އަދީބުގެ ބޭސްފަރުވާއަށް ހުރަހެއް ނާޅަން، އޭނާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށަކު ނޫން: ކަރެކްޝަންސް

33 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް--ސަން ފޮޓޯ

ތެއްތިރީސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެމުން އައި ބޭސްފަރުވާ ހުއްޓާލާނެ ކަމުގެ އިންޒާރު މޯލްޑިވުސް ކަރެކްޝަންސް އިން ދީފައިވާ ކަމަށް އާއިލާއިން ބުނި ނަމަވެސް އެފަދަ ހުރަހެއް އަޅާފައި ނުވާނެ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

އަދީބުގެ އާއިލާއިން މިއަދު ނެރުނު ނޫސްބަޔާނާ ގުޅިގެން ސަން އާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ އަދީބު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އެހެން ކަމުން އަދީބުގެ ބޭސް ފަރުވާއަށް އެ އިދާރާއިން އަޅާނެ ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަދީބުގެ ބޭސް ފަރުވާ އަށް ހުރަހެއް ނާޅާން. އަދީބު ހުންނެވީ އަޅުގަނޑުމެން ބެލުމުގެ ދަށަކު ނޫން،"
އަދީބުގެ އާއިލާއިން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސް އިން އަދީބުގެ ބޭސްފަރުވާ ހުއްޓަލަން ޖެހިދާނެ ކަަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރަނެ ކަމަށް ބުނެފައި ވަނީ އަދީބުގެ ހަށިކޮޅަށް އިންޖެކްޝަނެއް ޖެހުމަށް އެދުމުން އެކަން ނުކުރުމަށް އާއިލާއިން އެދުމުން ކަމަށެވެ.

ކުރީގެ ނައިބު ރައީސްގެ އާއިލާ އިން ބުނީ ކަރެކްޝަނަލް ސާވިސް އިން އަދީބުގެ ހަށިކޮޅަށް އިންޖެކްޝަނެއް ޖަހަން އެދުމުން އެކަމަށް ނޫނެކޭ ބުނީ ޖަހަން އުޅެނީ ކޮން ކަމަކާ ގުޅިގެން ޖަހާ ކޮންކަހަލަ އިންޖެކްޝަނެއް ކަން ނޭނގޭތީ ކަމަށެވެ. އަދި އިންޖެކްޝަން ޖަހާއިރު އާއިލާގެ މީހަކު ވެސް ކައިރީގައި ހުރުމުގެ ހުއްދަ ނުދޭތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އާއިލާއިން ނެރުނު ބަޔާނުގައި ވަނީ މީގެ ކުރިން އަދީބު ޖަލުގައި އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވާތީ އާއިލާ މީހުންނަށް ޖަހަން އުޅޭ އިންޖެކްޝަަނުގެ ތަފްސީލު ނުދީ އަދި އާއިލާ މީހަކު ނެތި އަދީބުގެ ހަށިކޮޅަށް އިންޖެކްޝަން ނުޖެހޭނެ ކަަމަށެވެ. އަދި އަދީބުގެ ހަށިކޮޅަށް އިންޖެކްޝަން ޖަހަން އުޅެނީ ސީޓީ ސްކޭނެއް ހެދުމަށް ކަމަށް ބުނި ނަމަވެސް އެ ސްކޭން ހަދަން ޖެހޭ ސަބަބެއް ސާފު ނުވާ ކަމަށެވެ.

އަދީބަށް އެކިއެކި ކުށްކުށުގައި ކުރެވުނު ހުކުމްތަކާ އެކު 33 އަހަރުގެ ޖަލުގައި ހުކުމް ތަންފީޒު ކުރަން ފުރަތަމަ ހަވާލުކުރެވުނީ މޯލްޑިވިއަން ކަރެކްޝަނަލް ސާވިސްއާ އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

comment ކޮމެންޓް