ޗެލްސީ އަތުން 2-1 މޮޅުވެ ކްރިސްޓަލް ޕެލަސްއިން ސީޒަންގެ ފުރަތަމަ މޮޅު ހޯދިއިރު، ސްޓޯކް ސިޓީއަތުން 7-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ ޕްރިމިއަ ލީގު ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ.
ރޯއީ ހޮޖްސަންގެ ބެލުމުގެ ދަށުން ޕެލަސްގެ އަމިއްލަ ދަނޑުގައި ރޭ ޗެލްސީއާ ދެކޮޅަށް އެޓީމު ނުކުތްއިރު، މި ސީޒަންގެ ޕްރިމިއަރ ލީގުގައި މިހާތަނަށް ލަނޑެއްވެސް އެޓީމަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީވެސް ޕެލަސްއިންނެވެ. އެގޮތުން މިސީޒަންގެ ލީގުގައި އެޓީމުގެ ފުރަތަމަ ލަނޑަކީ، މެޗުގެ 11 ވަނަ މިނިޓްގައި ޔޯހަން ކަބަޔޭ ފޮނުވާލި ބޯޅައެއް، ޗެލްސީގެ ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާގެ ގައިގަ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 18 ވަނަ މިނިޓްގައި ޓިއެމޫ ބަކަޔޮކޯ ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ފުރަތަމަ ހާފް ނިމުމުގެ ކުރީން، މެޗުގެ 45 ވަނަ މިނިޓްގައި ޕެލަސްގެ ވިލްފްރެޑް ޒަހާ ވަނީ ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ކުރި ހޯދައިދީފައެވެ.
މެންޗެސްޓާ ސިޓީން ވަނީ، ރޭ އެޓީމުގެ އިއްތިހާދު ސްޓޭޑިއަމްގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފެންވަރު ދައްކާލައި، 7-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި އެ މޮޅާއެކު އެޓީމަށް ވަނީ، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށްވުރެ ދެ ޕޮއިންޓު އިތުރަށް ލިބި، 8 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ ކުރިއަށް ޖެހިލައިފައެވެ.
ޔުނައިޓެޑް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. 17 ޕޮއިންޓާއެކު ތިން ވަނައިގައި ޓޮޓެންހަމް އޮތްއިރު، ރޭ އާސެނަލް އަތުން 2-1 ލަނޑުން މޮޅުވި ވޮޓްފޯޑް އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ޗެލްސީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.
ސިޓީއާއި ސްޓޯކް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުވެސް ނިމިގެން ދިޔައީ 3-1 ލަނޑުން ސިޓީ ކުރީގައި އޮވެއެވެ. ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ގަބްރިއަލް ޖީސަސް 2 ލަނޑު، ރަހީމް ސްޓާލިން، ޑޭވިޑް ސިލްވާ، ފަނާންޑީނިއޯ، ލިރޮއީ ސާނޭ، ބަރނާޑޯ ސިލްވާ މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ. ސްޓޯކް ޖެހި ދެ ލަނޑުގެ ތެރޭން އެއް ލަނޑަކީ، ސިޓީގެ ޑިފެންޑަރު ކައިލީ ވޯކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ، މަމޭ ބިރަމް ޑިއޯފްއެވެ.
އިއްޔެ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ، ބޯންމައުތު އަތުން 1-0 ލަނޑުން މޮޅުވެފައެވެ. ބާންލީއާ ވެސްޓްހޭމް ކުޅުނު މެޗު 1-1 އިން އެއްވަރު ވީއިރު، ސްވަންސީ ވަނީ ހަޑާސްފީލްޑް އަތުން 2-0 ލަނޑުން މޮޅުވެފައެވެ. އަދި ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައި ވާއިރު، އާސެނަލް ވަނީ ވޮޓްފޯޑްއަތުން 2-1 ލަނޑުން ބަލިވެފައެވެ.