ކެލިފޯނިއާގައި ރޯވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި

އެއީ ފަހުގެ ތާރީހުގައި ކެލިފޯނިއާގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (އޮކްޓޯބަރު 15): އެމެރިކާގެ ކެލިފޯނިއާގެ އުތުރުގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން މަރުވި މީހުންގެ އަދަދު 40ށް އަރައި، ގެއްލުނު މީހުންގެ އަދަދު 200 އަށް ވުރެ އިތުރުވެއްޖެ އެވެ.

ކެލިފޯނިއާގެ 16 ސަރަހައްދެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަަސައްކަތް 10،000 ފަޔާ ފައިޓަރުން ކުރިއަށްގެންދާ އިރު، އެސަރަހައްދުގައި ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު ހަލުވި ކަމާ އެކު ފެތުރެމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ.

އަލިފާން ރޯވިތާ ހަ ދުވަސްވެފައިވާ އިރު، އޭގެ ސަބަބުން 100،000ށް ވުރެ ގިނަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. އަދި ގާތްގަނޑަކަށް 5،700 ގެ ވަނީ އަނދާ އަޅިއަށް ވެފައެވެ.

އެއީ 1933ގައި ކެލިފޯނިއާގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހުގެ އެ ސްޓޭޓުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ. މީގެ 84 އަހަރު ކުރިން ހިނގި އެއަލިފާނުގެ ހާދިސާގައި 29 މީހަކު މަރުވި އެވެ. (ބީބީސީ)

comment ކޮމެންޓް