'ޖުޅްވާ 2' އަށް 200 ކުރޯރުގެ އާމްދަނީއެއް!

ސިނަމާތަކުގައި ދައްކަމުން އަންނަ ވަރުން ދަވާންގެ ހެއްވާ މަޖާ ފިލްމު 'ޖުޅްވާ 2' އަށް 200 ކުރޯރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ދަވާން ޑައިރެކްޓުކޮށްފައިވާ އެ ފިލްމަށް ވަނީ ހަފްތާއެއްގެ ތެރޭގައި 100 ކުރޯރާ ގާތްކުރާ އަދަކަކަށް އާމްދަނީ ލިބިފައެވެ.

ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރި 'ޖުޅްވާ 2'އަށް 200 ކުރޯރު ލިބިފައި ވަނީ 16 ދުވަހުގެ ތެރޭގައެވެ. އެއީ އިންޑިއާގެ އިތުރުން އިންޑިއާ އިން ބޭރުން ލިބުނު އާމްދަނީ ވެސް ހިމަނައިގެންނެވެ.

އިންޑިއާ އިން އެކަނި ވެސް ފިލްމަށް މިހާތަނަށް 130.21 ކުރޯރު ލިބިފައި ވާއިރު، ފިލްމަށް ލިބިފައިވާ ޖުލްމަ އާމްދަނީ އަކީ 203.33 ކުރޯރެވެ.

'ޖުޅްވާ 2' އަކީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 200 ކުރޯރުގެ އާމްދަނީ އެއް ހޯދި ތިން ވަނަ ފިލްމެވެ. ޝާހްރުކް ޚާންގެ 'ރައީސް' އަދި އަކްޝޭ ކުމާރުގެ 'ޓޮއިލެޓް' އަށް ވަނީ 200 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

'ޖުޅްވާ 2' އަކީ 1997 ވަނަ އަހަރު ނުކުތް ސަލްމާން ޚާންގެ ކާމިޔާބު ފިލްމު 'ޖުޅްވާ'ގެ ސީކުއެލް އެވެ. ވަރުން އާއެކު ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޖެކްލީން ފާނަންޑޭޒް އާއި ތާޕްސީ ޕަންނޫ އެވެ.

comment ކޮމެންޓް