މާލޭގައި އުފައްދާ ފެނަކީ ރައްކާތެރި ފެނެއް: އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭ ޚިދުމަތަކީ އެންމެ ރައްކާތެރި، އިތުބާރާއެކު ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް އެކުންފުނިން ދަނީ އަބަދުވެސް މަސައްކަތްކުރަމުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން އުފައްދާފެނުގައި މައްސަލަތަކެއް އުޅޭކަމުގައި ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވަނީ ހަގީގަތް އޮޅޭގޮތަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަންއަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމެންޓް، ޢަލީ އިރުޝާދު ވިދާޅުވީ، އެ ކުންފުނިން އުފައްދާ ފެނުގައި، ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ ކެމިކަލެއް އިތުރަށް ހުރިކަމަށް ބުނެ، ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާތީ، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން، އެފަދަ ކަންކަމުގައި އެ ކުންފުނިން ހަދަންޖެހޭ ޓެސްޓުތައް އިތުރަށް ހަދައި ވަރަށް ރަނގަޅަށް ބަލާފައިވާ ކަމަށެވެ. އަދި އެގޮތުން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި، ފެނުގައި އުފެދޭ ޖަރާސީމް ނައްތާލުމަށް ބޭނުންކުރާ ކެމިކަލް ހުރީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ.

"ކަސްޓަމަރުން މައްސަލަ ރިޕޯޓް ކުރީ ރޭގަނޑު. ކޮމްޕްލެއިން ލިބުމާއިއެކު ރިޕޯޓްލިބުނު ގޭގެއަށް އަޅުގަނޑުމެންގެ މުވައްޒަފުން ވަގުތުން ފޮނުވިން. މިފަދަ މައްސަލައެއް ދިމާވުމުން އޮންދަސްޕޮޓްގައި ހަދަންޖެހޭ ޓެސްޓްތައް ހަދައި ޗެކްކުރި އިރު ފެނުގެ ކޮލިޓީ ހުރީ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ރަނގަޅަށް. މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާފަދަ މައްސަލައެއް ނޫޅޭ،" އިރުޝާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން އާންމުންނަށް ފޯރުކޮށްދޭ ފެނުގައި އެފަދަ އެއްވެސް މައްސަލައެއް އުޅޭކަމުގައިވާނަމަ އެކަން އެމްޑަބަލިއުއެސްސީގެ ފަރާތުން ކަސްޓަމަރުންނަށް އަންގާނޭ ކަމަށެވެ.

"އެމްޑަބްލިއުއެސްސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ދެމެހެއްޓެނިވިގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައްކާތެރި ގޮތުގައި ފޯރުކޮށްދިނުމަށް،" އިރުޝާދު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދޭ ފެނާއި ނަރުދާމާގެ ޚިދުމަތަކީ އެ ކުންފުނީގެ ކަސްޓަމަރުން އިތުބާރާއެކު ބަލައިގަނެފައިވާ ޚިދުމަތްތަކެއްކަން ފާހަގަކޮށް، އެ ކުންފުނިން ކަސްޓަމަރުންނަށް ޝުކުރުއަދާކުރާކަމަށް ވެސް އިރުޝާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އެމްޑަބްލިއުއެސްސީ އިން އިލްތިމާސްކުރަނީ، މިފަދަ އާންމު ޚިދުމަތްތަކާ ގުޅޭ މައުލޫމާތުތައް އެކި ފަރާތްތަކުން ހިއްސާކުރާއިރު، ކަމުގެ ހަގީގަތް އޮޅުން ނާރާ ގޮތަށް ޒިންމާދާރު ކަމާއެކު މައުލޫމާތު ޙިއްސާކުރުމަށް،" ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ޑީސެންޓްރަލައިޒޭޝަން މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ، ފެނުގެ ސެކިއުރިޓީ އަދި ނަރުދަމާގެ ނިޒާމް ހަރުދަނާ ކުރުމަށް ޕްލޭންތަކެއް އެކުލާވާލައި، 300،000 މީހުންގެ އާބާދީއަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހިނގާ އޮކްޓޫބަރު 8 ވަނަ ދުވަހުގެ ރޭ އެ ކުންފުނިން ވަނީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، "އާރްއޯ އެނެކްސް"ގެ ނަމުގައި އާ މަރުކަޒެއް ހުޅުވައިފައެވެ.

comment ކޮމެންޓް