ޖަންގަލީގައި ރޮހިންގާ ބަޔަކު ދިރިއުޅެނިކޮށް، އެތުގެ ހަމަލާއެއްގައި ބަޔަކު މަރުވެއްޖެ

އެތްތަކުން ދިން ހަމަލާއަށް ފަހު ރެފިއުޖީ ކޭމްޕުން ރޮހިންގާ މުސްލިމުން ދުރަށް ދަނީ--

ބަންގުލަދޭޝްގެ ކޮކްސް ބާޒާރުގެ ޖަންގަލީގައި ހަދާފައިވާ ރެފިއުޖީ ކޭމްޕަކަށް އެތްތަކަކުން ދިން ހަމަލާއަކުން ރޮހިންގާ މުސްލިމުންތަކެއް މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.

އެތުން ހަމަލާދީފައި ވަނީ ރޮހިންގާ މުސްލިމުން އެ ކޭމްޕް ހިމެނޭ ސަރަހައްދުގެ ޖަންގަލީގައި ލަކުޑިން ޖިފުޓިތަކެއް ހަދަމުން ދަނިކޮށެވެ.

ކޮކްސް ބާޒާރުގެ ޑެޕިއުޓީ ޕޮލިސް ޗީފް އަފްރޯޒުލް ހައްގު އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނީ ރޮހިންގާ މުސްލިމުންނަށް ހަމަލާދީ މަރާލީ އަށް އެތުގެ ބައިގަނޑަކުން ކަމަށެވެ. މަރާލި މީހުންގެ ތެރޭގައި އަންހެނަކާއި އޭނާގެ ތިން ދަރިން ހިމެނޭ ކަމަށެވެ.

ރޮހިންގާ މުސްލިމުން ޖިފުޓި ހަދައިގެން ތިބި ސަރަހައްދަކީ އެތްތައް ވަރަށް ގިނައިން ޖަމާވެ، އަދި ކާތަކެތި ހޯދުމަށް އުޅޭ ސަރަހައްދެކެވެ.

މީގެ ކުރިން ވެސް އެ ރެފިއުޖީ ކޭމްޕުގައި އެތުގެ ބައިގަނޑަކުން ދިން ހަމަލާއެއްގައި ވަނީ ރޮހިންގާގެ ދެ މީހުން މަރުވެފަ އެވެ.

ރޮހިންގާގެ ރެފިއުޖީ ކޭމްޕްތައް ފުރިފައިވާ އިރު އަލަށް އެތެރެވަމުންދާ ރެފިއުޖީން ދަނީ ރެފިއުޖީ ކޭމްޕު ސަރަހައްދުގައި ލަކުޑިން ކުދި ކުދި ޖިފުޓިތައް ހަދަމުންނެވެ.

ކޮކްސް ބާޒާރުގެ ޑިސްޓްރިކް ފޮރެސްޓު އޮފިޝަލަކު އޭޕީ އަށް މައުލޫމާތު ދެމުން ވިދާޅުވީ އެތުންދޭ ހަމަލާތައް ނުހުއްޓުވޭނެ ކަމަށާއި ޒަމާނުއްސުރެ އެ ސަރަހައްދުގައި އެތްތައް އުޅޭ ކަމަށެވެ.

މި ފަހުން ރޮހިންގާ މުސްލިމުންނަށް ދޭން މިޔަންމާގެ އަސްކަރިއްޔާ އިން ފެށި ހަމަލާތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް 500،000 އަށް ވުރެ ގިނަ ރެފިއުޖީން ވަނީ ބަންގުލަދޭޝްއަށް އެތެރެވެފަ އެވެ.

comment ކޮމެންޓް