގޮސް ދޮރު ހުޅުވައިލިއެވެ. އެގޭތެރޭގައި ދުވަނީ އަގު ބޮޑު ސެންޓެއްގެ ވަހެވެ. މަންމަވެސް އިނީ ހެވިލާފައެވެ.

"މަންމާ އަރީން މިގެއިން ނިކުތްތަން ފެނުނު...."

"ހޫމް ދަރިފުޅާ.........." ފާގިޔާ ކަންބޮޑުވިކަހަލައެވެ.

"ކީއްކުރަން އޭނަ އައީ..." ވިޝާމް ސުވާލުކުރިއެވެ.

"ދަރިފުޅާ. އަރީން އައި މާފަށް އެދެން..."

"މަންމަ ދިނީ ކޮން ޖަވާބެއް..." ވިޝާމް އާދައިގެ ގޮތަކަށް އަހައިލިއެވެ.

"މަންމަ މާފުކޮށްފިން...."

ވިޝާމް ޓައީއަށް ދޫކޮށްލިއެވެ. އެރީތި މޫނުމަތިން ތަފާތު ޝުއޫރުތަކެއް ނުފެނުނެވެ. މަންމައަށް އެހާ އަނިޔާވެރިވި މީހަކަށް މަންމަ އެހާ ފަސޭހައިން މާފުދޭންވީ ކޮންކަމަކާހެއްޔެވެ؟ އޭނަގެ ހިތުގައި ވަނީ ނަފްރަތެވެ. ވިޝާމްއަށް ކާން ހަދައިގެން އިންތިޒާރުގައި މަންމަ އިންނާނެކަން އެނގޭތީ އޭނަ ބޭރުން ނުވެސްކައެވެ. ރޭ އޭނަ އަރީންމެންގެއަށް ކާން ދާން ދައުވަތު ލިބުނެވެ. ނަމަވެސް އެންމެފަހު ވަގުތު މާއިޒްއަށް ދެވޭގޮތް ނުވެގެން އެހެން ރެއަކަށް ބަދަލުކުރީއެވެ.

ވިޝާމްއާއި މަންމަ ކާން އިށީންގޮތަށް އެކި ވާހަކަތައް ދެއްކިއެވެ. ފާގިޔާ ދެއްކީ ސަލްވާއާއި ޒެލް މަތިން ހަދާންވާ ވާހަކައެވެ. އެންމެފަހުންގޮސް ފާގިޔާ ދައްކަން ފެށި ވާހަކައަކުން ވިޝާމް ކޮށިއަރާގޮތްވިއެވެ.

"ދަރިފުޅާ. މަންމަ ހުރީ މިވާހަކަ ނުބުނަން. އެކަމަކު މިހާރު އެނގެންވާނެ. ދަރިފުޅުގެ ބައްޕައަކީ އަރީން....."

"އެހެންވެ މަންމަ އަރީންއަށް މާފުކުރީ. ވިޝާމްގެ ބައްޕައަކީ އެއީ ކަމަށްވާތީ ދަރިފުޅުގެ ހައްގުގައި. އޭނައަށް އެކަން ޝައްކުވެގެން ޓެސްޓްހެދިއިރު ޕޮޒިޓިވްވީ މިއޮތީ ރިޒަލްޓް. އޭނަގެ ޚަރަދުގައި ދަރިފުޅަށް ކިޔަވާދިނީ. މަންމައަކަށް އެހެންވެ އެހެންގޮތެއްނެތް. އަރީން އެކަން ގަބޫލުކޮށްގެން އެހެރީ ކޮންމެ ކަމެއްކޮށްދޭ ގޮތަށް. އެކަމާއި އިންތިހާއަށް ދެރަވެފައި ހުރީ އެހެންވެ މަންމަ މާފުދިނީ..." ފާގިޔާ ސިޓީއުރައެއް ގެނެސް ވިޝާމްގެ އަތަށް ދިނެވެ. ވިޝާމް އިނީ ހިމޭންވެފައެވެ. ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

ވިޝާމް ކޮޓަރިއަށް ވަންގޮތަށް އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަޖަހާ ނުލައެވެ. އެކިކަހަލަ ޚިޔާލުތައް އޭނަގެ ސިކުނޑިއަށްވެރިވެ އެހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ސަލްވާގެ ލޯބީގައި ހިތް ހަލާކުވެ ރޭގެ ނިދި ޚަރާބުވިޔަސް މިވަރެއް ނުވެއެވެ. މިރޭ އެހެން ކަންތައްވެސް އޭނައަށް އުދަގޫކުރަނީއެވެ. އެންމެފަހުން އޭނަ ޒެލް ފޮނުވާފައި ހުރި ސިޓީތައް ވަކިން ނެގިއެވެ. މި އަމާނާތްތައް ރައްދުކުރުމަށްފަހު އޭނަ އެންމެނާއި ވަކިން ދުރަށް ދާންވީއެވެ. ދުވަހަކު ނުފެންނަ ހިސާބަކަށެވެ. އަޒަލްގެ ސިޓީ މެހެރިނާ ފޮރުވައިގެން ހުރީ ހައިކަލްއަށް ސަލްވާގެ އެއްވެސް ކުށެއްނެތްކަން އެނގޭނެތީއެވެ. ސަލްވާގެ ދަރިފުޅު ވައްޓާލީވެސް މެހެރީނާއެވެ. އޭނަ އަށް ސަލްވާގެ ލޯބި ދުވަހަކު ނުލިބުނަސް އޭނަ މިކަންތައް ފޮރުވައިގެނެއް ނުހުންނާނެއެވެ. ސަލްވާއަށް އުފާވެރި ހަޔާތެއް ލިބުމުން އޭނައަށްވެސް ހަމަޖެހިގެން އުޅެވިދާނެއެވެ.

ވިޝާމް ނިންމީ ހުރިހާ ހެކިތަކާއިއެކު މި ހުރިހާ އެއްޗެއް ގެންގޮސް ހައިކަލްއަށް ދިނުމަށެވެ.

ވިޝާމް ކާރަށް އެރިއިރު ވާރޭވެހޭލެއް ބޯކަމުން ތަންދޮރު ވަކިވާވަރެއްވެސް ނޫނެވެ.

(ނުނިމޭ)

comment ކޮމެންޓް