"ޕަދްމާވަތީ"ގެ ގަހަނާ ތައްޔާރުކުރަން 400 ކިލޯގެ ރަން ހޭދަވި!

"ޕަދްމާވަތީ"ގެ ޕޯސްޓަރު

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ފުރަތަމަ ޓްރެއިލާ ފެނުމުން ބެލުންތެރިން ވެސް ތިބީ އާޝޯހުވެފަ އެވެ. މުޅި ޓްރެއިލާ ވެސް ނިމުނީ ފޫހިކަމެއް ނެތި ބަލަން ތިއްބަ އެވެ. އަލުން ޓްރެއިލާ ބެލުނު އަދަދެއް ވެސް ގިނަ މީހުންނަކަށް ނޭނގޭނެ އެވެ. އެހާ ވެސް ފުރިހަމަ އެވެ.

ފިލްމުގެ ޓްރެއިލާ ފެނުނު މީހުން ބުނީ ބާންސާލީ ކަހަލަ މޮޅު ފަންނުވެރިއަކަށް ނޫނީ އެފަދަ ފިލްމެއް އުފެއްދުމުގެ ކުޅަދާނަކަމެއް، ގާބިލްކަމެއް ނުލިބޭނެ ކަމަށެވެ.

ޑިސެމްބަރު އެއް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަށް އެ ޓީމުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އަސްލާ އެއްގޮތަށް ގެނުމަށް ޓަކައި އެ ޓީމުން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ.

ތޭރަ ވަނަ ގަރުނުގެ ހާދިސާތަކެއް ދައްކުވައިދޭ އެ ފިލްމުގައި ގަހަނާ ހެދުމަށް ވަނީ 400 ކިލޯގެ ރަން ވިރުވައިފަ އެވެ. އަތްކަންކުރާ 200 މީހުންގެ 600 ދުވަހުގެ ބުރަ މަސައްކަތް ފެނިގެންދާ އެ ފިލްމަށް އެހާ ބޮޑު ހަރަދެއް ކުރަން ޖެހުނީ އެ ޒަމާނުގައި ޝާހީ ބޭފުޅުން ބޭނުން ކުރެއްވި ގަހަނާތަކަކީ މިޒަމާނުގައި ބޭނުންކުރާ ގަހަނާތަކާ ވަރަށް ތަފާތު އެއްޗިއްސަށް ވާތީ ކަމަށް ބާންސާލީ ބުންޏެވެ.

ތޭރަވަނަ ގަރުނުގައި އިންޑިއާގެ މޭވަރް ކިޔާ ސަހަރެއްގެ ރަސްކަލަކާއި ރާނީއެއްގެ މެދުގައި ހިނގި ހާދިސާތަކެއް މި ފިލްމުގައި ދައްކުވައިދޭ އިރު ރާނީ ޕަދުމާވަތީގެ ރޯލު ދީޕިކާ ޕަދުކޯން ފެނިގެން ދާނެ އެވެ. ޝާހިދު ކަޕޫރު ކުޅުމަށް ހަމަޖެހިފައި ވަނީ ރާނީގެ ފިރިމީހާ ރާވަލް ރަތަން ސިންގްގެ ރޯލެވެ. ފިލްމުގައި ރަންވީރު ސިންގް އަދާކުރަނީ އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލެވެ.

ފިލްމުގެ މަސައްކަތުގެ އިތުރުން ވެސް އެ ތިން ފަންނާނުންނަށް ކުޅެލަން ލިބުނު ރޯލު އެ ބައިވެރިން ވަނީ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފަ އެވެ. ފިލްމުގައި އެ ތިން ތަރިންގެ އިތުރުން އަދިތީ ރާއޯ ހައިދަރީ އާއި ޖިމް ސާބް އަދި ރަޒާ މުރާދް ފެނިގެންދާނެ އެވެ.

ޑިސެމްބަރު މަހު އެއް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަކީ ސަންޖޭ ލީލާ ބާންސާލީ އުފައްދާ އެންމެ ވަރުގަދަ ފިލްމު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ ފިލްމު ބޮލީވުޑްގެ ރެކޯޑުތައް ވެސް މުގުރާލާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް