އުފާވެރި ކައިވެންޏެއްގައި އުޅުނު ނަމަވެސް ބައިވެރިޔާއަށް ބޭވަފާތެރިވެވެނީ ކީއްވެ؟

--/

ކިތަންމެ އުފާވެރިކޮށް އުޅޭ ދެމަފިރިން ނަމަވެސް ދެމެދުގައި މައްސަލަ ޖެހޭނެ އެވެ. ކުދި ކުދި މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ދެމީހުން ވެސް މަސައްކަތް ކުރަންވާނެ އެވެ. ކައިވެނީގެ ގޮށް ޖަހާލަނީ ދެ މީހުން އެކުގައި އުމުރަށް އުޅުމަށް ވައުދުވަމުންނެވެ. ކުރިމަތިވާ ކޮޅިގަނޑުތަކުގައްޔާއި އުފާވެރި ކަމުގައި ވެސް އެކަކު އަނެކަކަށް ޓަކައި ވުމަށް އަހުދުތައް ވަމުންނެވެ.

އުފާވެރި ދިރިއުޅުމެއްގައި ދެމަފިރިން އުޅުނު ނަމަވެސް ބައިވެރިޔާ އަށް ބޭވަފާތެރި ވެވިދާނެ ކަމަށް ގަބޫލުކުރަންހެއްޔެވެ. މިއީ ގަސްތަކާ ނުލައި ވެސް ކުރެވޭ ކަމެކެވެ. އާންމު ގޮތެއްގައި ކުރެވޭ ކުޑަ ކަމަކުން ވެސް މަގުން ކައްސާލައި ހަޔާތުގެ ބައިވެރިޔާ އަށް ދޮގު ހަދާ އޮޅުވާލެވޭތަން އާދެ އެވެ. އެކަކު އަނެކަކު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަނެކާއަށް ބޭވަފާތެރި ވެވެޔޭ ބުނުމުން ހިނި ވެސް އަތުވެދާނެ އެވެ. ނަމަވެސް މިއީ ހިނގާ ކަންތަކެވެ.

އަނބިމީހާ ނުވަތަ ފިރިމީހާ އަށް ބޭވަފާތެރިވެވޭ އެއް ސަބަބަކީ އެކަކަށް ޓަކައި ތިމާގެ ހުރިހާ ކަމެއް ހުސްކޮށްލަން ޖެހިލުންވުމެވެ. އެގޮތުން ބައިވެރިޔާ ގެއްލިއްޖެ ނަމަ ނުވަތަ ދޫކޮށްފައި ހިނގައްޖެ ނަމަ ދެން ހަދާނެ ގޮތެއް ނޭނގިފައި ހުރުމުގެ ބިރަށް ޓަކައި ބައެއް މީހުން ކައިވެނީގެ ބޭރުން ގުޅުން ބާއްވަ އެވެ.

ކޮންމެ ދުވަހަކު އެއްކަމެއް ކުރުން މަތީ ފޫހިވުމުގެ ސަބަބުން ނުވަތަ ޑެއިލީ ރޫޓިން މަތިން ފޫހި ވުމުގެ ސަބަބުން ވެސް ބައެއް މީހުން ބައިވެރިޔާ އަށް ބޭވަފާތެރިވެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު ވަރީގެ ނިސްބަތް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއާ އެކު ކައިވެންޏަށް އޮންނަ ބަރޯސާ ކުޑަވެ އެވެ. ކައިވެނީގެ ސަބަބުބް ހަމަޖެހިލައިގެން އުޅެވުނު ނަމަވެސް ކައިވެނި ރޫޅިދާނެ ކަމުގެ ބިރަށް ޓަކައި ބައެއް މީހުން ކައިވެނީގެ ބޭރުން ލޯބިވެރިން ގެންގުޅެ އެވެ.

ދެމަފިރިންގެ ގުޅުން ވަރުގަދަކޮށް ބޭއްވުމަށާއި ބައިވެރިޔާ އަށް ވަފާތެރިކަން މަތީ ދެމިހުރުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏަކީ ވަރުދަގަ ގުޅުމެއް ކަމަށް ހެދުމަށް ދެފަރާތުން ވެސް މަސައްކަތް ކުރުން މުހިއްމެވެ. އެންމެ ފުރަތަމަ ކަމަކަށް އެކަކު އަނެކަކާ މުއާމަލާތުކޮށް، ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރުމަށް އިސްކަން ދޭށެވެ. ދެމީހުންގެ ގުޅުމާއި ދިރިއުޅުން އަދި މުސްތަގުބަލާ ގުޅޭ ގޮތުން ވާހަކަ ދައްކާށެވެ.

އެކުގައި ހޭދަކުރާ ވަގުތުތަކަކީ ކޮލެޓީ ވަގުތަކަށް ހަދާށެވެ. ވަޒީފާގެ ސަބަބުން ދެމީހުން އެކުގައި ހޭދަކުރެވޭ ވަގުތު މަދުވިޔަ ނުދޭށެވެ. ކައިވެނީގެ ބޭރުން ގުޅުންތަކަށް މަގުފަހިވާ އެއް ސަބަބަކީ އެކަށީގެންވާ ވަރަށް ބައިވެރިޔާއާ އެކު ވަގުތު ހޭދަ ނުކުރެވުމެވެ.

ދުވަހެއް ދުވަހަކަށް ވަރީގެ އަދަދު އިތުރުވަމުން އަންނަ އިރު ތިމާގެ ކައިވެންޏަކީ ވެސް ވަރީގެ ލިސްޓަށް އިތުރުވާ ކައިވެންޏަކަށް ވުމުގެ ކުރިން އެކަމުން ސަލާމަތްވުމަށް ދެމަފިރިން އެކުގައި މަސައްކަތް ކުރުން މުހިއްމެވެ. ކިތަންމެ އުފާވެރި ކައިވެންޏެއް ނަމަވެސް ކައިވެނީގެ ބޭރުން ގުޅުން ހިންގުމަށް ބައިވެރިޔާ އަށް ފުރުސަތު ނުދޭށެވެ.

ަމައުލޫމާތު: ފެމަލީ ޝެއާ

comment ކޮމެންޓް